ސަރުކާރުގެ މައިގަނޑު އަމާޒަކީ އަންހެންކުދިންނާއި ޒުވާން އަންހެނުން މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ބޭނުންވާ ތަމްރީނާއި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައާ އެކު ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ރައްކާތެރި އަދި އެހީތެރި މާހައުލެއްގައި އަންހެނުންނަށް ގައުމީ ތަރައްގީގައި އަމަލީގޮތުން ފުރިހަމައަށް ބައިވެރިވެވޭނެ ހަރުދަނާ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.
މި އަމާޒުތައް ހާސިލުކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމައު އަދި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އަންހެން ދަރިންގެ ކުރިއެރުމަށް މިއަދު ކުރެވޭ އިންވެސްޓްމަންޓަކީ މުޅި މުޖުތަމައަށް ހަމަހަމަކަމާއި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

