ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެންބަރު 3 ގެ އުދުވާނާ ދެކޮޅަށް މައިދާނަށް ނުކުމެވަޑައިގެންނެވި 5 ބޭފުޅަކަށް ޝަރަފުގެ ޚާއްސަ އައްޑަނަ އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ދެކޮޅަށް، ސިފައިންގެ މައި މަރުކަޒުން ނުކުމެވަޑައިގެން ހަނގުރާމައިގެ މައިދާނުގައި ހިތްވަރާއެކު ހަރަކާތްތެރިވެވަޑައިގެންނެވި ޤައުމީ އަބްތާލުންގެ ތެރެއިން 5 ބޭފުޅެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް، ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ރޭ އަރުވައިފި އެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ބޭފުޅުންނަށް ޝަރަފުގެ ޚާއްސަ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މީގެ 36 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ބޭރުގެ ކުލީ ސިފައިންނާ ގުޅިގެން ދިން ނުރައްކާތެރި ހަމަލާގައި، ސިފައިންގެ މައި މަރުކަޒުން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެންނެވީ ޖުމްލަ 9 ބޭފުޅެކެވެ. މީގެ ތެރެއިން 3 ބޭފުޅަކު ވަނީ ދުޝްމަނުންގެ ވަޒަންތަކުން ޤައުމަށްޓަކައި ޖާން ފިދާކުރައްވައި ޝަހީދުވެވަޑައިގެންފަ އެވެ.

އެ ދުވަހު ރެކީ ޕެޓްރޯލްގެ ކޮމާންޑަރެއްގެ ގޮތުގައި އިސްވެ ހުންނަވައިގެން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ ޤައުމީ މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރައްވައި، މީގެ ކުރިން ދައުލަތުން ވަނީ އެމަނިކުފާނަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ލަގަބު އަރުވާފަ އެވެ.

މިރޭގެ ޖަލްސާގައި ޝަރަފުގެ ޚާއްސަ އައްޑަނަ އެރުވުނު ފަސް ބޭފުޅުންނަކީ ދިގު މުއްދަތެއްގައި ސިފައިންގެ ޚިދުމަތުގައި ދެމިތިއްބަވައި، ޤައުމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ:

  • ސްޓާފް ސާޖަންޓް (ރިޓަޔާޑް) ޙުސައިން ޢަލީ: ސިފައިންގެއިން ނުކުތް ދެވަނަ ޓީމުގެ ލީޑަރެއްގެ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ހިތްވަރާއެކު ހަރަކާތްތެރިވެވަޑައިގެންނެވި ޙުސައިން ޢަލީ ވަނީ ސިފައިންގެ ޚިދުމަތުގައި 40 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފަ އެވެ.
  • ސާޖަންޓް ފަސްޓް ކުލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފް: 1988 ނޮވެންބަރު ތިނެއްގެ ނުރައްކާތެރި ވަގުތުގައި ސިފައިންގެއިން މައިދާނަށް ނުކުމެވަޑައިގެންނެވި އިބްރާހީމް ޝަރީފަކީ ސިފައިންގެ ޚިދުމަތުގައި 30 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
  • ސާޖަންޓް (ރިޓަޔާޑް) ޙުސައިން މަނިކު: ޤައުމީ ދިފާއީ ބާރުގައި 19 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، ނޮވެންބަރު ތިނެއްގެ މައިދާނުގައި ހިތްވަރު ދެއްކެވި ބަތަލެކެވެ.
  • ކޯޕްރަލް (ރިޓަޔާޑް) ޢަބްދުﷲ ނަސީމް: ސިފައިންގެ ޚިދުމަތުގައި 14 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި، އެ ދުވަހުގެ ނުރައްކާތެރި ހާލަތުގައި މައިދާނަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ.
  • ލާންސް ކޯޕްރަލް (ރިޓަޔާޑް) ޢަބްދުﷲ މުފީދު: ނޮވެންބަރު ތިނެއްގެ ހަމަލާގައި ސިފައިންގެއިން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން، ދުޝްމަނުންނާ ދެކޮޅަށް ސާބިތުކަން ދެއްކެވި ބޭފުޅެކެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 1988 ނޮވެންބަރު ތިނެއްގެ އުދުވާނުގައި ދިވެހި އަސްކަރިއްޔާއިން ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ފުރާނައިން ފިދާވި ޝަހީދުންގެ ޒިކުރާ އާކުރައްވާފަ އެވެ. އަދި ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން ދިވެހި ދިދަ އުހުގައި ބެހެއްޓުމަށް މަސައްކަތްކުރެއްވި ބަތަލުންގެ ޚިދުމަތްތަކަކީ އަބަދުވެސް ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެ އަގުހުރި ޚިދުމަތްތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: