ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުމުގައި ތާރީހީ އަދި އައު ބާބެއް ފެށިގެންދިޔަ މުހިންމު ދަތުރުފުޅެއް ކަމަށް ރައީސްލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީސްމީޑީއާގައި ހިއްސާކުރެއްވި މެސެޖުގައި ރައީސް ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ވަފުދަށް ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހުމާންދާރީއަށް އިޚްލާސްތެރި ޝުކުރު އަދާކުރައްވާފައެވެ.
ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސް، ޒަމާންވީ އެކުވެރިކަން އިގުތިސާދީ ފުރުސަތުތަކަކަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ހަގީގީ ނަތީޖާއަކަށް ބަދަލުކުރުމަށް އެއްބަސްވެވިފައިވާ ކަމަށާއި އެގޮތުން، މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް 13 މިލިއަން ޔޫއެސް ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ”މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް“ އަކީ މި އަމާޒުތައް ހަގީގަތަކަށް ހެދުމަށާއި، އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު 20 ފަހުމުނާމާ (އެމްއޯޔޫ) އިން ދޭހަކޮށްދެނީ، ހަމައެކަނި އުންމީދުތަކެއްގައި ނުތިބެ އަމަލީ ގޮތުން ނަތީޖާ ނެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ހަ ދަހަރުގެ ގާތް އެކުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްއާބާދުން އެނބުރި ވަޑައިގަންނަވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ވަރުގަދަ އަދި ދެމެހެއްޓެނިވި ބައިވެރިވުމެއް ގާއިމުކުރެވުނު ކަމުގެ ފުރިހަމަ ޔަގީންކަމާއެކު ކަމަށެވެ.
މި މަހުގެ 20 އިން 22 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު ތާރީހީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔަ ކަމަށް ސަރުކާރުން ބުނެއެވެ.
މި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވީ، ފާއިތުވި 60 އަހަރުގެ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ދެ ގައުމުން ވެފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ އަމަލީގޮތުން ހޯދައިދިނުމަށް ދެ ގައުމުންވެސް ސާބިތުކަމާއެކު ތިބިކަން ކަށަވަރުކޮށްދެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

