ރައްޔިތުންނަކީ ދައުލަތަށް އެންމެ ފައިދާހުރި އަދި ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ލިބޭނެ އެންމެހައި މަގުތައް ހޯދައި، އެމަގުތަކުން ކުރިއަށް ދިއުމުގައި ލާމަސީލު ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ޖުމްހޫރަކީ ގިނަ ރައްޔިތުންކަމަށާއި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހޮވާފައިވާ ވެރިޔަކު ހިންގާ ވެރިކަން ކަމަށެވެ. އެހެންކަމުން މި ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން އިހުތިފާލުކޮށް ފާހަގަކުރާ ރޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ދިވެހި ދައުލަތުގެ ވެރިކަމާމެދު ދިވެހިންގެ ބަސް އިއްވި ދުވަސްކަމަށާއި، އެއީ ދިވެހިންގެ އިއްޔެއާއި މިއަދާއި މާދަމާއާމެދު ވިސްނުމުގެ ދުވަސް ކަމަށެވެ.
ދިވެހި ކާބަފައިން ޒަމާނުއްސުރެ އެ ތޫނު ވިސްނުން ދަމަހައްޓައި ދުނިޔެއަށް އަންނަ ލޮޅުންތަކާ ކުރިމަތިލައި، ފަހުރުވެރި ކުރިއެރުންތައް ހޯދަމުން އައިސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ އިސްލާމްދީން ބާވައިލައްވައި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރެން ފެށިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިން އެ ދީން އިހުތިޔާރު ކުރުމެވެ.
”އާދެ އެއީ އިސްލާމްދީނަކީ އެންމެ ފުރިހަމަަ ހައްގު ދީންކަމުގައިވާތީ. އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގެ ކުލަތައް ކޮންމެ ގޮތަކަށް ހުއްޓަސް، އަޅުގަނޑުމެން ދިވެހިން އެއަކަށް ފަރުވާލެއް ނުބެހެއްޓީމު. އަޅުގަނޑުމެން ލިބިގަތީ އާލަމްތަކުވެރި މާތްﷲގެ ރިއާޔަތްތެރިކަން،“
ރައީސް ފާހަގަކުރެއްވީ މި ސަރަހައްދުގައި އެންމެ ފުރަތަމަ ލިޔެވިފައި އޮތް ގާނޫނުއަސާސީއެއް ބަލައިގަތީ ރާއްޖެއިން ކަމެވެ. އެއިރު އޮތް ރަސްކަމުގެ ސަގާފަތާއެކުވެސް އެ ގާނޫނުއަސާސީން ރައްޔިތުންނަށް އެތައް ހައްގުތަކެއް ކަށަވަރުކޮށްދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވެރިކަމުގެ ނިޒާމަށް ބަދަލުގެނެސް ރައްޔިތުން އިންތިހާބުކުރާ ވެރިޔަކު ވެރިކަންކުރާ ގައުމަކަށް ރާއްޖެ ބަދަލުވިކަން ފާހަގަކުރައްވަމުން ރައީސްވަނީ ވިރާސީ ރަސްކަމަކުން އިންތިހާބީ ރަސްކަމަަކަށް ބަދަލުވުމަށްފަހު، އިންތިހާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެ، މިހާރު ޒަމާނީ ޑިމޮކްރަސީއެއް ދިވެހީން ބަލައިގަނެފައިވާ ކަމެވެ.

