ވ. ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީއަކަށް ހަމަޖެއްސި މީހެއްގެ އެކައުންޓަށް މިސްކިތު ވޭޖުގެ ގޮތުގައި އަދި އެހެނިހެން ފައިސާގެ ގޮތުގައި ރެކޯޑެއް ނެތި ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އެގޮތުން، އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވަނީ، މިސްކިތު ވޭޖްގެ ގޮތުގައި 2022 ވަނަ އަހަރުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު ވަގުތީ އެސްޖީއަށް 9،900 ރުފިޔާ ޖަމާކުރަމުން ގޮސްފައިވާއިރު، އޭނާގެ ރަސްމީ ވަޒީފާގެ އިތުރަށް މިސްކިތް ބެލެހެއްޓުމާ ބެހޭ މަސައްކަތެއް ހަވާލުކުރިކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ. އަދި ލިޔެކިޔުމުން އެނގޭ ގޮތުގައި މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ކައުންސިލް އެސިސްޓެންޓަކާ ކަމާއި އޭނާއަށް ވެސް މުސާރަ ލިބެމުން ގޮސްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ވަގުތީ އެސްޖީގެ އެކައުންޓަށް ހަތަރު އަހަރު ތެރޭގައި މިސްކިތު ވޭޖްގެ ގޮތުގައި 337،600 ރުފިޔާ ޖަމާކޮށްފައިވާކަން އޮޑިޓުން ހާމަވެފައިވެއެވެ. އޭނާ މަސައްކަތް ކޮށްފައިވާ ދުވަސްތަކާއި، މުސާރަ ހިސާބުކޮށްފައިވާ ގޮތުގެ ތަފްސީލުތައް ވެސް އެނގެން ނެތްކަން އޮޑިޓުން ހާމަވެފައިވެއެވެ.
އެ ފައިސާ އޭނާއަށް ދެމުން ގޮސްފައިވަނީ، ކައުންސިލުން ބޭންކަށް ފޮނުވާ ސިޓީއާއެކު އެޓޭޗްކޮށްފައިވާ ޝީޓުގައި ވަގުތީ އެސްޖީގެ އިތުރުން ކައުންސިލުގެ ނައިބު ރައީސް އާއި ކައުންސިލު އިދާރާގެ އެހެން މުވައްޒަފެއް ސޮއިކޮށް ހުއްދަދީގެންކަން އޮޑިޓަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަވެފައިވެއެވެ.
އޭގެ އިތުރުން، އެހެނިހެން ފައިސާގެ ގޮތުގައި ވަގުތީ އެސްޖީގެ އެކައުންޓަށް ހަތަރު އަހަރު ތެރޭގައި 79،771 ރުފިޔާ ޖަމާކޮށްފައިވާއިރު، އެ ފައިސާއާ ބެހޭ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވަނީ އޭނާއަށް އެ ފައިސާ ދެމުން ގޮސްފައިވަނީ މާލިއްުޔަތު ގަވައިދާއި ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށެވެ. އަދި އުޖޫރަ ކަށަވަރުނުކުރެވޭ ގޮތަށް ރަސްމީ ލިޔެކިޔުމެއް ނެތި، މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ދޫކުރާނަމަ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެ މައްސަލަ އޭސީސީއަށް ހުށަހަޅައިގެން ހޯދަންޖެހޭ ފައިސާއެއް ވާނަމަ އެ ފައިސާ ހޯދުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.

