އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ގެނައި ބަދަލުތަކާއެކުވެސް ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނާއި ބޭސްފަރުވާއަށްދާ ފަރާތްތަަކަށް އިސްކަންދީގެން ޕާސްޕޯޓު ދޫކުރަމުން އައިކަމަށެވެ. އެހެންނަމަވެސް މިހާރު ޕާސްޕޯޓުގެ ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެ، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ ސްޓޮކް ލިބޭނެ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްފަދައިން ޕާސްޕޯޓް ދޫކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
”ނޯރމަލް އޮޕަރޭޝަން ސަންޑޭއިން ފެށިގެން ކުރިއަށްދާއިރު އެހިސާބުން ފެށިގެން ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް މިހުރި 39 ލޮކޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭނަން. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕާސްޕޯޓެއް އިޝޫކުރުމަށް އެބަނަގާ 28 ދުވަސް، 40 ދުވަސް، 1 މަސް ދުވަސް އެބަނަގާ ބައެއް ފަހަރު. އަޅުގަނޑުމެން ނޯރމަލް ހާލަތައް ގެނެވުނީމަ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓެއް ހަދާ ނިންމާނެ.“
ވަޒީރު އިހްސާން ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން ބެކްލޮގުގައި 2646 ވަރަކަށް ޕާސްޕޯޓު ރިކުއެސްޓް އެބައޮތް ކަމަށެވެ. އައު ސްޓޮކް ލިބުމާއެކު މި ބެކްލޮގް 5 ވަރަކަށް ދުވަހުގެ ތެރޭގައި ކްލިއަރކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ދުވާލެއްގެ މައްޗަށް ޕާސްޕޯޓު ހެއްދުމަށް އެވަރެޖްކޮށް 350 ރިކުއެސްޓް އަންނަމުންދާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މިހާރު އޮތް ބެކްލޮގް ކްލިއަރކުރުމަށް އިމިގްރޭޝަނުން ޚިދުމަތްތައް ދޭ ވަގުތު އިތުރުކުރާނެ ކަމަށެވެ. އެގޮތުން އޮފީސް ހުޅުވާފައި ހުންނަ ވަގުތާއި ޕްރިންޓިން ކެޕޭސިޓީ އިތުރުކޮށް ބެކްލޮގް ކުޑަކުރުމަށް ގިނަ މަސައްކަތް ކުރަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

