ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުހުއްމަދު އިބްރާހީމްއެވެ.
މިއަދު އިފުތިތާހުކުރެވުނު ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިން ވަނަ ކޯހުގައި، ރާއްޖޭގެ 17 އަތޮޅުތަކުން 84 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 64 ފިރިހެން ދަރިވަރުންނާއި، 20 އަންހެން ދަރިވަރުން ހިމެނެއެވެ.
މި ދަރިވަރުން ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ރިޕޯޓްކޮށްފައި ވަނީ އޮކްޓޫބަރު 12ވަނަ ދުވަހުއެވެ.
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގައި، މެރިން އިންޖިނިއަރިންގއާއި، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގއާއި، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަނާއި، އޮޓޯމޯބައިލް އިންޖިނިއަރިންގއާއި، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދިނުމާއި ކެޑޭޓުންގެ އަޒުމް އައުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މުދައްރިބުންނަށް ވައުދު ލައިދެއްވީ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ކެޑޭޓުންގެ އަޒުމް އައުކޮށްދެއްވީ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ހުސައިން ޝާހިދެވެ.
މި ރަސްމިއްޔާތުގައި ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ހުސައިން ޝާހިދާއި، އެ ސްކޫލުގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމާންޑް ސާޖަންޓް މޭޖަރ އަހުމަދު ޝަޤީފާއި، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ސާޖަންޓް މޭޖަރ ސައީދު ހަސަން އަދި ފަންނީ ތަމްރީން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

