ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ޚިދުމަތް ރަނގަޅުވެއްޖެނަމަ ރާއްޖެއިން ބޭރަށް ފައިސާ ދިޔުން މަދުވާނެ: ޑރ. އަނާރާ

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް / ފޮޓޯ: މެންދުރު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހޮސްޕިޓަލުތަކުން މިހާރަށްވުރެ ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނަމަ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މިންވަރު މަދުވެ އެ ފައިސާ ގައުމުގެ އެތެރޭގައި ދައުރުވުމަށް މަގުފަހިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ޑރ. އަނާރާ މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ދައުލަތުން މަޖިލީހަށް ހުށަހެޅި ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ.

މެންބަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މުހިންމު ދާއިރާތަކަށް އެކަށީގެންވާ ފައިސާ ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް 10.5 ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއަށް 6.8 ބިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް 4.0 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖަޒީރާވަންތަ ގޮތުން ރަށްރަށަށް ސިއްހީ ޚިދުމަތްތައް ފުރިހަމައަށް ލިބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ޑރ. އަނާރާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ހަދަންޖެހޭ ލޭގެ ޓެސްޓުތައް މިހާރު ރަށްރަށުން ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”ރާއްޖޭގައި އަދި މިހާރަށްވުރެންވެސް ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ހޮސްޕިޓަލުތަކުންވެސް ދެވެންޏާ، މާލޭ ސަރަހައްދުންވެސް އަދި އެހެނިހެން ސަރަހައްދުތަކުންވެސް ދެވެންޏާ، ރާއްޖެއިން ބޭރަށްދާ މިންވަރު މަދުވެ، އަދި ރާއްޖެއިން ބޭރަށް ފައިސާދާ މިންވަރު މަދުވެ، ރާއްޖޭގައި އެ ފައިސާ ދައުރުވާން މަގުފަހިވޭ،“ ޑރ. އަނާރާ ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ، އެ ދާއިރާގައި ގިނަ އިމާރާތްތަކެއް ހަދަމުންދާ ކަމަށާއި އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ މަސައްކަތް ހުރާ ދާއިރާގައިވެސް ފެށޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ، ގައުމެއް ދުޅަހެޔޮކަންމަތީ ދެމިއޮތުމަށްޓަކައި އެންމެންނަކީވެސް އަނެކުންނަށް ރައްކާތެރި ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި މިއީ އިސްލާމްދީނުގެ ނަބަވީ އިރުޝާދުތަކުންވެސް އެނގެން އޮތް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: