ހުޅުމާލޭގައި ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެއް އާއިލާއެއްގެ ދެ މީހުންގެ ހާލު ސީރިއަސްވެ، އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި އިންސާފު ހޯދައިދިނުމަށް އެ އާއިލާއިން އެދިއްޖެ އެވެ.
ރޭ މެންދަމު 3:00 ހާއިރު ހުޅުމާލޭ ފޭސް 3 ގެ ސަރަހައްދުގައި މި ހާދިސާ ހިނގާފައި ވަނީ ގަވާއިދާ ހިލާފަށް ވަންވޭއާ ފަޅާލައި ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހިގެންނެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް ދުއްވި ސައިކަލުގައި ތިން މީހުން ތިބި އިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ. އަދި އެ މީހުން ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެކެވެ.
ވަގަށް ނަގައިގެން ދުއްވި ސައިކަލުގައި ތިބީ ދެ ފިރިހެނުންނާއި އަންހެނެކެވެ. ގަވައިދާ ހިލާފަށް ސައިކަލު ދުއްވި މީހާއަކީ މިފަދަ މައްސަލަތަކުގައި ރިކޯޑު އޮތް މީހެކެވެ. އަދި ސްކޭމާއި ވައްކަން ހިމެނޭހެން އެކި މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވާއިރު ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖުރިމަނާގެ ބޮޑު އަދަދެއް އަރާފައިވާކަމަށް ވެސް ވަނީ އެނގިފަ އެވެ.
މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ހާލު ބޮޑުވި ހަތަރު މީހަކަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ގަވާއިދުން ދުއްވާފައި ދިޔަ ސައިކަލުގައި ތިބި އެއް މީހުން ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން އަނިޔާވި ދެ މީހުންގެ އާއިލާގެ ފަރާތުން ސޯޝަލް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ދެ މީހުން ދުއްވީ ޓްރެފިކް ގަވާއިދުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކުކަމަށާއި، މި ހާދިސާ ހިނގީ އަނެއް ސައިކަލުގެ އިހުމާލުންކަން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާކަމަށެވެ. އަދި އެ އާއިލާގެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބި ހާލު ސީރިއަސްވެފައިވާއިރު، މި މައްސަލަ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގައި ފުލުހުން ދެކޭކަމަށް އަޑުއިވޭތީ އެކަމާ ކަންބޮޑުވާކަމަށް ބުނެފައި ވެއެވެ.
އާއިލާއިން ވަނީ މި ހާދިސާ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލައި، ފުރިހަމަ ތަހުގީގެއް ކުރުމަށްފަހު އިހުމާލުވި ފަރާތްތަކުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެކަމަށް ބުނެފައެވެ.

