އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭތީ ރައްޔިތުންގެ މަޖިލިހަށް ނައިފައރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުއްލި މައްސަލަ ހުށަހަޅުއްވުން، ރައްޔިތުންގެ މަޖިލީހުގައި ހިމެވަޑައިގަންނަވާ އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުން ނުރުހުން ފާޅުކުރައްވާ ޝިޔާމަށް ރައްދު ދެއްވައިފިއެވެ.
ކޮވިޑް-19 އަށް އައްޑޫ ސިޓީގައި ޓެސްޓު ނުކުރެވޭތީ، އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޝިޔާމް ހުށަހެޅުއެއްވި ކުއްލި މައްސަލަ އެވަގުތު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 42 ވޯޓުން ވަނީ ބަލައިގަންފައެވެ.
ކުއްލި މައްސަލަ ބަލައިގަތުމަށް ރިޔާސަތުން ދެއްވި 7 މިނެޓުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮވިޑް-19 އަށް ސަރުކާރުން 814 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަ، އައްޑޫ އާއި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޓެސްޓް ކުރެވޭނެ ވަސީލަތްތައް ހުންނަން ވާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރިތީސްފަސް ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އެއްވެސް ވަސީލަތެއް ނެތި ސާމްޕަލްތައް ނަގައިގެން ޓެސްޓު ކުރަން، ފްލައިޓެއް ޗާޓަރުކޮށްގެން މާލެއަށް ގެންނަން ޖެހުމަކީ ބޮޑު ހަރަދެއް ކަމަށެވެ.
އައްޑޫ ސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ބޭނުންވާ ސަލާމަތީ ވަސީލަތްތައް ނެތްކަމާއި ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި، ނަރުހުން ރަނގަޅަށް ތަމްރީނުވެފައި ނެތުމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
”އައްޑޫގައި ޓެސްޓް ކުރެވޭކަށް ނެތް، ޕީޕީއީ ނެތްކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުންދަނީ ކުރަމުން، އައްޑޫސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމުން ސާމްޕަލް ނަގައިގެން ފްލައިޓް ޗާޓަރ ކޮށްގެން މާލެއަށް ސާމްޕަލް ގެންނަންޖެހުމަކީ ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއް، އައްޑޫސިޓީ ހޮސްޕިޓަލްގައި ޑޮކްޓަރުންނާއި ނަރުހުންނަށް އެކަށީގެންވާ ތަމްރީން ދެވިފައެއްނެތް، އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައެއް ނުވޭ: ޝިޔާމް
ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އައްޑު ސިޓީގެ މެންބަރުން ތިއްބެވީ ނިފާއެއް ނޫން ކަމަށެވެ. އަދި ނައިފަރު ދާއިރާގެ މެންބަރު ހައްދަވަނީ ކަނޑއެޅިއެގެން އިތުރު ފުޅެއް ކަމަށާއި ކޮވިޑް19 ގެ ކަންކަމުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ދުނިޔޭގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތާއި ރާއްޖޭގެ ހާލަތު ވެސް ޝިޔާމަށް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތު ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާ ހެނެއް ހިޔެއްނުވޭ. ޝިޔާމް ހުށަހެޅުއްވި މައްސަލާގައި މި އޮތް ގޮތުން ހީވަނީ ރާއްޖެއަކީ ކަންމަތީ ސްޓޯރުން ޓެސްޓް ކިޓް ވިއްކާ، ޓެސްޓް ކިޓް އުފައްދާ ގައުމެއް ހެން، މާލޭގައި ވެސް އަދި ރާއްޖޭގައި ވެސް އެކަށީގެންވާ ވަރަށް ޓެސްޓް ނުކުރެވޭ ކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް“ ޝަރީފު .
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކަމާބެހޭ ފަރާތްތަކާއެކު ވާހަކަދެކެވި މަޝްވަރާތައް ކުރެވެމުންދާކަން ކަމަށާއި އައްޑޫގައި ވެސް ޓެސްޓް ކުރުމަށް މެޝިނެއް އެބަހުރި ކަމަށެވެ. އަދި އެ މެޝިނުން ކޮވިޑް-19 ޓެސްޓް ކުރުމަށް ބޭނުންވާ ކާރޓްރިޖް މިމަހުގެ ތެރޭގައި ލިބޭނެކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭ މައްސަލައިގައި އެ ސިޓީގެ ހުރިހާ މެމްބަރުން ކެނޑިނޭޅި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”އަޅުގަނޑުމެންނަށް ހިލޭ އެހީގެ ގޮތުގައި ތަންތަނުން އެބަ ލިބެއޭ ޓެސްޓް ކިޓްތަކާއި އެއްޗެހި، ނަމަވެސް ޑަބްލިއުއެޗްއޯ އެޕްރޫވްޑް ނުކުރާ އެއްޗެހި ގެނެސްގެން އޭގެ މައްސަލަތައް ނުކުމެގެން އެބަދޭ، އައްޑޫގަ ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތް، އައްޑޫން ވެސް ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ މި ތަނުން މެޝިނެއް ގެންގޮސް ގެންވެސް ކަންކަން ހަމަޖައްސާނެ، ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް 24 ގަޑިއިރުގެ ތެރޭގައި މާލެ ގެނެސްގެން ޓެސްޓް ކުރެވޭ ގޮތަށް ހުރީ“ ރޮޒައިނާ
ރޮޒައިނާގެ ވާހަކައަށް ފަހު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ޝިޔާމު ހުށަހެޅުއްވީ ކުއްލި މައްސަލައެއް ކަމެއް ސާފުނުވާ ކަމަށެވެ.
އިލްޔާޒް ލަބީބު ވިދާޅުވި ގޮތުގައި މިމައްސަލާގައި ސަރުކާރަށާއި މަޖިލިސް މެންބަރުންނަށް އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ނޭނގޭ އާ ވަހަކައެއް ނެތެވެ. ޕީޕީއީ އާއި ހޭންޑް ސެނަޓައިޒަރާއި މާސްކް ފަދަ ފަމަސޫޓިކަލް ވަސީލަތްތައް ވެސް އައްޑޫ ސިޓީގައި ހުރިކަމަށް އޭނާވެސް ވިދާޅުވިއެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވި ގޮތުގައި އެ ކުއްލި މައްސަލައަކީ މި ބަލިމަޑުކަމުގެ ހާލަތަލަތުގައި ލިބުނު ސިޔާސީ މޮޅެއް ކަމަށް ދެކި، އައްޑޫ ރައްޔިތުން އޮޅުވާލުމުގެ ބޭނުމުގައި ޝިޔާމް ހުށަހެޅުއްވި މައްސަލައެކެވެ.
ނިހާދު ވިދާޅުވީ އެ މަސައްސަލަ ހުށަހެޅީ ”ޝިޔާމް ހިތުން އައްޑޫ ރައްޔިތުން ގަޅި ހައްދަން“ ކަމަށެވެ. އަދި މި މައްސަލައަކީ އެއްގޮތަކަށްވެސް ކުއްލި މައްސަލައެއް ނޫން ކަމަށާއި އެއީ ކުއްލި ޙާލަތެއްގައި ކުރަން އުޅޭ ބަޣާވާތެއް ކަމަށް ނިހާދު ވިދާޅުވިއެވެ.
”އައްޑޫ ރައްޔިތުންނަކީ ހޭލުންތެރި ބައެއް. އައްޑޫ ރައްޔިތުންނަށް ވަރަށް ސާފު، ދުނިޔޭގައި މިހާރު މި އޮތް ހާލު، އެ ރައްޔިތުންނަށް ޓަކައި އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރާނެ ކަން ވެސް ވަރަށް ރަނގަޅަށް އެނގޭން, ހިތުން އައްޑޫ ރައްޔިތުން ގަޅި ހައްދަންވެގެން އުޅުނީ، މީ ކުއްލި ހާލެއްތައި ކުރަން އުޅޭ ބަޣާވާތެއް“ ނިހާދު.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް މަޖިލީހަށް ހުށަހަޅާއިރު ރަނގަޅަށް ބަލާ މައުލޫމާތު ހޯދުމަށްފަހު ހުށަހެޅުން ރަނގަޅުވާނެ ކަމަށެވެ. އައްޑޫ ސިޓީގެ 7 މެންބަރުން އެކުގައި ދާއިރާގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ، އައްޑޫ ސީޓީގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދޭން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކޮވިޑް-19 ރޯގާ އާއި ގުޅިގެން އެބަލިން ރައްކާތެރިވުމަށް ބޭނުންކުރާ ވަސީލަތްތަކާއި ޓެސްޓް ކުރުމަށް ބޭނުންވާ ލެބޯޓަރީ ސާމާނުތަކަކީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ލިބުމުގައި ދަތިތަކެއް އުޅޭ ކަމެއް ކަމަށެވެ.
ޝިޔާމު ހުށަހެޅުއްވި ކުއްލި މައްސަލާގައި އައްޑޫ ސިޓީގެ މެންބަރުންގެ ތެރެއިން ބަހުސް ނުކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. މިއަދުގެ ޖަލްސާއަށް އަސްލަމް ވަޑައިގެންވި ކަމެއް ސާފުވާ ގޮތެއް ނުވިއެވެ.

