ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމުގެ ކުލައާއި ދޭސީ ބިދޭސީ ތަފާތުކުރުން: ރާއްޖޭގައިވެސް ޒަމާނުއްސުރެ އޮތް ގޯސް އާދައެއް!

ނަސްލީ ތަފާތުކުރުމާއި ގުޅުވައި ނަގާފައިވާ ފޮޓޮއެއް / ފޮޓޯ: ނައުޝަމް ފޮޓޯގްރަފީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިއޯޖް ފްލޯއިޑްގެ މަރާއި ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ އެކަމަށް ހުއްޓިފައެވެ. އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހެއް މަގުމަތީގައި ބަންޑުން ބޭއްވުމަށްފަހު އޭނާގެ ކަރުގައި އެމެރިކާ ސިފައިންގެ މީހަކު ކަކޫ ވިއްދާފައި އޮތުމާއި ގުޅިގެން އޭނާ މިދުނިޔެ ދޫކުރީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެއާއެކު މުޅި ދުނިޔެ ކަލު ނަސްލުގެ މީހުންގެ ދިފާއުގައި ތެދުވެ އެމީހުންގެ ހައްގުތައް ދިފާއުކުރުމަށް ގޮވާލަމުންދާއިރު، މިކަމަށް ދިވެހިންގެވެސް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

ދިވެހިންގެ ތެރޭގައިވެސް ހަމުގެ ކުލައިގެ ގޮތުން އެކި ކުލަތައް ލިބިފައިވާ މީހުން އުޅެމުންދާއިރު، ވަރަށް ގިނަ ބަޔަކު ވަނީ ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި ތެދުވެފައެވެ. އެމީހުންގެ ބަސްތަކަށް ފާޑުކިޔަމުން، ރާއްޖޭގައި ކަޅު ނަސްލުގެ މީހުން ނޫޅޭ ކަމަށާއި ރާއްޖޭގައި ހަގީގީ ނަސްލީ ތަފާތުކުރުން ނެތް ކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މިކަންވީ ވަރަށް ގިނަ ބަޔަކު ދެކޮޅު ހަދަން ފެށި ކަމަކަށެވެ. އަދި ރާއްޖޭގައިވެސް ރާއްޖޭގެ “ފެންވަރުން” ތަފާތުކުރުން އޮންނަ ކަމަށާއި ނަސްލީ ތަފާތުކުރުން ނެތަސް ހަމުގެ ކުލަޔަށް ބަލައި ތަފާތުކުރުން އޮންނަ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށިއެވެ.

ސޯޝަލް މީޑިޔާއަށް ބަލައިލާއިރު، މިކަމާމެދު ނުރުހުން ފާޅުކުރާ މީހުންގެ އަދަދު ނިސްބަތުން ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން ވަކި އުމުރަކަށް ދިޔުމާއި ހަމައަށް، ހަމުގެ ކުލަ ތަންކޮޅެއް އަލި ނަމައޭ ހިތަށް އަރާ ކަމަށާއި، ސްކޫލް ދުވަސްވަރު ހަމުގެ ކުލަ އަނދިރިވީމަ، އެކި ވަނަންތަކުން ގޮވާފައިވާކަމަށް ވަރަށް ގިނަ ބަޔަކު އަަންނަނީ ބުނަމުންނެވެ. އަދި ދަރިޔަކު ލިބިއްޖެކަމުގެ ޚަބަރު ލިބުމާއިއެކު ފުރަތަމަވެސް ކުރާ ސުވާލަކީ ވަރަށް ދޮންތޯ ނޫނީ ކަޅުތޯ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ސީދާ ނަސްލީ ތަފާތުކުރުން ރާއްޖޭގައި ނެތްކަމަށް ގިނަ ބަޔަކު ބުނި ކަމުގައިވިޔަސް، އެކަމާވެސް ދެކޮޅު ހަދާ ބަޔަކު އުޅެެއެވެ. ރާއްޖޭގައިވެސް ނަސްލީ ތަފާތުކުރުން އޮންނަކަމަށް ބުނެ އެމީހުން ދައްކާ ހެއްކަކީ ރާއްޖޭގައި އޮންނަ ދޭސީ ބިދޭސީ ތަފާތުކުރުމެެވެ. ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް އެއްެވެސް ކަހަލަ އިހުތިރާމެއް ނުކުރާކަމެވެ. އަދި އެމީހުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމުގެ ވާހަކައެވެ. ބަހުންވެސް އަމަލުންވެސް އެމީހުންނަށް އެއްވެސް ކަހަލަ އިހުތިރާމެއް ނުކުރާކަމެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެކަށީގެންވާ އިހުތިރާމް ނުދެވޭނަމަ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑުއުފުލުމުގެ ބޭނުމެއް ނެތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ހަމުގެ ކުލައިގެ ތަފާތުކުރުން އޮތީ ހަމައެކަނި އާންމުންގެ މެދުގައެއް ނޫނެވެ. އެއަށްވުރެ ތަންކޮޅެއް މަތީ ފެންވަރުގެ ބޭފުޅުންގެ މެދުގައި ނުވަތަ އިއްޒަތްތެރިންގެ މެދުގައިވެސް މިކަން ހިނގާފައި ހުރިކަމުގެ ހެކި ފެންނަން އެބަހުއްޓެވެ. ނުވަތަ އާންމު ރައްޔިތުން ގައުމުގެ ވެރިންނަށްވެސް މިފަދަ ބަސްތައް ރައްދުކޮށްފައިވާކަންވެސް ފެންނަން އެބަހުއްޓެވެ.

މަޖިލިސް މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަށް ނަމުގެ ކުރިއަށް ކަޅު ނުވަތަ ބަބުރު ލުމަށްފަހު މަލާމާތްކޮށްފައި އެބަހުއްޓެވެ. އާންމު ރައްޔިތުން ގައުމުގެ ވެރިންނަށް ނުވަތަ ރައީސުންގެ ނަމުގެ ކުރިއަށް މިފަދަ ނަންތައް ބޭނުންކޮށްފައި އެބަހުއްޓެވެ.

ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުލުމަކީ “ޓްރެންޑް”އެއް ކަމަށް ދެކިގެން އެކަން ކުރާނަމަ އެކަން ކުރުމުގެ ބޭނުމެއް ނެތެވެ. މިއަދު “ބްލެކް ލައިވްސް މެޓަރ”އޭ ބުނުމަށްފަހު މާދަމާ މުޖުތަމައަށް ނުކުމެ ދޮން، ކަޅު ވަކިކޮށް، ވަނަން ކިޔާނަމަ މިއަޑު އުފުލުމުގެ ބޭނުމެއް ނެތެވެ. ބިދޭސީންނާއި ވާހަކަދައްކާއިރު، އެއްވެސް ވަރަކަށް އިހްތިރާމް ކުރަން ނޭންގޭނަމަ، މިއަދު ސޯޝަލް މީޑިޔާގައި ތަފާތުކުރުމާއި ދެކޮޅަށް އަޑު އުފުލުމުގެ ބޭނުމެއް ނެތެވެ.

ބޭނުންވަނީ، ކޮންމެ ނަސްލަކުން ނުވަތަ ކޮންމެ ގައުމަކުން އައި ކަމުގައިވިޔަސް، ހަމުގެ ކުލަ އަލިކަމުގައިވިޔަސް އަނދިރިކަމުގައިވިޔަސް އެންމެންނަކީ އިންސާނުންކަން ގަބޫލުކުރާ މުޖުތަމައެކެވެ. ހަމުގެ ކުލައަށް ބަލައި ތަފަތުކުރުން ނެތް، ދޭސީންނާއި ބިދޭސީންގެެ މެދުގައި ތަފާތުކުރުން ނެތް ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: