ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ކަމާބެހޭ އެހެން މިނިސްޓަރުންނާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، އެ ބައްދަލުވުމަކީ ސިނާއަތުގެ ބައިވެރިންނާއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ. އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށާއި، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކުގެ މައްޗަށެވެ.
އޭގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ދެއްވި ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އެއްބަސްވެވުނުއިރު، އެ ދާއިރާއާ ގުޅިގެން ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން އެ ބައްދަލުވުމުން އަލުން ހާމަކޮށްދިން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު އަމީންގެ އިތުރުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބަންޑާރަނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައިގަތެވެ.
ޓޫރިޒަމް ވިޔަފާރިވެރިންގެ ތެރެއިން ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) އާއި ސަން ސިޔާމް ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުން ބާއްވާފައި މިވަނީ ބޭރުގެ ޓުއާ އޮޕަރޭޓަރުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ނިންމި ނިންމުމަށާއި، ޑޮލަރު މާރުކުރުމަށް ރިސޯޓުތަކަށް މަޖުބޫރުކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ބޭރުގެ ޓުއާ އޮަޕަރޭޓަރުން އަތުން ޖީއެސްޓީ ނަގަން ގާނޫނަށް ގެނައި އިސްލާހަށް މި މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފަށާފައިވާނަމަވެސް، އެކަމުގައި އިންޑަސްޓްރީގެ ބޮޑެތި ކަންބޮޑުވުންތަކެއް އޮތުމުން، އޭގެ ތިން ދުވަސް ފަހުން މިނިސްޓަރު އަމީން ވަނީ އެ ގާނޫނު އަލުން އިސްލާހުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ.

