ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯ ޑިގްރީ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ ގޮތް ހަދަން ބާ ކައުންސިލަށް އަންގަނީ

ވަކީލުންތަކެއް ވަކީލުކަމުގެ ހުވާ ކުރައްވަނީ: - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ދާއިރާގެ އިމްތިހާނުތައް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ފެށުމުގައި، މިހާރު ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް އެ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީގެ އިއްތިފާގުން މިގޮތަށް ނިންމީ، ބާ ކައުންސިލުގެ ”ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑު“ ބަޔާންކުރާ ގަވާއިދަށް ޖުލައި މަހު ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުން، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގާނޫނީ ޑިގްރީ ހަދާ ހުރިހާ ދަރިވަރުން ވެސް އިމްތިހާނުތައް ފުރިހަމަކުރަން ޖެހޭނީ ތައުލީމުދޭ މަރުކަޒަށް ހާޒިރުވެގެންނެވެ. ނަމަވެސް، ކޮމިޓީން ފާސްކުރީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭ އެއްގޮތަށް އޮންލައިންކޮށް އިމްތިހާނު ދިނުމުގެ އިހުތިޔާރު ދިނުމަށާއި، ހާޒިރުވެގެން އިމްތިހާނު ހަދަން ލާޒިމުކުރާ އުސޫލު ހިންގަންވާނީ އަލަށް ކޯހާ ގުޅޭ ދަރިވަރުންނަށް އެކަނި ކަމަށް އެންގުމަށެވެ.

މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުން އިސްނަގައިގެން ތައްޔާރުކުރި އޮންލައިން ޕެޓިޝަނެއްގައި 300 އެއްހާ ދަރިވަރުން ސޮއި ކުރި އެވެ. ޕެޓިޝަނުގައި ދަރިވަރުން ވަނީ އެ ކައުންސިލުން ގެނައި އައު އުސޫލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ސަބަބުތައް ވެސް ތަފްސީލުކޮށްފަ އެވެ. އެގޮތުން ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި، ކޯސް ފެށިއިރު މާލޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނާ އެއް ފެންވަރެއްގެ ތައުލީމެއް، ރަށްރަށުގައި ތިބެގެންވެސް ލިބޭނެ ކަމުގެ އުއްމީދު އޮތް ނަމަވެސް، މި ބަދަލުގެ ސަބަބުން އެ ފުރުސަތު ގެއްލިގެންދާނެ އެވެ. ވަކިން ހާއްސަކޮށް ވަޒީފާ އަދާކުރަމުން ކިޔަވާ ދަރިވަރުންނަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަކީ ދަތި ކަމަކަށް ވާއިރު، އެހެން ރަށްރަށުން ދަތުރުކޮށްފައި އިމްތިހާނު ހަދަން އައުމަކީ މާލީ ގޮތުންނާއި އަމަލީ ގޮތުންވެސް އުފުލޭނެ ބުރައެއް ނޫންކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

ދަރިވަރުންގެ ޕެޓިޝަނުގައި ބުނެފައި ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ތައުލީމީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައިވެސް އޮންލައިންކޮށް އިމްތިހާނު ބާއްވަމުންދާ ކަމަށެވެ. އެހެންކަމުން، ދިރިއުޅޭ ރަށުގެ ދުރުމިނާއި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ރިއާޔަތްކޮށް، ބާ ކައުންސިލުގެ މި ނިންމުން އަލުން މުރާޖައާކޮށް ހުރިހާ ދަރިވަރުންނަށް އިންސާފުވެރި ގޮތަކަށް އުސޫލު ބަދަލުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

ދަރިވަރުންގެ ޕެޓިޝަނުގައި ބާ ކައުންސިލަށް ގޮވާލާފައި ވަނީ، މިހާރު ކޯސްތަކުގައި އެންރޯލްވެފައި ތިބި ދަރިވަރުންނަށް ގެއްލުން ނުވާނެ ގޮތަކަށް މި މައްސަލަ ބަލައި، އިންސާފުވެރި ނިންމުމެއް ނިންމައިދިނުމަށެވެ. އަދި ކޮލެޖުގެ ކެމްޕަސްތައް ހުންނަ ރަށްރަށަށް ދަތުރުކުރުމުގެ ގާބިލުކަން ނެތް ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި ބަދަލާއި ގުޅޭގޮތުން ބާ ކައުންސިލުން ބުނެފައި ވަނީ މިއީ ރާއްޖޭގެ ގާނޫނީ ތައުލީމުގެ ފެންވަރު މަތިކޮށް، ވަކީލުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: