ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

109 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ޝިފާއު ގޭބަންދަށް!

ވަގު ޓީޓީ ފޮނުވައިގެން މުދާ ގަތް މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރުގެ އެކި ކުންފުނިތަކަށް އޮޅުވާލައި، ގިނަ އަދަދެއްގެ މުދާ އެތެރެކުރި މައްސަލާގައި 109 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ހުސައިން ޝިފާއު ބޭސްފަރުވާއަށް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލީ، ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި މައްސަލައިގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގެ ހަތް ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއެކެވެ. މި ދައުވާތައް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ މައްޗަށް ވަނީ 109 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެކަކުގެ މައްޗަށް އިއްވި އެންމެ ދިގު އެއް ޖަލު ހުކުމެވެ.

ޝިފާއު ގޭ ބަންދަށް ބަދަލުކުރި މައްސަލަ ފެންމަތިވީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އުމުރު ދުވަހުގެ ހުކުމެއްގައި ހުރި އިބްރާހިމް ރަޝީދު (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންވުމާއި ގުޅޭ ޕްރެސްއާއި ގާތްކޮށެވެ.

މައްސަލައިގައި ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ހާމަކުރި ޕްރެސްގައި، ނޫސްވެރިއަކު ވަނީ ޝިފާއު ވެސް ގޭބަންދަށް ބަދަލު ކުރިކަން ފާހަގަކޮށް ސުވާލުކޮށްފަ އެވެ. އެކަމާއި ގުޅޭގޮތުން އިހުސާން ވިދާޅުވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީންނަށް ޖަލުގައި ފަރުވާ ނުދެވޭ ފަދަ ސިއްހީ ހާލަތްތަކުގައި ނުވަތަ ޑޮކްޓަރުންގެ ލަފާގެ މަތިން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އިހުސާން ވިދާޅުވީ ޝިފާއު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ މައްސަލަތަކަކާ ގުޅިގެން ފުރަތަމަ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މުއްދަތުގައި އޭނާގެ ހާލަތު ރަނގަޅު ނުވެއްޖެނަމަ، އިތުރު ދެ މަސް ދުވަސް ދެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ހާއްސަ ޝަރުތުތަކަކާ އެކުގައި ކަމަށާއި، އެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އަނބުރާ ޖަލަށް ގެންދާނެކަމަށް އިހުސާން ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި، 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމާ ގުޅިގެން ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް، އޭނާ އަލުން ހައްޔަރުކުރީ އެނބުރި ރާއްޖެ އައުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: