ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި، މިނިސްޓްރީގެ ސާވަރ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދައި ހުލިވުމުން އެ މިނިސްޓްރީއިން 2023 ވަނަ އަހަރު ހަރަދުކުރި، 120.8 މިލިއަން ރުފިޔާއަކީ ސައްހަ ހަރަދުތަކެއް ކަން ކަށަވަރުނުކުރެވޭކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ 2018 އިން 2023 ގެ އޮޑިޓް ރިޕޯޓުގައި ވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވަރއަށް ލިބުނު ގެއްލުމުގެ ސަބަބުން އެ މިނިސްޓްރީގެ ހަރަދުތަކާ ގުޅޭ ބައެއް ލިޔުންތައް ގެއްލިފައިވާކަން ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މިނިސްޓްރީގެ ސާވަރ އެއްކޮށް ހަލާކުވެ އޭގައި ރައްކާކޮށްފައި ހުރި މާލީ ރެކޯޑުތައް ހުރީ އިއާދަނުކުރެވޭ ވަރަށް ނެތިގޮސްފައި ކަމަށެވެ. އަދި މިނިސްޓްރީގެ އިމާރާތުން ބޭރުގައި މާލީ ރެކޯޑުތަކުގެ ބެކަޕް ކޮޕީއެއް ބަލަހައްޓާފައި ނުވުމުން ސާވަރއިން ގެއްލުނު ލިޔެކިޔުންތައް ރިކަވަރނުކުރެވޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެ ހާދިސާއާ ގުޅިގެން، 2023 ވަނަ އަހަރު އެ މިނިސްޓްރީއާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ކޮށްފައިވާ 6.6 މިލިއަން ރުފިޔާގެ ހަރަދުތަކާ ގުޅޭ ބިޑް ޕްރޮޕޯސަލްތަކާއި، ބިޑް އިވެލުއޭޝަން ޝީޓުތަކާއި، ބިޑް ކޮމިޓީގެ ނިންމުންތައް ފަދަ ލިޔެކިޔުންތަކާއި 2023 ވަނަ އަހަރު މުސާރައިގެ ގޮތުގައި ހަރަދުކޮށްފައިވާ 114.2 މިލިއަން ރުފިޔާއާ ގުޅޭ ލިޔެކިޔުންތައް އޮޑިޓަރުންނަށް ލިބިފައިނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ފާހަގަކުރީ، އެކަމުގެ ނަތީޖާއެއްގެ ގޮތުން އެ ހަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުތަކާ އެއްގޮތަށް ހިންގާފައިވާ ހަރަދުތަކެއް ކަން ކަށަވަރުކުރެވިފައިނުވާ ކަމަށެވެ.
އެކަމުގައި އޮޑިޓް އޮފީހުން ލަފާދީފައިވަނީ ވުޒާރާގެ ހިސާބުތަކުގެ ރެކޯޑުތައް، އިދާރީ ބޭނުންތަކަށާއި އޮޑިޓްކުރުމަށް ފަސޭހަވާނެ ގޮތަށް ރައްކާތެރި ތަނެއްގައި ބެލެހެއްޓުމަށެވެ. އަދި އިލެކްޓްރޯނިކްސްގެ ޒަރިއްޔާއިން ބަލަހައްޓާ ރެކޯޑުތަކުގެ ބެކަޕް ފައިލް މާލީ ޒިންމާދާރު ވެރިޔާ ކަނޑަައަޅާ ދެ ތަނެއްގައި ރައްކާކޮށް ބެލެހެއްޓުމަށް ލަފާދީފައިވެއެވެ.

