ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލައިގެން އޯޓީޕީ ހޯދައި، އީ-ސިމް އަށް ބަދަލުކޮށްގެންނާއި ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ބޭންކް އެކައުންޓްތަކުން ފައިސާ ނަގާ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ހިންގާފައިވާ ތަހުގީގުތަކުން ދައްކާ ގޮތުގައި، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ފޯނު ކޯލްތަކާއި އެސްއެމްއެސް މެދުވެރިކޮށް އޯޓީޕީ އާއި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، އެ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން ގުޅި މީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލުމެވެ. އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދުމަށްޓަކައި އެ ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ފޮނުވައިދިނުމަށް އެދި އާދޭސްކޮށްގެން ކޯޑު ހޯދާކަން ފުލުހުން ފާހަގަކުރެއެވެ.

މިފަދަ އޯޓީޕީތަކާއި ލިންކުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ އެކައުންޓް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، ސްކޭމަރުން އަތުލައިގަންނަ މައުލޫމާތު ބޭނުންކޮށްގެން ނުރައްކާތެރި ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ކަމަށެވެ. މީގެ ތެރޭގައި:

  • ހުއްދަނެތި އީ-ސިމް ރަޖިސްޓްރީކުރުން: އަނެކާގެ މޮބައިލް ނަންބަރު އަމިއްލަ ފޯނަށް އީ-ސިމް މެދުވެރިކޮށް ބަދަލުކޮށް، ފޯނު ލައިންގެ ފުރިހަމަ ކޮންޓްރޯލް ހޯދައި، ބޭންކިންގ އެލާޓްތަކާއި ކޯލްތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުން.
  • ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހެދުން: ކޮމްޕްރޮމައިޒްވެފައިވާ މައުލޫމާތު ބޭނުންކޮށްގެން، އެ މީހާގެ ނަމުގައި ޑިޖިޓަލް ވޮލެޓްތައް ހަދައިގެން މުއާމަލާތްތައް ހިންގުން.
  • ހުއްދަނެތި ފައިސާގެ މުއާމަލާތްތައް ހިންގުން: ބޭންކް އެކައުންޓްތަކަށް ހުއްދަނެތި ވަދެ، އެކައުންޓްތަކުން އެހެން ފަރާތްތަކަށް ފައިސާ ޓްރާންސްފަރކޮށް، ބޮޑެތި މާލީ ގެއްލުންތައް ކުރިމަތިކުރުވުން.

މިފަދަ ނުރައްކާތެރި ކުށްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ގުޅި ފަރާތަކީ ކުރީގެ ނަންބަރުގެ ވެރިފަރާތް ކަމަށް ބުނި ކަމުގައި ވިޔަސް، ރައްޓެއްސެއް، ބޭންކެއް ނުވަތަ ޓެލެކޮމް ކުންފުންޏެއް ކަމަށް ބުނި ކަމުގައި ވިޔަސް، އެއްވެސް ހާލެއްގައި އޯޓީޕީ، ޕިން ނަންބަރު ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާނުކުރުމަށް ވަނީ އަންގާފައެވެ. އަދި އެކައުންޓް ރިކަވަރ ކުރުމުގެ އެއްވެސް ރަސްމީ މަރުހަލާއެއްގައި ކުރީގެ ނަންބަރު ބޭނުންކުރާ ފަރާތަކަށް ގުޅަން ނުޖެހޭނެކަން ފާހަގަކޮށް، އެފަދަ ކޯލްތަކަށް ސަމާލުނުވުމަށްވެސް ފުލުހުން އެދެއެވެ.

މީގެއިތުރުން، އެއްވެސް ސަބަބަކާ ނުލައި ފޯނުގެ ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ކެނޑިއްޖެނަމަ، އެއީ ހުއްދައަކާ ނުލައި އީ-ސިމް އަކަށް ބަދަލުކޮށްފައިވުމުގެ ނިޝާނަކަށް ވެދާނެތީ، ވަގުތުން ޓެލެކޮމް ޕްރޮވައިޑަރަށް ގުޅައި ކަށަވަރުކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.

ޝައްކުކުރެވޭ ފަދަ އެއްވެސް ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަށް ބަޔަކު ވަދެފައިވާކަމަށް ލަފާކުރެވޭނަމަ، ލަސްނުކުރައްވައި ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ގުޅައި ރިޕޯޓުކުރުމަށާއި، ބޭންކް އެކައުންޓް ފްރީޒްކުރުމަށް ވަގުތުން ބޭންކަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގެއްލޭ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދުމަށް އެ ޕްލެޓްފޯމެއްގެ ސަޕޯޓް ނުވަތަ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: