ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުންނަށް މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި ދުރުވާން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުންނަށް މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި ދަށްކޮށްލުމުގެ އިތުރުން، ޣީބަބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި ޢަމަލާ ކައިރިނުވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

އުޅުމާއި ގުޅުންތައް ހެޔޮ ގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މުސްލިމް މި ޤައުމަކީ މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ މުޖުތަމަޢަކަށް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

”އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާ ދޮގު ހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް އިންޝާﷲ ވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއް ކަމަށާއި، އެ މުޑުވަކުން ފަޅައިގެން އަންނަ ގަސްތަކުގެ ހިޔާވަހިކަމަކީ މުޅި މުޖުތަމަޢަށް އިންތިހާއަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި އިޙްތިރާމު ކުރުމުގެ މައުޟޫޢަކީ އިންސާނާގެ މުޅި ޙަޔާތާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އަދާކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގައްޔާއި، އޮފީސްތަކާއި މަދަރުސާތައް ފަދަ ތަންތަނުގައި ހިތްތަކަށް ލިބޭ ތަސައްލީއަކީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމް ކަމުގައި ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ގޭތެރޭގެ މާޙައުލުގައްޔާއި ޢާއިލާތަކުގެ މެދުގައި އިޙްތިރާމު ދެމެހެއްޓުމަށާއި، އެއްބަނޑުއެއްބަފާ ކަމާއި ރަޙްމަތްތެރިކަމުގެ ގުޅުންތަކުގައިވެސް އެ ސިފަ އަށަގެންނެވުމަށް ރައީސް ބާރުއެޅުއްވިއެވެ. އަދި ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި، ޤައުމަށް ލިބިފައިވާ ރީތި ނަމާއި ޤަދަރަށްވެސް އެންމެހައި ފަރުދުން އިޙްތިރާމް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: