ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އަށް ޕޮޒިޓިވްވި ކަމަށް ބުނާ 17 ދުވަހުގެ ތުއްތު ކުއްޖާގެ ވާހަކަ!

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ބުނެ 17 ދުވަހުގެ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލްއެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނި ނަމަވެސް ކުއްޖާގެ ދެވަނަ ސާމްޕަލް މި މަހުގެ 16 ވަނަ ދުވަހު ނަގާފައިވާކަމަށް އާއިލާއިން ބުނެފިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެއް މަސް ނުފުރޭ 17 ދުވަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށް އެންއީއޯސީއިން ނޫސްވެރިންނަށް ހާމަކުރީ މީގެ ދެ ދުވަސް ކުރީންނެވެ. އޭރު އެ ކޭސްއާއި ބެހޭ މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ ކުއްޖާއަކީ ބައްޔަށް ޕޮޒިޓިވް ވި މީހެއްގެ ކްލޯޒް ކޮންޓެކްޓެއްކަމަށެވެ.

ކުޑަކުދިންނަކީ ހައި ކެޓަގަރީއަށްވެފައި އެ ކުއްޖާ ކޮވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށް ޑރ. އަފްޒަލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ވިހެއިތާ ދެ ހަފްތާ ވީ ތުއްތު ކުއްޖެއް ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ކުއްޖާގެ މަންމަ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ޑރ. އަފްޒަލް ހާމަކުރެއްވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މީޑިއާތަކުން ވަނީ، ތުއްތު ކުއްޖާގެ ނަތީޖާތައް ސާފުނުވާ ކަމާއި، އަދި އެ ކުއްޖާގެ މަންމައ ބައްޕަގެ އިތުރުން މުޅި އާއިލާ ބައްޔަށް ނެގެޓިވްތޯ ސުވާލުކޮށްފައެވެ. ނޫސްވެރިއަކު އެ ސުވާލު ކުރުމުން ޖަވާބު ދެއްވަން ފައްޓަވަމުން ޑރ. އަފްޒަލް ވިދާޅުވީ “ކުއްޖާގެ ނަތީޖާ ނެގެޓިވް” މިހެންނެވެ. އެއަށްފަހު ކުޑައިރުކޮޅަކަށް މަޑު ކުރެއްވުމަށް ފަހު އެ ސުވާލުގެ ޖަވާބު ފަހުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

“ކުއްޖާ ނެގެޓިވް………… ނޫން….. އޯކޭ.. އަޅުގަނޑު ތިޔަ ސުވާލަށް ފަހުން ޖަވާބު ދޭނަން. އެންމެ ރަނގަޅުތޯ” ޑރ. އަފްޒަލް

ނޫސްވެރިންގެ ބައްދަލުވުން ނިމިގެން ދިޔައިރު ވެސް ކުއްޖާގެ ނަތީޖާ ސާފެއް ނުވިއެވެ. އަދި ކުއްޖާގެ މަންމައާ ބައްޕަ ޓެސްޓު ކުރިކަމެއް ނުވަތަ ނުކުރާ ކަމެއް ޔަގީންކޮށް ނުދެވުނެވެ.

ކުއްޖާގެ އައިލާގެ ފަރާތުން “ސަންގު” އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެޗްޕީއޭގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ. އަދި މިއަދު އެކަނިވެސް ދެ ފަހަރަކު ގުޅާފައިވާނެ ކަމަށެވެ. ކުއްޖާގެ މަންމަ ބުނެފައިވަނީ އެންމެ ފުރަތަމަ ސާމްޕަލް ނެގީ 14 ގައި ކަމަށެވެ. އަދި ދެވަނަ ސާމްޕަލް 16 ގައި ނެގިއިރު ދެވަނަ ސާމްޕަލްގެ އެއްވެސް ވާނުވާއެއް ނޭނގޭ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކުއްޖާގެ ދެވަނަ ސާމްޕަލްއެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކުއްޖާގެ މަންމަ ބުނީ ދެން އިތުރު ސާމްޕަލްއެއް ނަގާނަމަ އެވާނީ ތިން ވަނަ ސާމްޕަލްއަށް ކަމަށެވެ.

ކުއްޖާގެ ނަތީޖާ ޕޮޒިޓިވް ވުމުން އެ ގޭގެ އެހެން މީހުންގެ ސާމްޕަލްތައް ނެގިއެވެ. އަދި ވަގުތުން ދަރިފުޅާއި އެކު މަންމަ އާއި ބައްޕަ ވެސް ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރިއެވެ. ކުއްޖާގެ ބޮޑު ބޭބެއަކީ ވެސް އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވް ވީ މީހެއް ކަމުން ކުއްޖާގެ ކަންތަކާއި ގުޅޭގޮތުން ސަމާލުކަން ދޭންވީ ކަންތަކާއި ގުޅޭގޮތުން ސުވާލު ކުރިކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. އަދި އެ ކުއްޖާގެ އަލާމާތްތަކާއި އެކު ޓެސްޓު ކުރީ ނޭވާ ލާއިރު އަޑު ކިޔާތީ ކަމަށެވެ.

އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ކުއްޖާގެ މަންމަ ބުނީ ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭ ކަމަށެވެ. މިގޮތަށް ތުއްތު ކުއްޖާއާއި ބެހޭ އެއްވެސް މައުލޫމާތެއް ސާފު ނުވެގެން އުޅެންޖެހުމަކީ ނަފްސާނީ ގޮތުން ވެސް އެތައް އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ. އަދި ދަރިފުޅާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ފުރަތަމަ ސާމްޕަލް ވެސް ޕޮޒިޓިވްކަމަށް ބުނީ ގުޅާ އެކަމުގެ އަޕްޑޭޓެއް ދޭން އެދުމުންނެވެ. އެންމެ ލަސްވެގެން 24 ގަޑި އިރު ތެރޭ ނަތީޖާ ލިބޭނެ ކަމަށް ބުނި ނަމަވެސް ހައިރިސްކު ކެޓަގަރީގެ ސާމްޕަލްއެއްގެ ނަތީޖާގެ މައުލޫމާތެއް ނުދެއެވެ. ދެވަނަ ސާމްޕަލް ވެސް ޔަގީން ނުވަނީނަމަ އެކަން ވެސް އެންގުމަށް އެދޭކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. ކޮންމެ ފަހަރަކު ވެސް ގުޅަންޖެހެނީ އަމިއްލައަށް ކަމަށާއި، ފޯނަށް ޖަވާބު ދޭ އެއްވެސް މީހަކަށް ދަރިފުޅުގެ އަޕްޑޭޓެއް ނޭނގޭ ކަމަށް ބުންޏެވެ. 

އެޗްޕީއޭ އިން ވަނީ އާއިލާއަށް ގުޅައި، އެ އާއިލާގެ އެންމެންވެސް ނެގެޓިވްކަން އަންގާފައެވެ. ނަމަވެސް އެ ކުޑަކުއްޖާގެ ދެވަނަ ސާމްޕަލް އާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުދެއެވެ. 

އެކި ގޮތްގޮތުން ކުރި މަސައްކަތުން ދަރިފުޅުގެ ނަތީޖާ ނެގެޓިވްކަން އެނގިފައިވާ ކަމަށާއި، އެހެން ނަމަވެސް ސާފުކޮށް ވާނުވާ ނޭނގޭ ކަމަށް ކުއްޖާގެ މަންމަ މައުލޫމާތު ދިނެވެ.

ކުއްޖާގެ މަންމަ ބުނީ، ސިޒޭރިއަންއަށްފަހު އަދިވެސް އެކީ އޭނާ ރަނގަޅު ނުވާ ކަމަށެވެ. އަދި މިގޮތަށް ހާސްކަންމަތީ ކަންބޮޑުވުމެއްގެ ތެރޭގައި އުޅެންޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެންމެ ބޮޑު އެދުމަކީ ދަރިފުޅުގެ ނަތީޖާ ސާފުކޮށް އައިލާއަށް އެންގުން ކަމަށް ވެސް މަންމަ ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: