ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވެތިބެ ނިޔު ނޯމަލްއެއްގެ ތެރެއިން ސްކޫލްތައް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނިޔު ނޯމަލްއެއްގައި ސްކޫލްތައް ހުޅުވާއިރު ހަތަރު ދަންފަޅިއަކަށް ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާއި ގުޅިގެން ތަޢުލީމީ ދާއިރާގެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ބޭއްވި ކޮމެޓި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ ޢައިޝަތު އަލީ ވިދާޅުވީ ސުލްކޫލްތައް ހުޅުވުމަށް ނިންމާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަޝްވަރާގެ މަތިން ކަމަށާއި އެގޮތުން ސުކޫލްތައް ނިޔު ނޯމަލްއެއްގައި ހުޅުވާއިރު ބައެއް ސްކޫލްތައް ހަތަރު ދަންފަޅިއަށް ވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް މިނސްޓަރ ފާހަގަ ކުރެއްވިއެވެ.
ނިޔު ނޯމަލްއެއްގައި ސުްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދަން ކުރަމުންދާ މަޝްވަރާތަކާއި ބެހޭގޮތުން މަޖިލީހުގެ ކޮމެޓީއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ނިޔު ނޯމަލްއެއްގައި ސްކޫލްތައް ހުޅުވައިގެން ކިޔައިވައި ދޭން ފެށިނަމަވެސް ޓީޗަރުންނާއި ސްކޫލް ކުދިންނާއި ސީދާސީދާކޮށް ނުވަތަ ފޭސްޓް ފޭސްކޮށް ބައްދަލުވާނީ ވަރަށް ކުޑަވަގުތުކޮޅަކަށް ކަމަށެވެ. އެގޮތުން ކުދިން ސްކޫލްގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ކުޑަވާނެ ކަމަށާއި ބާކީ ބައިގައި ކުދިންގެ ފިލާވަޅުތައް ނަގައިދޭނީ ޑިސްޓެންސިންކޮށް ނުވަތަ އޮންލައިންކޮށް ނުވަތަ ޓީވީތައް މެދުވެރިކޮށްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ނިޔު ނޯމަލްއެއްގައި ސްކޫލްތައް ހުޅުވައިގެން ކިޔަވައި ދޭން ފަށާއިރު ސްކޫލްތަކަށް ކުދިން ބަލާ އަންނަ ބެލެނިވެރިން އެއް ވަގުތެއްގައި ނުގެނެސް މީހުން އެއް ނުވާނެ ގޮތަކަށް ސްކޫލް ދޮަށަށް ކުދިން ބަލާ އައުމުގެ ކަންކަން ހަމަޖެއްސުމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މާލޭގެ ސުްކޫލްތަކުގައި ކުދިން ގިނަވުމުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ގާއިމް ކޮށްގެން ސްކޫލްތަކުގެ ކިޔެވުން ގެންދޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަމުންދާ ކަމަށާއި އަދި ނިޔު ނޯމަލްއެއްގައި ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ގިނަ ސްކޫލްތަކަށް ބަލާއިރު ކުދިންގެ ސާފުތާހިރުކަން އެންމެ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ ގޮތެއް ނެތް ކަމަށާއި އަތް ދޮވެ ސާފް ކުރާނެ އެންމެ އެކަށީގެންވާ ނިޒާމެއް މިވަގުތު ނެތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން އެކިއެކި ފަރާތްތަކާއި ވާހަކަ ދައްކައިގެން ކުދިންނަށް ސްކޫލްގައި އަތް ދޮވެ ސާފް ކުރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށް ބޭނުންވާ ފަންޑް މިހާރު ހަމަޖެހި އެ މައްސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ސުކޫލްތަކުގެ ގޭޓުތައް ކައިރީ ކުދިންގެ ހުން ބެލޭނެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ކެމެރާ ހަމަޖެއްސައި ދިނުމަށް ހެލްތް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި އެކަން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރ ދެއްވާފައިވާ ކަމަށް މިނިސްޓަރ ޑރ އައިޝަރު އަލީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އޮލައިން ޕްލެޓްފޯމްތަކާއި ޓީޥީ ސްޓޭޝަންތަކާއި ވާހަކަ ދައްކައިގެން ވީ އެންމެ އަވަހަކަށް ސްކޫލް ކުދިންގެ ފިލާވަޅުތައް ނަގައިދެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
https://www.youtube.com/watch?v=xxGr3UPhpC0&feature=youtu.be

