ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަގުތުން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށްދާއިރު އެ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ފެށި ”އޮޕަރޭޝަން ކުރަނގި“ މެދުވެރިކޮށް ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ކުރިން ރާއްޖޭގައި ވޯކް ޕާމިޓާއެކު 203،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ނަމަވެސް، އޭގެ ތެރެއިން ދެނެގަނެވިފައިވަނީ ކޮން ބައެއްކަމާއި ގަވާއިދާ އެއްގޮތަށް އުޅެނީ ކޮން ބައެއްކަން އޮތީ ސާފުނުވެއެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ބެލީ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ކަމަށާއި، ދެވަނަ ފިޔަވަހީގައި މާސް އޮޕަރޭޝަންތަކެއް ހިންގައި އެފަރާތްތަކަށް ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ދެވިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ރަށްރަށުގެ ކައުންސިލް އިދާރާތަކަށާއި ފުލުހުންގެ މަރުކަޒުތަކަށް އެ ފަރާތްތަކުގެ ފޯނުން ފޮޓޯ ނަގައިގެން ބިދޭސީ މީހާއަކީ ކާކުކަން ވަގުތުން ދެނެގަނެވޭނެ ސިސްޓަމްތައް ތައްޔާރުކޮށް ހަވާލުކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން ބިދޭސީއަކު ކައުންސިލަށް ނުވަތަ ފުލުހުންގެ މަރުކަޒަކަށް ދިޔުމުން، އެތަނުގައި ހުންނަ ފުލުސް އޮފިސަރަށް ނުވަތަ ކައުންސިލަރަށް އެއީ ކާކުކަން ވަގުތުން ސާފުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގުން
މީގެއިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަލިއަޅުވާލައްވަމުން އިހުސާން ވިދާޅުވީ، އެކި ގޮތްގޮތުން މުދާ ހޯދުމާއި ވިޔަފާރިކުރާ ފަރާތްތަކާއި ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކަށް މިހާރު ގެނެސްފައިވާ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާއި، މިހާރުވެސް އެފަދަ ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ.
ކުރިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އިންތިހާބުތަކުގެ ތެރެއިން ޑީލް ހަދައިގެން ސަލާމަތްވާން މަސައްކަތްކުރި ނަމަވެސް، މިހާރު އެފަދަ ފުރުސަތެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަގުބޮޑު ލަގްޒަރީ ވެހިކަލްތަކާއި ގެސްޓްހައުސް ފަދަ ވިޔަފާރިތައް ހިންގި ނަމަވެސް، އެއިން އެއްވެސް ކަމެއް މަސްތުވާތަކެއްޗާ ގުޅިފައިވާނަމަ އެ ހުރިހާ މުދަލަކާއި ވިޔަފާރިއެއް ދައުލަތަށް ނަގާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

