ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުއިތައް ދޭނެ ގޮތުގެ މަޝްވަރާ ދަނީ ކުރިޔަށް، ލޮކްޑައުން އުވާލާނެ ތާރީހެއް އަދިއެއް ނުނިންމާ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސްންޓަރުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތައް: ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހާލަތު އުވާލުމަށް ނުވަތަ ލުއިތަކެއް ދިނުމަށް ފޭސްތައް ބަހާލާނެ ގޮތުގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިޔަށް ކަމަށާއި، ވަކި ދުވަހެއްގެ ފަހުން ލޮކްޑައުން އުވާލާން އަދި ކަނޑައަޅާފައި ނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސްންޓަރުން ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުން އުވާލުމަށް ނުވަތަ ލުއިގެންނަން ފަށާނީ މިވެނި ތާރީހަކުން ފެށިގެންކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

އާއްމު ސިއްހަތާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އޭގެ ދަށުން ޑިރެކްޓާރ ޖެނެރަލްއަށް ލިބިގެންވާ ބާރުން މުޅި މާލެ ސަރަހައްދާއި އެކު ރާއްޖެ ވަނީ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަޑުޖައްސާލުން ހިމެނެއެވެ. މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރާ ފޭބުން މަނާކުރީ މިދިޔަ އޭޕްރިލް މަހު މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި ގުޅިގެންނެއެވެ. އެއަށްފަހު ފެންނަމުން އައި ކޭސްތައް އިތުރުވެ މިއަދާއި ހަމައަށް ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 1،274 އަށް އަރާފައެވެ. އަދި ބަލިޖެހިގެން ފަރުވާދެމުން ދިޔަ 109 މީހަކު ވަނީ އެކީ ރަނގަޅުވެފައެވެ.

ދާދިފަހުން ރާއްޖޭގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ގެނެވޭނެކަމަށް ހާމަކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެކަންތައް ކަމާއި ބެހޭ އިދާރާތްތަކުން އާއްމު ކުރަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ވަކި އުސޫލުތަކެއްގެ ދަށުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުޅުވާލުމާއި، ވިޔަފާރި ކުރުމުގައި ލުއިތަކެއް ދީ، އޮފީސްތައް މަޑުމަޑުން އޮޕަރޭޓު ކުރަން ފެށޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަކި ތާރީހެއް ހާމައެއް ނުކުރައްވައެވެ.

އެއަށްފަހު މަހަކަށް ވުރެ ގިނަ ދުވަސްފަހުން، ކޮވިޑާއި ގުޅިގެން ލޮކްޑައުންގައި ނުވަތަ މޮނީޓަރިންގައި ނެތް ރަށްތަކުގައި ވަނީ މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.

ލޮކްޑައުންއަށް ލުއިތަކެއް ގެންނައުމުގެ ވާހަކަތައް ދެކެވޭއިރު، މިހާރު ތަންފީޒު ކުރަމުންދާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ. ބައެއް ފަރާތަކުން ވަނީ މާލޭގެ ލޮކްޑައުން އުވާލުން އަދި މާ އަވަސްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ނެތް ރަށްތައް ހުޅުވާލުމުގެ ގޯހެއް ނެތްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ލުއިތައް ތަންފީޒު ކުރާނެކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރައީސް ވެސް ފާހަގަކުރައްވާފައިވާ ގޮތުން ލޮކްޑައުންއަށް ލުއިތައް ދެނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި ލޮކްޑައުންގެ ލުއިތައް ދޭން ފަށާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

 

“ކަލަންޑަރެއްގައި ވަކި ދުވަހެއްގައި ފޭސް އެކެއް ފައްޓަނީ މިވެނި ދުވަހެއްގައި ފޭސް ދޭއް ފައްޓަނީ އެގޮތަށް ޖަހައިގެންނެއް ނޫން. ވަކި ކްރައިޓީރިއާ އަކަށް ދެވުނީމާ ވަކި ކަންތައްތަކެއް ފުރިހަމަ ވީމާ ލުއި ދޭނީ” މަބްރޫކު

މަބްރޫކް ވިދާޅުވީ މަޝްވަރާތައް ދަނީ ފުރަތަމަ ފިޔަވަހީގައި ލުއިތައް ދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމަށެވެ. ލުއިތައް ދިނުމުން އޭގެ ބޭނުން ނާޖާއިޒްގޮތެއްގައި ދާނަމަ ނުވަތަ މީހުން ނިކުމެ އުޅޭ މިންވަރު އިތުރުވާނަމަ އަލުން އާ ލޮކްޑައުންއަކަށް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޮކްޑައުން އުވާލުމަށްފަހު އެހެން ގައުމުތަކުގެ ހާލަތު ގޯސްވި ކަމާއި، އަދި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ގައުމުތަކުން މާ އަވަހަށް ފިޔަވަޅުތައް އުވާލުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރިކަން ނޫސްވެރިން ފާހަގަކުރިއެވެ. އަދި ރާއްޖޭގެ ހާލަތު ގޯސްވެއްޖެ ނަމަ އެކަން ކޮންޓްރޯލް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުންނާނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ކުއްލިއަކަށް އަތުން ކައްސާލައިގެން ދާން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ލުއިތައް ދޭން ފަށާއިރު އެހެން ގައުމުތަކަށް ދިމާވި ގޮތްތައް ފިލާވަޅެއްގެ ގޮތުގައި ނަގާ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްކަންދެވޭނެ ބައެއް ކަންތައް ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އާ ކޭސްތައް ފެންނަ އަދަދާއި، ސާރީ ކޭސްތައް އަދަދު އަދި އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް އިންޑިޕެންޑެންޓު ކޭސްތައް ފެންނަ އަދަދަށް ބަލާނެ ކަމަށެވެ. އަދި ރާއްޖޭގައި ސިއްހީ ނިޒާމުގެ ކެޕޭސިޓީ ހުރި މިންވަރު ބަލަނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: