ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަކީ ބޮޑު ބަލިމަޑުކަމެއް، މިހާރު ދުވާލަކަށް 30 އާއި 50 ދެމެދު ކޭސް ފެނުން ގިނައެއް ނޫން: ޑރ. އަފްޒަލް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަކީ ބޮޑު ބަލިމަޑުކަމެއް ކަމަށާއި، މާލެފަދަ ތޮއްޖެހިފައިވާ ތަނެއްގައި ފާއިތުވީ މަދު ދުވަސްތަކެއްގައި 30 ކޭސް ނުވަތަ 40 ކޭސް ފެނުމަކީ ބޮޑު އަދަދެއް ނޫން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވިދާޅުވީ ލޮކްޑައުން އުވާލުމަށް ނުވަތަ ލުއިގެންނަން ފަށާނީ މިވެނި ތާރީހަކުން ފެށިގެންކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

އާއްމު ސިއްހަތާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އޭގެ ދަށުން ޑިރެކްޓާރ ޖެނެރަލްއަށް ލިބިގެންވާ ބާރުން މުޅި މާލެ ސަރަހައްދާއި އެކު ރާއްޖެ ވަނީ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަޑުޖައްސާލުން ހިމެނެއެވެ. މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރާ ފޭބުން މަނާކުރީ މިދިޔަ އޭޕްރިލް މަހު މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި ގުޅިގެންނެއެވެ. އެއަށްފަހު ފެންނަމުން އައި ކޭސްތައް އިތުރުވެ މިއަދާއި ހަމައަށް ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 1،274 އަށް އަރާފައެވެ. އަދި ބަލިޖެހިގެން ފަރުވާދެމުން ދިޔަ 109 މީހަކު ވަނީ އެކީ ރަނގަޅުވެފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާ ލޮކްޑައުންއަށް ލުއިތަކެއް ދިނުން އެއީ ގޯހެއްގެ ގޮތުގައި ވެދާނެކަމަށް ބައެއް ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ފެންނަމުން ދާ ކޭސްތައް ވެސް މާބޮޑުތަނުން ދަށް ނުވާކަން ނޫސްވެރިން ފާހަގަކުރިއެވެ.

ޓެސްޓިން ކެޕޭސިޓީ އިތުރު ކުރެވިފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދުތައް އުޅެނީ އާއްމުގޮތެއްގައި 25 އާއި 50 އާދި ދެމެދުގައެވެ. އެކަމާއި ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. އަފްޒަލް ވިދާޅުވީ ލުއިތަކެއް ދިނަސް ކޭސްތައް އިތުރުވާން ފަށައިފިނަމަ އަލުން ޖެހޭނީ ލޮކްޑައުންއަކަށް ދާން ކަމަށެވެ. އަދި މިހާބޮޑު ބަންދަކުން ދޫކޮށްލާނަމަ ގިނަ މީހުން ބޭރަށް ނިކުތުން އެއީ ތޮބީއަތުގައި ހުންނާނެކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފޭސް އެކެއް ގެނައުމަށްފަހު ދެވަނަ ލެވެލްއަކަށް ދާނީ ހާސިލްކުރަމް ބޭނުންވި ކަންތައް ފުރިހަމަވާ ކަމުގައި ވަނީނަމަ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑަކީ ބޮޑު ބަލިމަޑުކަމެއް ކަމަށާއި، އެއް ނަޒަރުން ބަލާނަމަ މިހާރު ދުވާލެއްގެ މައްޗަށް 30 ނުވަތަ 40 ކޭސް ފެނުން އެއީ ބޮޑު އަދަދެއް ނޫން ކަމަށެވެ. ހާއްސަކޮށް އަންދާޒީ އަދަދުތަކާއި އަޅާބަލާނަމަ އެއީ ވަރަށް ބޮޑުތަނުން ދަށް އަދަދެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އަދި ބޭސްލައިން އެއް ފާހަގަކުރާނަމަ މިހާރު ހުރި ހިސާބުކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. އެހެން ކަމުން މާލޭގެ އާބާދީއަށް ބަލާނަމަ މިހާރު ފެންނަމުން ދާ ކޭސްތައް އިތުރެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު އެންމެ ދަށްކޮށް ހުންނާނެ މިންވަރެއް ބޭނުންވާ ކަމަށާއި، އުންމީދަކީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދު 05 އިން މައްޗަށް ނުދިއުން ކަމަށެވެ.

“އަޅުގަނޑުމެންނަށް ވަރަށް ލަފާކުރެވޭ އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާއި 50 ދޭތެރޭގައި ކަމަށް. އެއީ މިފަދަ އެހެން ބަލިތަކަށް ބަލާއިރުވެސް ބޭސްލައިން އުޅެނީ އެހާވަރަށް.” ޑރ. އަފްޒަލް

ރާއްޖޭގައި ފެންނަ ކޭސްތަކުގެ އަދަދަށް ބަދަލެއް އައިސްފައިވާއިރު މިދިޔަ ފަސް ދުވަހެއްގެ ތެރޭގައި ފެނު ކެސްތައް ހުރީ ދުވާލެއްގެ މައްޗަށް 50 ގައެވެ. ބައްޔަށް އެކި މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު މަބްރޫކް ވެސް ވަނީ ބަލި ޖެހޭ މީހުންގެ ކޮންޓެކްޓްރޭސިންއަށް ފާހަގަކުރެވޭ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށެވެ.

މާލޭގައި ބަލި ޖެހުނު މީހުންނާއި ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން 61 އިންސައްތަ މީހުންގެ އެއްވެސް އަލާމާތްތަކެއް ނެތް ކަމަށެވެ. އަދި ޕޮޒިޓިވް ވި ކުޑަކުދިންގެ ފަރާތުން ވެސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ރޯގާގެ އަލާމާތްތަކާއި އެކު ބައްޔަށް ޕޮޒިޓިވް ވާ މީހުންނާއި، އެއްވެސް އަލާމާތެއް ނެތި ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ދެމެދުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މާލޭގައި ބަލި ޖެހި ބަލި ހުރިކަން ނޭނގޭ މީހުން ތިބެދާނެ ކަމަށެވެ. އަދި ބަލި ޖެހި އަމިއްލައިން ބަލިން މީހުން ރަނގަޅުވެފައި ވެސް ހުރެދާނެ ކަމަށެވެ. މިހެން ދިމާވުމުގެ ސަބަބެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވީ އެއްވެސް އަލާމާތެއް ނެތް މީހުންގެ އިމުނިޓީ ނުވަތަ ދިފާއީ ނިޒާމް ވަރުގަދަ ވުމެވެ. ނަމަވެސް، ބަލި އިތުރުވެ، ސީރިއަސް ވާ ފަދަ ހާލަތަކަށް ދިއުމުން ފަރުވާ ދިނުމުގައި ދަތިތަކެއް ދިމާވަމުންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް، އެންޓި ބޮޑީ ޓެސްޓުން އެކަން އެނގޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ކޮވިޑް ޖެހުމަށްފަހު އެކަން ނޭނގި ހުރެ، ބަލިން ރަނގަޅުވި ބަޔަކު ތިބިތޯ ބެލުމަށްޓަކައި އެންޓިބޮޑީ ޓެސްޓު ހަދަން ފަށާފައިވާކަމަށް ދާދިފަހުން އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.

ދާދިފަހުން ރާއްޖޭގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ގެނެވޭނެކަމަށް ހާމަކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެކަންތައް ކަމާއި ބެހޭ އިދާރާތްތަކުން އާއްމު ކުރަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ވަކި އުސޫލުތަކެއްގެ ދަށުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުޅުވާލުމާއި، ވިޔަފާރި ކުރުމުގައި ލުއިތަކެއް ދީ، އޮފީސްތައް މަޑުމަޑުން އޮޕަރޭޓު ކުރަން ފެށޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަކި ތާރީހެއް ހާމައެއް ނުކުރައްވައެވެ.

އެއަށްފަހު މަހަކަށް ވުރެ ގިނަ ދުވަސްފަހުން، ކޮވިޑާއި ގުޅިގެން ލޮކްޑައުންގައި ނުވަތަ މޮނީޓަރިންގައި ނެތް ރަށްތަކުގައި ވަނީ މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.

ލޮކްޑައުންއަށް ލުއިތަކެއް ގެންނައުމުގެ ވާހަކަތައް ދެކެވޭއިރު، މިހާރު ތަންފީޒު ކުރަމުންދާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: