ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން އިއްޔެ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެންމެންނަށް ރައްކާތެރި، ސިއްހީގޮތުން ފައިދާހުރި އަދި ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކޮށްދޭ އީޖާދީ ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރު ކަމަށްވާ ”އިނޮވޭޓް ޓުޑޭ- ނަރިޝް ޓުމޯރޯ“ އަކީ، މިއަދު ނިންމާ ނިންމުންތަކާއި، ކުރާ ވުނަތަކަކީ، އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަން ވެގެންދާނެ ގޮތް، ހަނދާންކޮށްދޭ ޝިއާރެއްކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އައު އީޖާދުތަކަށް ވުނަކޮށް، ގައުމުގައި ކާބޯތަކެތި އުފައްދާ މިންވަރު ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުން، ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި، ރައްޔިތުންނަށް ދުޅަހެޔޮ، އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ވިލުންތެރިކަމަށާއި އިގުތިސޯދީ ދެމެހެއްޓެނިވިކަމަށް އަސާސީ ގޮތުން ފުރިހަމަވާން ޖެހޭކަމެއްކަން ފާހަގަކުރައްވައި، އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް ދިރިއުޅުމާއި މުޖުތަމައުތައް ދަމަހައްޓައިދޭ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިދީ، މަސް ރައްކާކުރެވޭ މިންވަރާއި ޕްރޮސެސްކުރާ ވަސީލަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެކި ރަށްރަށުގައި މަޝްރޫއުތައް ފަށައި، ލިބެންހުރި ބިންތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ތާޒާ މޭވާއާއި ތަރުކާރީ އުފެއްދުމަށް ދަނޑުވެރިންނަށް ފުރުސަތުތައް ފަހިކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އެކި ރަށްތަކުގައި ދަނޑުވެރިކަމުގެ މަޝްރޫތައް ކުރިއަށް ގެންދެވޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށްތަކުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ރަށްތަކަށް ބާރުއަޅައި، އުފެއްދުންތެރިކަން އިތުރުކުރުމުގެ ތެރެއިން ތާޒާ މޭވާ ލިބުން ފަސޭހަކޮށް، ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެތެރޭގެ ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަ ވަރުގަދަކޮށް، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތަކަށް ފަސޭހައިން ބާޒާރު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޒަމާނީ އީޖާދުތަކާއި ދިވެހި އުފެއްދުންތެރިންގެ ތަޖުރިބާ އެއްކޮށްލުމުން އުފެއްދުންތެރިކަން އިތުރުވެ، ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެންމެން އެކުގައި މިކަން ކަމަށް މަސައްކަތް ކުރުމުގެ ތެރެއިން ނިޒާމުތައް ހަރުދަނާކޮށް ދިވެހީންނަށް ހެޔޮ އަގުގައި ސިއްހަތަށް ފައިދާހުރި ކާނާ ލިބޭނެކަން ކަށަވަރުކުރެވޭނެކަމަށް ވިދާޅުވެ، ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް ދަނޑުވެރިންނާއި މަސްވެރިންނާއި އެމީހުންގެ އާއިލާތައް ބާރުވެރިކޮށް އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކޮންމެ ގޭބީސީއަކީ ސިއްހަތަށް ފައިދާހުރި ކާނާ ހެޔޮ އަގުގައި ލިބޭ ގޭބީސީއެއްކަން ކަށަވަރުކުރުމަށް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: