ގްރޭޓަރ މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ފެން މީޓަރުގެ ފޮޓޯއާއި ރީޑިން، އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕް މެދުވެރިކޮށް، އަޕްލޯޑު ކޮށްލައްވައިގެން ކަސްޓަމަރުންނަށް އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކޮށްލެވޭނެ އިންތިޒާމު އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ހަމަޖައްސައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ އެޕަށް އަލަށް ތަޢާރަފު ކުރެވުނު މި ފީޗަރއާއެކު، އެޕުގައި ބަޔާންކޮށްފައިވާ އިރުޝާދާ އެއްގޮތަށް މީޓަރުގެ ފޮޓޯއާއި ރީޑިންގ އަޕްލޯޑު ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެންބިލް ތައްޔާރުވެ، އެމް.ޑަބްލިޔު.އެސް.ސީ އެޕް މެދުވެރިކޮށް ފެންބިލް ބަލައިލެވޭނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އެޕަށް މިފީޗަރ ތަޢާރަފު ކުރެވުނީ، ފުރަބަންދުގައި އެމް.ޑަބްލިޔު.އެސް.ސީ ގެ މުވައްޒަފުން ގޭގެއަށް މީޓަރ ރީޑިންގ ނަގަން ދިއުމަކީ، ކަސްޓަމަރުންނާއި މުވައްޒަފުންވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަކަށް ވުމާއެކު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނާއި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގަވާއިދުން ފެން ބިލު ލިބިލައްވާނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށް ކުންފުނިން ހާމަކުރެއެވެ.
ފެން މީޓަރުގެ ރީޑިންގ ނަގާ ދުވަސް ޖެހުމުން، މީޓަރުގެ ރީޑިންގ އަޕްލޯޑު ކުރެއްވުމަށް އެދި އެމް.ޑަބްލިޔު.އެސް.ސީ އިން ކަސްޓަމަރުންނަށް އެސް.އެމް.އެސް ނޯޓިފިކޭޝަނެއް ފޮނުވާނެއެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ ނޯޓިފިކޭޝަން ލިބިލެއްވުމުން، އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕަށް ލޮގިންވެލައްވައި، އެޕްގެ ހޯމް ސްކްރީނުން ފެނިވަޑައިގަންނަވާ ރީނދޫ ކުލައިގެ ކެމެރާ އައިކަން އަށް ފިއްތަވާލެއްވުމަށްފަހު އެޕުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީޓަރުގެ ފޮޓޯއަކާއި މީޓަރުގެ ޑައިލް އިން ފެނިވަޑައިގަންނަވާ 8 އަދަދުގެ ނަންބަރު ޖައްސަވައިލެއްވުމަށްފަހު، ސަބްމިޓް ކޮށްލެއްވުމުން ކުޑަހިނދުކޮޅެއްގެ ތެރޭގައި ބިލް ޖެނެރޭޓްވެ ބިލް ފެނިގެންދާނެއެވެ.
އެމްޑަބްލިޔުއެސްސީން ހާމަކުރެއްވި ގޮތުގައި މި ފީޗަރ ގެ ދަށުން، އެޕް މެދުވެރިކޮށް އަޕްލޯޑް ކުރެއްވޭނީ ހަމަ އެވަގުތު ކެމެރާއިން ނަގާ މީޓަރުގެ ފޮޓޯ އެކެވެ. ފޯނުގެ ފޮޓޯ ގެލެރީ އިން، މި ފީޗަރ ގެ ދަށުން ފޮޓޯ އަޕްލޯޑެއް ނުކުރެއްވޭނެއެވެ.

