ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސަރުކާރު ހިއްސާވާ އެއް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މިހާރު ވަނީ ތާރީހު ނުދެކޭ ފަދަ ނާޒުކު މާލީ ކާރިސާއެއްގެ ތެރޭގައެވެ. ކުންފުނި އުވާލަން ނިންމާފައިވާއިރު ކުންފުނީގެ މާލީ އޮޑިޓް ރިޕޯޓުތަކުން ހާމަވާ ގޮތުގައި، ކުންފުނީގެ ދަރަނިތައް ކޮންޓްރޯލުން ނެއްޓި، ހިންގުމުގެ ނިޒާމުތައް ބޮއްސުންލައި، ކުންފުނި ހިންގުމުގެ މުސްތަގުބަލާ މެދު ވަނީ ސީރިއަސް ސުވާލުތަކެއް އުފެދިފައެވެ.
ކުރު މުއްދަތުގެ ދަރަނި އަދާކުރުމުގެ މާލީ ގާބިލުކަން ގެއްލި، ބޮޑެތި އަދަދުތަކުން ގެއްލުންވަމުން ދިއުމަކީ ހަމައެކަނި ކުންފުންޏަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނޫނެވެ؛ މިއީ މުޅި ރާއްޖޭގެ ވިޔަފާރި ވެށްޓަށާއި އިގުތިސާދީ ދުޅަހެޔޮކަމަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ.
ސަޕްލަޔަރުންގެ ދަރަންޏާއި ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރު
ފެނަކައިގެ މާލީ ހިސާބުތަކުން އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ މުދަލާއި ހިދުމަތް ހޯދުމަށް ފަހު އެކި ފަރާތްތަކަށާއި ސަޕްލަޔަރުންނަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު އިންތިހާއަށް އުފުލިފައިވުމެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ސަޕްލަޔަރުންނަށް ދައްކަންޖެހޭ އަދަދު 3.51 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 511 މިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން އެހެނިހެން ދަރަނިތަކާ އެކު ކުންފުނިން ބޭރުގެ ފަރާތްތަކަށް އަދާކުރަންޖެހޭ ޖުމްލަ ދަރަނި 3.59 ބިލިއަން ރުފިޔާއަށް އަރައެވެ.
މި ބޮޑު ދަރަނީގެ ސަބަބުން ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ވަނީ ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ވެއްޓިފައެވެ. ސަޕްލަޔަރުންނަށް ގަވާއިދުން ފައިސާ ނުލިބުމަކީ އެ ފަރާތްތަކުގެ ކޭޝްފްލޯ ހުއްޓި، އާންމު ވިޔަފާރިތަކަށް އިތުރު މުދާ ފޯރުކޮށްދިނުމަށް އޮތް ހުރަހަކަށް ވެ، ކުންފުންޏާ މެދު އޮތް ވިޔަފާރީގެ އިތުބާރު އެއްކޮށް ގެއްލިގެން ގޮސްފައިވާ މައިގަނޑު ސަބަބެވެ.
ދަރަނީގެ މިންވަރު ބޮޑުވުމުގެ އިތުރުން، އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ނުރައްކާތެރި މައްސަލައަކީ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ ލިޔެކިޔުމާއި ހެކި ނެތުމެވެ.
ސަޕްލަޔަރުންނަށް ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ 3.51 ބިލިއަން ރުފިޔާގެ ތަފްސީލުތައް އެކަށީގެންވާ ލިޔެކިޔުމުން ސާބިތުކޮށްދެވިފައި ނުވާއިރު، އެޑްވާންސް ފައިސާގެ ގޮތުގައި އެކި އަހަރުތަކުގައި ދޫކޮށްފައިވާ ސަތޭކަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތްތަކުގެ ސައްހަކަން ވެސް އޮޑިޓަރުންނަށް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ.
މާލީ ހިސާބުތައް މިފަދަ ދޯހަޅި ގޮތަކަށް ބެލެހެއްޓުމަކީ މާލީ ހިޔާނާތާއި ކޮރަޕްޝަނަށް ފަހިވާނެ ފުރުސަތުތައް އިންތިހާއަށް ތަނަވަސްވެގެންދާ ކަމެކެވެ. މިއީ ދައުލަތުގެ ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ ހަމަތަކާއި، ކޯޕަރޭޓް ގަވަނަންސްގެ އަސާސްތަކާ މުޅިން ހިލާފު، ކަންބޮޑުވާންޖެހޭ އިހުމާލެކެވެ.
ބޮޑެތި ގެއްލުންތަކާއި ކުރު މުއްދަތުގެ ޒިންމާތައް އަދާނުކުރެވުން
ކުންފުނީގެ ހިންގުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، އާމްދަނީއަށް ވުރެ ހަރަދުތައް އަތްނުފޯރާ މިންވަރަށް މައްޗަށް ދިއުމުގެ ނަތީޖާއަކީ ކޮންމެ އަހަރަކު ވެސް ސަތޭކަ މިލިއަނުން ގެއްލުންވަމުން ދިއުމެވެ.
2023 ވަނަ އަހަރު 811 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނުއިރު، 2024 ވަނަ އަހަރު ވެސް ވަނީ 547 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. މިފަދަ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކުންފުނީގެ ރައުސްމާލު އެއްކޮށް އަނދައި އަޑިއަޅައިގެން ގޮސްފައިވެއެވެ.
ހަމައެއާއެކު، ކުންފުނީގެ ކުރު މުއްދަތުގެ ޒިންމާތައް ނުވަތަ ކަރަންޓް ލައިބިލިޓީސް 3.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކުންފުނީގެ ކުރު މުއްދަތުގެ މިލްކިއްޔާތު ނުވަތަ ކަރަންޓް އެސެޓްސް އަށް ވުރެ މިއަދަދު 2.7 ބިލިއަން ރުފިޔާ އިތުރެވެ.
ވިޔަފާރީގެ އިގުތިސާދީ ނަޒަރަކުން ބަލާއިރު، މިއީ ކުންފުނި ހިންގުމުގައި ދެމިއޮތުމުގެ ގާބިލުކަން ގެއްލި، އަމިއްލަ ފައިމައްޗަށް ތެދުވެ ދަރަނި އަދާކުރުމުގެ ކުޅަދާނަކަން މުޅިން ނެތިގޮސްފައިވާކަމުގެ ސާފު ހެއްކެކެވެ.
ފެނަކަ ކޯޕަރޭޝަން އުވާލަން ނިންމިއިރު މިއަދު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ދަރަނިތައް ފުނިޖެހި، ހިސާބުތަކުގެ ސައްހަކަން ގެއްލި، މާލީ ބާރުވެރިކަން ކުޑަވެފައިވާ މި ދަނޑިވަޅުގައި، މިއީ ހަމައެކަނި ބަޔާނެއް ނެރެގެން ނުވަތަ ވަގުތީ ފިޔަވަޅަކުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ.
ކުންފުނިތައް ސަލާމަތްކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި ދެފުށް ފެންނަ ހަރުދަނާ މާލީ ސިޔާސަތުތަކަކަށް ބަދަލުވެ، ޒިންމާދާރުކަމާއެކު ކަންކަން އިސްލާހުކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

