ރާއްޖޭގައި ހިންގި ބޮޑެތި އެކި ޖަރީމާތަކަކީ އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހީން އަޑީގައި ތިބެ ކުރި ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ދިވެހީން ބޭރުގެ މީހުންނާއި ގުޅިގެން ރާއްޖޭގައި ހިންގާފައިވާ އުދުވާނީ ހަމަލާތަކާއި ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ވަނީ މަޝްހޫރު ބޮޑު ހުޅުގެ ވާހަކަ ފާހަގަކުރައްވާ އެއީވެސް ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ދިވެހީންނާއި ދެކޮޅަށް ހިންގި އިންތިހާއަށް ނުރައްކާތެރި ހާދިސާއެއް ކަމަށް ވިދާޅުވެފައެވެ.
ބޭރުން ވާގިވެރިވާ އިސްތިއުމާރީ ބާރުތައް ބައިވެރިވެގެން އެތެރޭގައި ބަޔަކު ތިބެގެން ވެރިކަމަށް ދަހިވެތިވެގެން އެކަންވެސް ކުރީ ދިވެހިން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު ހަލަބޮލިކޮށް، ރައްޔިތުންނަށް އޮޅުވާލައި ހަގީގަތެއް ނެތް ވާހަކަ ފެތުރީ އެމީހުން ކަަމަށެވެ. އަދި ރައްޔިތުންގެ ގޯތި ގެދޮރާއި ރައްޔިތުންގެ އަގުހުރި ތަރިކަތައް ފަނާކުރީ އެމީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގައުމަށް ހެޔޮ އެދޭ ބަޔަކު ދޮގު ހަދައިގެން މަކަރު ހަދައިގެން ރައްޔިތުންގެ ޝުއޫރުތަކާއި ކުޅެ، ރައްޔިތުން މަގު މައްޗަށް ނެރެ އެ އަމާންކަން ނަގާލާނެތޯ ރައީސް ސުވާލު އުފެއްދެވިއެވެ.
”ގައުމުގެ ސަލާމަތްކަން ނަގާލާނެބާ؟ އާދެ މިއީ ހައްތަހާވެސް މި ސަރަހައްދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭ ހަނދާންތައް. ސަމާލުކަން ގެނެސްދޭ ތަޖުރިބާތައް. މި ސަރަހައްދާއި ގުޅިފައިވާ ނަސްރުގެ ދުވަހާއި ގުޅޭ އުދުވާނަކީވެސް ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ހިޔާނާތްތެރިވި ދިވެހީންތަކެއް އަޑީގައި ތިބެގެން 19 ދިވެހިންތަކެއްގެ ލޭ އޮހޮރުވާލި ރަހުމުކުޑަ ހާދިސާއެއް“
ރައީސް ވިދާޅުވީ އެ ދުވަހު އެބޭކަލުން ޝަހީދުވީ ދިވެހި ގައުމަށް ދެރަގޮތެއް ވުން ނޭދޭތީ ކަމަށެވެ. މިއީ އަމާންކަމުގެ ސުވަރުގެއެއް ކަމަށާއި މިތަން އަމާންކަންމަތީގައި ބާއްވަން ބޭނުންވާތީ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ނަސްރުގެ ދުވަހު ކޮންމެ ޝަހީދެއްވެސް އިސްކަން ދިނީ ގައުމަށްޓަކައި ކަމަށާއި މިގައުމުގެ މިނިވަންކަމަށާއި، ގައުމުގެ އަމާންކަން ދެމެހެއްޓުމަށް ކަމަށެވެ.

