ތިލަމާލެ ބްރިޖުގެ ވިލިމާލެ އާއި ގުޅިފަޅާ ދެމެދުގެ އެންމެ ފަހު ސެގްމެންޓު ގުޅުވާލައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމަށް އަޅާ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް މިއަދު ހަރުކޮށް، ދެ ރަށް ގުޅާލުމަކީ މި މަޝްރޫޢުގެ ދަށުން ހާސިލްކުރެވުނު ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މިއީ މުސްތަޤުބަލުގައި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ބަދަހިކޮށް ގުޅާލުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ކާމިޔާބީއާ ގުޅިގެން އެފްކޮންސް، އަރަޕް އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް ގެ ޓީމަށް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެއްފައެވެ. މި މަސައްކަތުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށާއި މި ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެފަހު ސެގްމަންޓު ގުޅާލީ، އޮގަސްޓު 22ގައެވެ. 2022ވަނަ އަހަރު ފެށި މި ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެންނެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.
އެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެއީ އޭރު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

