ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ 84 ދަރިވަރުން ތަމްރީނު ފެށުމަށް ޓަކައި މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްއަށް މިއަދު ވަނީ ފުރާފައިވާއިރު، އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އެ ތަމްރީނުގެ ތިން ވަނަ ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނޭއެވެ.
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަކީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ތިންވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ބެޗުގައި ފުރުސަތު ދިން ދަރިވަރުންނެވެ.
16 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ސެޓްފިކެޓް ލެވެލް 3ގެ ހަ ކޯހެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ކޯސްތައް ހިމެނެއެވެ.
އެ ކޯސްތަކުގެ މުގައްރަރުގައިވާ ބައިތަކުގެ އިތުރުން ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް އެ ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ. ހަމައެއާއެކު، އެ ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމު ބިލްޑިންގ ހަރަކާތްތަކާއި، ލީޑަރޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަހްލާގު ދަސްކޮށްދޭނެއެވެ.
ސަރުކާރުން ބުނާ ގޮތުގައި، އެ ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، އަގީދާ ވަރުގަދަ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަހުލާގާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ތަމްރީނުތައް ދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފެށި މި ގައުމީ ހަރަކާތުގެ މައިގަނޑު އަމާޒަކީ ޒުވާނުންގެ ކިބައިގައި އިސްލާމީ ރިވެތި އަހްލާގާއި ގައުމީ ލޯބި އަށަގެންނެވުން ކަމަށް ސަރުކާރުން ބުނެއެވެ. ކުރިމަގުގައި ފަންނީ އިތުރު ދާއިރާތަކާއި އިންޓަރންޝިޕްގެ ފުރުސަތުތައް ވެސް އެ ޕްރޮގްރާމުގެ ތެރެއިން ތައާރަފުކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާތަނަށް އެ ހަރަކާތުގެ އެކި ބުރުތަކުގައި އެއްހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

