ޤަރުނަކަށް ފަހު ޤަރުނަކަށް ދެމިގެންދާ ގޮތަށް ބިދޭސީންނަށް ވަޒަންވެރި ކުރުވުމަކީ 5 އަހަރުގެ މުއްދަތަށް ވެރިކަން ހިންގުމުގެ ބާރު ރައްޔިތުން ޙަވާލުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ ”ޝަރުތުތަކަކާއެކު އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން ސަލަފު ޖަމިއްޔާއިން ތާއީދުކޮށްފި“ މި ސުރުޚީއާއި، އޭގެ ދަށުގައި ލިޔެފައިވާ ޚަބަރު ކިޔާލުމުން ޙައިރާންކުރުވަނިވި ސުވާލުތަކެއް އުފެދޭ ކަމަށެވެ. ރައްޔިތުންގެ ސިޔާދަތާ ގުޅިފައިވާ ކަންކަމުގައި ތާއީދުކުރުމާއި ތާއީދު ނުކުރުމުގައި ސަލަފު ޖަމްޢިއްޔާގެ އޮތީ ކޮން މެންޑޭޓެއްތޯ ދީދީ ސުވާލު އުފެއްދެވިއެވެ.
އެމީހުންގެ ތާއީދަކަށް ދައުލަތުގެ ސިޔާދަތު ތަމްސީލުކުރާ ރައްޔިތުންނަކަށް ބޭނުމެއް ނުވާނެ ކަމަށް ދީދީ ވިދާޅުވިއެވެ. ރަސްމާލޭ ގައި ބިދޭސީން ޤަރުނަކަށް ފަހު ޤަރުނަކަށް ދެމިގެންދާ ގޮތަށް ޢައިރު މުސްލިމުން ހިމެނޭހެން، ބިދޭސީން ވަޒަންވެރި ކުރުވުމަކީ 5 އަހަރުގެ މުއްދަތަށް ވެރިކަން ހިންގުމުގެ ބާރު ރައްޔިތުން ޙަވާލުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށާ، އޭނާގެ ސަރުކާރަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ އެ ބާރަކީ ހަމައެކަނި ސިޔާދަތުގެ ވެރިންކަމުގައިވާ ރައްޔިތުންގެ ބާރެއް ކަމަށެވެ. ސަލަފު ޖަމްޢިއްޔާގެ ޝަރުތުތަކުގެތެރޭގައި ސަރުކާރުން ކަށަވަރުކޮށްދޭން އެދިފައިވާ ކަންކަމަކީ ސަރުކާރަށް ކަށަވަރުކޮށްދިނުން މުސްތަޙީލު ކަންކަންކަމުގައި ވާއިރު، ސަލަފުގެ ޢިލްމުވެރިންގެ އިޚްލާޞްތެރިކަމެއް އޮތްނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތައި، ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމީ ވަޙްދަތު ގެއްލިގެން ހިނގައިދާނެ ފަދަ ކަންކަމުން ދުރުވެ، ދައުލަތާއި ރައްޔިތުންނަށް ޚިޔާނާތްތެރި ނުވުމަށް ރައީސް މުޢިއްޒަށާއި ސަރުކާރަށް ގޮވާލާނެ ކަމަށް ދީދީ ވިދާޅުވިއެވެ.

