ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައި.ސީ.ޔޫ)ގެ ސީލިންގުން ބައެއް ވެއްޓިއްޖެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ހޮސްޕިޓަލުގެ ސީލިންގުގެ ޖިޕްސަމް ބޯޑެއް ހަލާކުވެގެން ވެއްޓުނީ އައިސީޔޫގެ އެނދެއްގެ މައްޗަށެވެ.
މި ހާދިސާއާއި ގުޅިގެން ”ސަންގު“އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ ސީއީއޯ، އަބްދުލް ހަންނާން އަބްދުއްރަހީމް ވިދާޅުވީ، އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓިފައި ވަނީ އޭސީގެ ފެން ބޭރުކުރާ ޕަންޕެއްގައި މައްސަލަ ޖެހި، ސީލިންގުގައި ބޭނުންކޮށްފައި ހުރި ޖިޕްސަމް ބޯޑަށް ފެން އެޅި ފޯވުމުގެ ސަބަބުން ކަމަށެވެ.
އައިސީޔޫގެ ސީލިންގު ވެއްޓިފައިވަނީ ބަލި މީހަކަ ފަރުވާދެމުން ދަނިކޮށް ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ ދޮގުކުރައްވައި ހަންނާން ވިދާޅުވީ، ސީލިންގުން ބައެއް ވެއްޓިފައިވަނީ މިވަގުތު އެއްވެސް ވަރަކަށް ބޭނުން ނުކުރާ ބުލޮކެއްގެ ކަމަށެވެ. އަދި މިވަގުތު އައިސީޔޫގައި އެއްވެސް ބަލި މީހަކު ނެތް ކަމަށްވެސް ހަންނާން ފާހަގަކުރެއްވިއެވެ.
ހަންނާން ވިދާޅުވީ، އެ ހޮސްޕިޓަލުގެ އައިސީޔޫ އަބަދުވެސް ތަނަވަސްވާނެ ކަމަށެވެ. އަދި ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނީ ހަތަރު ބުލޮކަކަށް ބަހާލައިގެން ކަމަށްވެސް ޙަންނާން ވިދާޅުވިއެވެ. މީގެ ތެރޭގައި އާންމު ގޮތެއްގައި ބޭނުންކުރަނީ ދެ ބްލޮކު ކަމަށްވެސް ހަންނާާން ފާހަގަކުރެއްވިއެވެ.
ނަމަވެސް އައިސީޔޫގައި ބޭނުންކުރާ ސާމާނުތަކަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ އެއްޗެހިކަމުން، އައިސީޔޫގެ ހުރިހާ އޭސީއެއްވެސް ހުންނަނީ އަބަދުވެސް ޖައްސާފައިކަން ހަންނާން ފާހަގަކުރެއްވިއެވެ.
އައިސީޔޫގެ ހާލަތު އަދިވެސް ހުރީ އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ ގޮތަށް ކަމަށްވެސް ހަންނާން ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެ މައްސަލަ މިހާރު ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވީ އެންމެ އަވަހަކަށް އެކަން ހައްލުކުރައްވާނެ ކަމަށްވެސް ހަންނާން ވިދާޅުވިއެވެ.

