ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ގުރުބާންވި ޕާޓީ އެމްޑީޕީ: މިއަދު ކުރީ ސަފުގައި “ބޯވަ” ތަކެއް!؟

މީގެ އަހަރުތަކެއް ކުރިން އެމްޑީޕީން ކުރިޔަށް ގެންދިޔަ ސިލްސިލާ އެއްވުންތަކުގެ ތެރެއިން - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރިލް މަހުގެ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ގިނަ ގޮތްގޮތުން އެމްޑީޕީއަށް މުހިންމުވިއެވެ. ހަމައެކަނި، ޕާޓީގެ ވެރިކަމެއް އޮތީމައެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން އުފެދޭ ފުރަތަމަ ކައުންސިލްއަކަށް އެމްޑީޕީއަށް ލައްކަ މަސައްކަތެއް ކުރެވުމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭ ގޮތް ނުވުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރޭ ދަންވަރު 1:30 ގައި ވަނީ ބާއްވާފައެވެ. ބޮޑު ސަކަރާތެއްގެ ތެރެއިން ގާނޫނު އަސާސީއަށް އިސްލާހު ގެނެވުނީ ހަމަ ކިރިޔާއެވެ.

ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމާއި، ކައުންސިލްތައް އިންތިހާބު ކުރުން މިވަނީ އާ ގާނޫނު އަސާސީގެ ދަށުން ލާޒިމްކޮށްފައެވެ. މާލެއަށް ބާރުތައް ޖަމާ ކުރުމާއި ދެކޮޅަށް ކުރި މަސައްކަތްތަކުގެ ދަށުން “ލާމަރުކަޒީ ބިލު” ފާސްކޮށް ތަސްދީގު ކުރެވިގެންދިޔައީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އެ ގާނޫނުގައި ގިނަ ސިޔާސަތުތަކަކާއި، ކައުންސިލްތަކަށް ލިބިގެންވާ އެތައް ބާރުތަކެއް ހިމަނާފައިވެއެވެ. އެއީ އިގްތިސޯދީ ގޮތުން ބެލިޔަސް، އަދި އިޖްތިމާއީ ގޮތުން ބެލިޔަސް ނުވަތަ މާލީގޮތުން ބެލިޔަސް ރަށަށް އޮތް އެންމެ ފައިދާ ކުރުވަނި ގޮތެވެ.

މި ގާނޫނު ތަންފީޒު ކުރުމަށް ކުރަން އޮތީ ބޮޑު މަސައްކަތްތަކަށްވާއިރު، އިންތިހާބުން ބައްޔަކާއި ކުރިމަތިވެދާނެހެން ހީވާފަދަ މިސްރާބެއް ފެނުން އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބާއި އެކު، މަޖިލީސް އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާށީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ހޯދީ މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކަށް ލިބިފައިނުވާވަރުގެ ބޮޑު ކާމިޔާބެކެވެ. ޖުމްލަ 64 ގޮނޑި ކިހިލީގައި ޖަހާލީ ފަސޭހަކަމާއި އެކުއެވެ. ކޯލިޝަންގެ އެހެން ބައިވެރިންނާއި، އިދިކޮޅަށް “އަސްލު ސައިޒު” ދައްކާލުމަށްފަހުއެވެ.

އަނިޔާވެރި ވެރިކަމަކާއި، ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް އޭރު ކުރަމުން އައި މަސައްކަތްތަކުގެ ދަށުން ރައްޔިތުން އިސްކުރީ އެ ރައްޔިތުންގެ ހައްގެވެ. ސަބަބަކީ އެ ރައްޔިތުން މަހުރޫމްވީ ހައްގުތައް އަލުން އަނބުރާ ހޯދައިދޭނެ ކަމުގެ ފުރިހަމަ ވައުދު އެމްޑީޕީން ވުމުންނެވެ. ވެރިކަން އެކަންޏެއް ނޫނެވެ، މަޖިލީސް އިންތިހާބު “ހިތާ ޖާނުން ގުރުބާންކޮށް” ދިނީ އެ ސަބަބާއި ހުރެއެވެ. އެ ބުނާ ހަތް އަހަރު ވަންދެން މަގުމަތީގައި އުޅުނު ހާލަށް ހެޔޮކޮށް ޝުކުރު އަދާކޮށްލުމަށެވެ. އެ ރައްތުންވެސް ގޭނިގެން ކުރި މަސައްކަތުގެ ފޮނި މީރުކަމެއް ހޯދުމަށެވެ.

އިލެކްޝަންސް ކޮމިޝަން ކުރިމަތީ އެމްޑީޕީން ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން – ފޮޓޯ: އަވަސް

މަޖިލީސް އިންތިހާބު ދިންތާ އަހަރެއް ވެއްޖެއެވެ. މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު މާ ބޮޑު އުފަލެއް އޮތް ކަމަށް ގަބޫލެއް ނުކުރެއެވެ. އެތައް ވައުދެއް، އެއް ފަރާތްކޮށްލުމަށް ފަހު އަވަސް ވެގަތީ ޖުޑީޝަރީ “ފޮޅާ ނަގާ ސާފު ކުރުމަށްފަހު” ކުރީގެ ރައީސްއަކު ޖަލަށް ލުމަށެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ތެރޭގައި “މައްސަލައެއް” ނެތް ކަމަށް ބުންޏަސް ޕާޓީ އޮތީ ދެކަފިވެފައެވެ. އެމްޑީޕީގެ އެންމެ އިސް ސަފުގައި އެތައް އަހަރެއް ވަންދެން އުޅުނު މީހުން ފަހަތަށް ޖައްސާލާ ކުރިޔަށް ނެރުނީ “ބޯވަ” ތަކެކެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އެމްޑީޕީއަށް މަރުދިން މީހުން ދައްކަމުންދާ ވާހަކައެކެވެ.

ވެރިކަމާއި އެކު، ފާއިތުވީ އެއް އަހަރު ތެރޭގައި ލައްކަ ސިޔާސީ މަގާމުތަކެއް އުފެދިއްޖެއެވެ. ޑިރެކްޓަރުކަން ލައްވާލީ އިހައްދުވަހު އައިސް ޕާޓީގެ ތެރެއަށް ވަދެގަތް މީހުންނަށް ކަމަށް ބުނަނީ ވެސް ހަމަ ޕާޓީގެ އެކްޓިވިސްޓުންނެވެ. އެކަން މިހާރު ވެސް ސޯޝަލް މީޑިއާގައި ދާ ޒުވާބުގަނޑުގެ ތެރެއިން ފެނެއެވެ. އެއް އެކްޓިވިސްޓު އަނެއް އެކްޓިވިސްޓަށް ލައްކަ އެއްޗެއް ކިޔާލައެވެ.

2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއި ހަމައިން އެތައް ބަޔަކު މަސައްކަތް ކުރީ އިސްލާހީ މަގަށެވެ. އެ ދުވަހު އެ އިސްލާހީ މަސައްކަތް ކުރި އެތައް ބަޔަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމެރީގައި ވާދަކުރިއެވެ. ކުރި ހޯދީ އެހެން ބައެކެވެ. ޕީޕީއެމްގެ ގޮނޑިތައް އަތުރަން ތިބި ބައެއް ބޭފުޅުން މަޖިލީހުގައި މިއަދު އެގެންދަވަނީ އެމްޑީޕީ ތަމްސީލު ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ސިޔާސަތާއި، އެމްޑީޕީގެ ސިޔާސަތުތަކަށް ތައުރީފު ކުރަމުންނެވެ. އެހެން ނަމަވެސް ހަގީގަތަކީ، 2018 ވަނަ އަހަރުގެ އެ މީހުންގެ ޓްވީޓާރ ފީޑުން ވެސް ފެންނާނީ އެހެން މަންޒަރެއް ކަމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ކައުންސިލް އިންތިހާބުގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް “ރަށް ވެހި ފަތިސް” ޖަލްސާއެއް ބޭއްވި ހަނދާން އެންމެން ވެސް ހުންނާނެއެވެ. މީގެ ކުރިން އެތައްހާސް ބަޔަކާއެކު ބޮޑެތި ޖަލްސާތައް ބޭއްވުމުގެ ރެކޯޑް އޮތް އެމްޑީޕީގެ ހަރުގެ ޖަލްސާތަކުގައި ވެސް އެ އަދަދަށް މީހުން ތިބެއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ކުރިޔަށް ގެންދިޔަ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: ސޯޝަލް މީޑިިއާ

“މަސައްކަތް ތެރިންނާކުޅެން އުޅެންންޏާ އަދިވެސް ހަމަ އޭގެ ހިތި ފެންނަމުންދާނި. ޙަރަދު ކުޑަކުރަން ކަމަށްބުނެ ނިކަމެތި ރައްޔަތުންގެ ހައްގުތައް ނިގުޅައިގަނެ ސިޔާސީ މަގާމުތައް އުފެއްދީ ރައްޔަތުން ކަރަށް ފައިންއަރައިފަ. ވީވައުދު ތަކުގެ މާނަ އޮޅުވާލާ ރައްޔަތުންނަކީ ތަންދޮރު ނުދަންނަބެއް ކަމަށްހީކޮށް އުޅުނީ. މެޖޯރިޓީ ދިނީމާ ވެސް ދެންވެސް މަސައްކަތްތެރިން ވީ ބޭކާރު. ޥޯޓް ދެވުނީތީ އެކަމާ ހިތާމަކުރަން ޖެހިއްޖެ. އަހަރެމެން ގެނައިވެރިކަމަކަށް އަހަރެމެން ފާޑު ކިޔާނަން. އެއްޗެކޭ ބުނާއިރަށް ކުރީ ސަރުކާރުގަ މާގޯހޭ ގޮވާނެ. ބަލަގަ ކުރީސަރުކާރު ކަމުނުގޮސްގެންނު މިސަރުކާރު ގެނައީ” އޮންލައިން ނޫހެއްގައި އިން ކޮމެންޓެއް.

ހަމައެކަނި މަޖިލީސް އިންތިހާބަކުންނެއް ނޫނެވެ. ކައުންސިލް އިންތިހާބުގެ ޕްރައިމެރީން ‘ވެސް ޕާޓީގެ “ލޯޔަލް” އެތަށް ބަޔަކު ފަނޑުވެގެން ހިނގައްޖެއެވެ. އެކަމުގެ ނުތަނަވަސްކަން ޕާޓީގެ އެތައް މެމްބަރެއްގެ މޫނުމަތީން އެބަ ފެނެއެވެ.

އެއްކޮޅުން ސިޔާސީ މަގާމުތައް ދީފައިތިބި މީހުން، ނިކުމެ ސަރުކާރަށް ފާޑުކިޔާ މުވައްޒަފު ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް ދެނީއެވެ. ފޮޓޯއަކަށް ރައްޔިތުންގެ ކަންބޮޑުވުމުގެ ނަމުގައި އެހެން ބޮޑެތި މަގާމުތަކުގައި ފަރާތްތަކާއި ބައްދަލު ވެސް ކުރަނީއެވެ. ޕާޓީގެ މީހުން ޕާޓީގެ އަނެއް މެމްބަރަށް ހެއްދެވި ނެހެއްދިވިއަށް ވެސް ގޮވަނީއެވެ. އެހެން ކަމުން، މެމްބަރުން ޕާޓީ މަތީން ފޫހި ނުވާންވީ ސަބަބެއް ވެސް ނެތެވެ.

އެއް އަހަރުތެރޭގައި ފުއްދަން ބުނި ވައުދުތަކުން އަދި ބޮޑު އެއްވެސް ވައުދެއް ނުފުއްދެއެވެ. މިނިމަންވޭޖެއްގެ މަސައްކަތް ވެސް ކުރިޔަށް ދަނީއެވެ. އިންޓަނެޓެއްގެ މަސައްކަތް ވެސް ކުރިޔަށް ދަނީއެވެ. މަރުތައް ތަހުގީގު ކުރުންވެސް ކުރިޔަށް ދަނީއެވެ. މިއީ، މި މަސައްކަތްތަކާއި ހަވާލުވެގެން ތިއްބެވި ފަރާތްތައް ދޭ ޖަވާބުތަކެވެ. އެހެން ކަމުން ދެން ރައްޔިތުން ކުރާނެ އިތުބާރެއް އޮންނާނެހެން ހީއެއް ނުވެއެވެ.

އެމްޑީޕީ ދެކަފިވެފައިވާއިރު، މީގެ ކުރިން ބަސްތައް ރައްދު ކުރީ ޕާޓީގެ އާއްމު މެމްބަރުންނެވެ. ޕާޓީގެ ދެކެ “އަސްލު އެމްޑީޕީ” މެމްބަރުން ފޫހިވާ ދަރަޖައަށް ކަންތައް ވަނީ ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: