ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު މަޝްރޫއު ހުއްޓާލުމަށް ރައީސަށް ގޮވާލަނީ، މިނިސްޓަރ ވިދާޅުވަނީ އެކަމުގައި ގެއްލުމެއް ނެތްކަމަށް!

ގުޅިފަޅު ހިއްކުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ ފޮޓޯ: ސޭވް މޯލްޑިވްސް ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސޭވް މޯލްޑިވްސް ޖަމިއްޔާއިން ގޮވާލައިފިއެވެ.

ދުނިޔޭގެ ތިމާވެށިގެ ދުވަހާއި ގުޅުވައި އެޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ  މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން ޖެހިފައިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތި، އުނދަގޫ އަދި ޔަގީންކަމެއްނެތް ދުވަސްތަކެއްގެ ތެރޭގައި ކަމަށެވެ. އަދި މިހާލަތުގެ ސަބަބުން ގައުމުގެ ނާޒުކުކަން ހާމަވެގެން ހިނގައްޖެ ކަމަށާއި ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ެިގްތިސާދު މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ ލިބިފައިވާ ތިމާވެށިގެ ރީތިކަން ވިއްކައިގެންކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މިހާރުވެސް ސަރުކާރުން އަންނަނީ ދެމެހެއްޓެނިވި ތަރައްޤީއާއި ބީރައްޓެހި މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ކ.އަތޮޅު ގުޅީފަޅު ހިއްކުމުގެ މަޝްރޫއަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައިވަނީ މި މަޝްރޫއަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާއި އިދިކޮޅަށް، ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ހިދުމަތްތައް އިތުރަށް މަރުކަޒުކުރެވިގެން ދާނެކަމެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ގުޅީފަޅު ފަރު އިޔާދަނުކުރެވޭނެ މިންވަރަށް މުޅިން ހަލާކުވުމުގެ އިތުރުން 13 އަކަ ކިލޯމީޓަރު ގެ ކަނޑުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންލިބޭނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މިމަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ތިމާވެށްޓަށް ލިބޭނޭ ގެއްލުންތައް މިހާރުވެސް ފެންނަންފަށާފައިވަކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ބޮޑު ސަރަހައްދެއްގައި ކިސަޑު ފެތުރި، ވަށައިގެން އޮތް ވިލިނގިލި ފަރަށާއި ކައިރީގައި ހުރި ޑައިވް ކުރާ ސަރަހައްދުތަކަށް އަސަރުކުރަމުންދާ ކަމަށާއި މީގެ ސަބަބުން ޑައިވަރުންނަށާއި، މަސްވެރިންނަށާއި، ބައެއް ރިސޯޓުތަކާއި އެހެން ވިޔަފާރިތަކަށް އަސަރުކުރާނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ސޭވް މޯލްޑިވްސްއިން ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ގޮވާލާފައެވެ. ރައްޔިތުންގެ މަސްލަހަތު އެއްފަރާތްކޮށް، ސިޔާސީ ބޭނުމުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އީޕީއޭ ވަނީ ނުކުޅެދިފައި ކަމަށާއި ބޭނުންވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ނުފޫޒުން އެއކިބާވެފައިވާ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ.

ސޭވް މޯލްޑިވްސްއިން ވަނީ މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށްވެސް ސިޓީއެއް ހުށައަޅާފައެވެ. މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ފާސްކޮށްފައިވާ ރާއްޖެއިން ކްލައިމެޓް އިމަޖެންސީ އިއުލާންކުރުމުގެ ގަރާރަށް އަމަލީ ގޮތެއްގައި މަސައްކަތްކުރެވިފައިނުވާ ކަމަށް ސިޓިގައި ވަނީ ބުނެފައެވެ. އަދި ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބިގެންދާނެ ގެއްލުންތައް ވަނީ ސިޓީގައި ބަޔާންކޮށްފައެވެ.

 

 

https://twitter.com/SaveMaldivesMV/status/1268790258013011968

އެހެންނަމަވެސް، މިކަމާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ އެމަޝްރޫއަކީ ތިމާވެއްޓަށް ގެއްލުން ކުރުވާނެ މަޝްރޫއެއް ނޫން ކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުީ އެއީ ވަރަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރަމުންދާ މިމަސައްކަތަކީ މިހާތަނަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މިނިސްޓަރ ވިދާޅުވީ، ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާނެ ސަރަހައްދުތަކާއި، ގުޅިފަޅުން މިކަމަށް ބިން ހިއްކާ ސަރަހައްދުގެ ދިރާސާތައްކޮށް، ކޮންމެ ދުވަހަކުވެސް ލޮނުގަނޑުގެ ސާމްޕަލްނަގާ ޓެސްޓްތައް ހަދަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށްދަނީ ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމަށެވެ. އެގޮތުން ކަނޑާއި އެއްގަމު ސަރަަޙައްދުގައި ބޯ ހޯލް ތޮރުފައިގެން ކުރާ ދިރާސާތައް ކުރުމުގެ މަސައްކަތްތައް މިހަރު ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރަމުންދާއިރުވެސް އެ ސަރަހައްދުގެ ލޮނުގަނޑު ތަޣައްޔަރުވާ މިންވަރުބަލާ  ޓެސްޓްތައް ހަދަމުންދާ ކމަށެވެ. މި ޓެސްޓްގައި ލޮނުގަނޑު ތަޣައްޔަރުވާ މިންގަނޑުކަމުގައި ބަލަނީ ފަހަކުން މައްޗަށް ދިއުމުންކަމަށާއި އެހެންނަމަވެސް މި ޕްރޮޖެކްޓް ކުރިއަށްދާ ސަރަހައްދުތަކުގައި މި އަދަދުހުރީ ސުމެއްގައިކަމަށް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ގުޅިފަޅު ހިއްކުމަސް ކުރަމުންދާ މަސައްކަތް ވަރަށް ގަތުން ބަލަމުންދާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބައެއް ޖަމިއްޔާތަކުން އަންނަނީ މިއީ އެސަރަހައްދުގައިވާ ފަޅާއި ފަރުތައް ހަލާކުވުމުގެ އިތުރަށް މާލެ ސަރަހައްދުގައި ހިމެނޭ އެތައް ޑައިވިންގ ޕޮއިންޓްތަކެއްވެސް ހަލާކުވެގެންދާނެ ކަމެއް ކަމަށް ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: