ޓެރަރިޒަމް އާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މޫސާ އަލީ ޖަލީލް އައްޔަނުކޮށްފިއެވެ.
އެންސީޓީސީގެ ވެރިޔަކަށް މޫސާ އަލީ ޖަލީލް އައްޔަނުކޮށްފައިވާކަން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވީ ވައިސް ވަހީދެވެ.
މޫސާ އަލީ ޖަލީލް ވަނީ މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ.
އޭނާ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލަމާތްކުރުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އެގޮތުން ސިފައިންގެ މައި މަރުކަޒަށް ކެނޑިނޭޅި ހަމަލާތައް އަމާޒުވަމުންދިޔަ ވަގުތު، ދުޝްމަނުންގެ ހަރަކާތްތައް ހުރިނެތް ގޮތް ބެލުމަށް ސިފައިންގެ ތެރެއިން ނުކުމެވަޑައިގެންނެވި ސިފައިންގެ ބޭކަލުންގެ ތެރެއިން އިސްވެރިއެއްގެ ގޮތުގައި ހުންނެވީ މޫސާ އަލީ ޖަލީލެވެ.
މޫސާ އަލީ ޖަލީލް ވަނީ ރިޓަޔާކުރެއްވުމުގެ ކުރިން ކޯސްޓު ގާޑުގެ ޑައިރެކްޓަރުގެ މަގާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޖުމުލަ 31 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ބޭކަލެއްގެ ގޮތުގައި ހިދުމަތްކޮށްދެއްވި މޫސާ އަލީ ޖަލީލް ރިޓަޔާކުރެއްވިއިރު، އޭނާއަށް ވަނީ ނުވަ ކުލަ އާއި 11 މެޑަލް ލިބިވަޑައިގެންފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ޑިފެންސް މިނިސްޓަރުކަން ވެސް އަދާކުރައްވައިފައެވެ. އަސްކަރީ ގޮތުން މޫސާ އަލީ ޖަލީލް ކުރެއްވި އަގުހުރި ހިދުމަތް ފާހަގަކޮށް މި ސަރުކާރުގައި އޭނާއަށް ވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފައެވެ.

