ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމަށް އަދި އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން ފާހަގަކުރައްވައި، ޕީއެންސީގެ ފަރާތުން ރައީސް މުޢިއްޒު އަދާލަތު ޕާޓީއަށް ދަޢުވަތު ދެއްވާފައިވާ ކަމަށެވެ.
ދީނާއި، ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އެ ޕާޓީ އުފެދިފައިވާ އަސާސީ މަޤްޞަދުކަމަށް އަދާލަތު ޕާޓީން ފާހަގަކުރެއެވެ. އަދި ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި، ޤައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަކީ މި ވަގުތު ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ ރިޔާސީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. މީގެއިތުރުން، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށްވެސް އެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

