ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ސިއްހީ ހިދުމަތަށް މާލެއަށް ބަރޯސާވުން ކުޑަކުރުން: ގީލާ

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ސިއްހީ ހިދުމަތަށް މާލެއަށް ބަރޯސާވުން ކުޑަކުރުން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހާއްސަ ކަވަރޭޖުގައި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގީލާ ވިދާޅުވީ، ސިއްހީ ހިދުމަތްތައް އެކި ލެވެލްތަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް އޮފިސަރުންނާއި، ނަރުހުން އަދި ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހަމަކުރުން ކަމަށެވެ.

އެކަމުގެ މައިގަނޑު ބޭނުމަކީ ކުދިކުދި ސިއްހީ މައްސަލަތަކުގައި ވެސް ރައްޔިތުން މާލެއަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނެސް، އެ މީހަކު ހުރި ރަށަކުން ނުވަތަ ކައިރި ރަށަކުން ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް ގީލާ ވިދާޅުވިއެވެ.

”ބޮޑަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ މީހަކު ހުރި ރަށަކުން ހިދުމަތްތައް ފޯރުކޮށްދިނުމަށް، ސިއްހީ ގޮތުން ދިމާވާ ކުޑަކުޑަ މައްސަލައެއްގައިވެސް އާންމު ރައްޔިތުމީހާ މާލެއަށް ދަތުރު ކުރަންޖެހޭ ޖެހުން ހުއްޓުވުމަކީ އެންމެ ބޮޑު އަމާޒު،“ ގީލާ

މީގެ އިތުރުން، ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި އަތޮޅު ތެރޭގައި ހުރި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތ ކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަން، ގދ. ތިނަދޫ އަދި ފުވައްމުލަކު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ވޭތުވެދިޔަ ތިން އަހަރު ދުވަހު ވަރަށް ބާރަށް ކުރިއަށް ގެންގޮސްފައިވާކަމަށާއި އެގޮތުން ބެޑް ކެޕޭސިޓީ އިތުރުކުރުމާއި ހާއްސަ ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް އެ ތަންތަނުގައި ފަހިކުރެވިފައިވާކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.

ހަމައެއާއެކު، އުނގޫފާރުގައި އެމްއާރުއައި ހިދުމަތް ފެށިފައިވާއިރު އިތުރު 3 ތަނެއްގައި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި އަދި ފުވައްމުލަކުގައި ސީޓީ ސްކޭން ފެށިފައިވާއިރު، އިތުރު 8 ތަނެއްގައި އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ގީލާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުވައްމުލަކާއި ބ. އަތޮޅު ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރު ދެނެގަންނަ މެމޮގްރަފީ ހިދުމަތް ފަށާފައިވާއިރު، އިތުރު 3 ހޮސްޕިޓަލެއްގައި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން މިނިސްޓަރު ގީލާ ފާހަގަކުރެއްވިއެވެ.

ލެބޯރެޓްރީގެ ޚިދުމަތްތަކަށް ބަލާއިރު 76 ރަށެއްގައި 13 ވައްތަރެއްގެ ޓެސްޓު ހެދޭ ’ޕޮއިންޓް އޮފް ކެއަރ‘ ލެބޯޓްރީ ގާއިމުކުރެވި، 24 ރަށެއްގައި ފުލް-ފްލެޖްޑް ލެބޯޓްރީ އަލަށް ހުޅުވާ އަދި އިތުރު 52 ރަށެއްގައި އެ މަސައްކަތް ހިނގަމުންދާކަން ގީލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަލްޓްރާ ސައުންޑް އަދި އެކްސްރޭގެ ހިދުމަތް 17 މަރުކަޒެއްގައި ފަށާފައިވާއިރު، 4 ރަށެއްގައި އެކްސްރޭގެ ހިދުމަތް ފަށައި އިތުރު 16 ރަށެއްގައި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑައިލިސިސްގެ ހިދުމަތް މިހާރު ރާއްޖޭގެ 11 ރަށެއްގައި ފަށާފައިވާ ކަމަށާއި، އިތުރު 9 ރަށެއްގައި އެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަަރު ވަނީ ހާމަކުރައްވައިފައެވެ. އޭގެ ސަބަބުން ކިޑްނީ ބަލީގެ މީހުން ކިޔޫގައި ތިބެންޖެހުމާއި މާލެ އަންނަންޖެހޭ ޖެހުމަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާ ދިނުމަށްޓަކައި މާލެ ފިޔަވައި މިހާރު ކެތުލެބެއް ހިންގަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ. ނަމަވެސް، ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އަންނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކެތުލެބެއް ގާއިމުކޮށް ހިދުމަތް ދޭން ފެށުމަކީ ސަރުކާރުގެ ވަރަށް ބޮޑު އުންމީދެއް ކަމުގައި މިނިސްޓަރު ގީލާ ވަނީ ފާހަގަކުރައްވައިފައެވެ.

ޖުމްލަ ގޮތެއްގައި މިނިސްޓަރު ގީލާ ވަނީ ސިއްހީ ހިދުމަތަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކޮށް އަތޮޅުތެރޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އަމާޒުކަމަށާއި އަދި ފާއިތުވި 3 އަހަރު ތެރޭގައި އެދޭ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: