ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ މައްސަލައިގެ ރިޕޯޓު: މަޖިލީހުގެ މަސައްކަތް ކުރަންވީ ގޮތް އިދާރާތަކާއި، ކުންފުނިތަކަށް ބުނެ ނުދެވޭނެ!

ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީއެއް ލީކުވީ މައްސަލަ / މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސްޓެލްކޯގެ އެމްޑީ ޟުޣުނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަލަތުގެ ކުންފުންޏެއްގެ ވެރިއެއްގެ މުސާރައިގެ އަދަދަކީ ވިޔަފާރީގެ ސިއްރެއް ނޫންކަމަށާއި، “ސިޓީ ލީކުވި މައްސަލައިގައި” ރައްޔިތުންގެ މަޖިލީހާއި ސްޓެލްކޯއަށް ސުވާލު ނުކުރެވޭނެ ކަމަށް މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދިޔަ މަ ޖިލީހުގެ ޢާންމު ކޮމިޓީގެ ރިޕޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވަނީ ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީ ލީކު ވި މައްސަލައިގައި ވާހަކަ ދައްކާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ސްޓެލްކޯއިން މިދިޔަ މަހުގެ 07 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ލީކުވުމާއި ގުޅިގެން ކުންފުންޏާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެ ސިޓީ އެހެން މާނައެއްގައި ބޭނުންކޮށްގެން ދައުލަތުގެ އިދާރާތްތަކާއި މެދި ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެހެން ކަމުން މި ސިޓީ ލީކުވީ މައްސަލަ ބަލައިދިނުމަށް ސްޓެލްކޯއިން އެދުނެވެ.

މި މައްސަލައާއި ގުޅިގެން ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، ފާހަގަކުރެވުނު ކަންކަން ވަނީ ރިޕޯޓުގައި ހިމަނާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރަންވީ ގޮތުގެ އިޖުރާތްތައް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކަމާއި ރައްޔިތުންގެ މަޖިލީހުން ކުރަންވީ ކަންކަމާއި، އެކަންކަން ކުރަންވީ ގޮތާއި ގުޅޭގޮތުން ސްޓެލްކޯއަށް މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރަށްވީ ހިނދު، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ހަމަތަކާއި އުސޫލުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ކަންކަމާއި އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަނޑައަޅާ އުސޫލެއްގެ މަތީން ރައްޔިތުންގެ މަޖިލީހުން ނިންމާ ކަންތަކެއް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ލިބޭ މުސާރައެއް އާއްމުވުމަކީ އެތަނަކުން ކުރަމުން އަންނަ މަސައްކަތަކަށް ބުރުލެއް އަރާ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވެއްޓި ކުންފުންޏާއި މެދު ރައްޔިތުންގެ ހިތުގައި އޮތް ތަސައްވުރު ކިލަނބު ކުރުމަށް ލިބިގެންދާ މައުލޫމާތެއްގެ ގޮތުގައި ކޮމިޓީގެ މެމްބަރުންނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީގައި، މަޖިލީހަށް ފޮނުވި މައުލޫމާތެއް އާއްމުވުމުން ކުންފުންޏާއި ކުންފުނީގެ ވެރިންނާއި އަދި މުވައްޒަފުން ރެއާ ދުވާލު ކުރާ މަސައްކަތުގެ އަގުވައްޓާލައި، ކުންފުންޏާ މެދުގައި އޮތް ތަސައްވަރު ކިލަނބުވަމުން ދާކަމަށް ބުނެފައިވީ ނަމަވެސް އެގޮތަށް އެކަން ހިނގާނެ ކަމަށް މެމްބަރުން ނުދެކޭކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިއީ ކުންފުނީގެ ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ސްޓެލްކޯއިން ބުނިނަމަވެސް މެމްބަރުނަށް އެގޮތަށް ގަބޫލު ނުކުރެވޭކަމަށް ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އާއްމު ކުރެވޭނެ އަދި ނުކުރެވޭނެ މައުލޫމާތުތަކާއި، ސިއްރު ނުކުރެވޭނެ މައުލޫމާތުތައް މަޖިލީހުގެ ގަވައިދުގެ 146 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކިކަންކަމުގައި ހިމެނޭ މައުލޫމާތުތަކާއި، ސިއްރު ކުރުމަކީ އެ މައްސަލަ ބަލާ ކޮމިޓީއަކުން ނިންމާ ނިންމުމެއްކަމާއި އަދި އެއީ ދުރާލާ އެންގޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހުންނަ ލިޔެކިޔުންތަކާއި މެދު މެމްބަރުން އަމަލު ކުރާނެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. ނަމަވެސް އެފަދަ އުސޫލެއް އެކުލަވާލުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކޭކަމަށް ކޮމިޓީގެ މެމްބަރުން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ގެންދަންޖެހޭ ގޮތް ގަވައިދުގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ. އެހެން ކަމުން އިތުރު އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް މަޖިލީހުގެ މަސައްކަތް ކުރިޔަށް ގެންދަންޖެހޭ ގޮތް ބުނެ ނުދެވޭނެ ކަމަށް ރިޕޯޓުގައި ވެއެވެ. ރިޕޯޓުގައި ބުނެފައިވަނީ މަޖިލީހުން ބަލަން ޖެހޭ މައްސަލައެއްނަމަ އެ ކަމެއް ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެކަމަށް އިތުރު އެއްވެސް މީހަކަށް ބަސް ބުނެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓު އާއްމު އިއްވުމަށްފަހު، އިތުރު މެމްބަރަކު ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިފައި ނުވާތީ ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަލް ލަތީފް ވިދާޅުވީ ރިޕޯޓުގެ ނިންމުމުގައި “ގާނުނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި އެ މަސައްކަތް ކުރިޔަށް ގެންދަން ޖެހޭ ގޮތްތައް ސާފުކޮށް ބަޔާންކޮށްފައި ވީ ހިނދު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ވީ ގޮތް” މިހެން ލިޔެފައި އޮތް އިބާރާތައް އިސްލާހެއް ގެނައުމަށް ހުށަހަޅާ ކަމަށެވެ. ސީދާ ކޮންޓެންޓަށް ބަދަލެއް ގެނައުމެއް ނޫން ނަމަވެސް ހަސަން ލަތީފް ވިދާޅުވީ “މަޖިލީހުގެ މަސައްކަތް ކުރިޔަށް ގެންދަންވީ ގޮތުގެ އުސޫލު ކަނޑައަޅާނީ މަޖިލީހުން ކަމަށާއި ދައުލަތުގެ އެހެން އިދާރާތްތައް ނުވަތަ ކުންފުނިތަކުން މަޖިލީހުގެ ކަންކަން ކުރަންވީ ގޮތް ކަނޑައެޅުމަކީ އެ އިދާރާތަކަށް ކުރެވެނެ ކަމަށް ކޮމިޓީއަށް ނުފެންނަކަމަށް” ހިމެނުން ކަމަށެވެ.

https://www.youtube.com/watch?v=leYLcHqCtso&feature=youtu.be

ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މަޖިލީހަށް ފޮނުވާ ލިޔެކިޔުމެއް ބޭރުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރުތައް މުވައްސަސާތަކަށް އޮންނަން ޖެހެނެ ކަމަށެވެ. އެހެން ނަމަވެސް ސްޓެލްކޯގެ މައްސަލައިގައި ކުންފުނީގެ މަސައްކަތަކަށް ބުރުލެއް އައުން ނުވަތަ ކުންފުންޏާއި މެދު ދެކޭ ގޮތެއް ބަދަލުވުމަށްވުރެ އެމްޑީއަށް ލިބޭ މުސާރައާއި އިނާޔަތް އާއްމުވުމުން އެމްޑީގެ ކަންބޮޑުވުން މީގެ ތެރޭގައި އޮތިކަމަށް ގަބޫލު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްތިތުންނަށް މިކަން ނޭނގި އޮތުން ވެސް އެއީ މައްސަލައެއް ކަމަށެވެ. ސަބްސިޑައިޒް އަދި ރައްޔިތުންގެ ޓެކްސް ފައިސާ މީގެ ތެރޭގައި ހިމެނޭއިރު މިއީ އެނގެންޖެހޭ މައުލޫމާތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކުދި ކުދި ބަދަލުތަކެއް ރިޕޯޓަށް ގެނައުމަށް ބައެއް މެމްބަރުން ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ހުރިހާ މެމްބަރުން ވެސް އިއްތިފާގު ވީ ސްޓެލްކޯއަށް މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާއި ސުވާލެއް ނުކުރެވެނެ ކަމަށެވެ. މެމްބަރުން ވިދާޅުވެފައިވަނީ ދައުލަތުގެ ކުންފުންޏެއްގެ ވެރިއެއްގެ މުސާރައިގެ އަދަދަކީ ވިޔަފާރީގެ ސިއްރެއް ނޫން ކަމަށެވެ.

ކޮމިޓީ ނިންމަވާލައްވަމުން ހަސަން ލަތީފް ވިދާޅުވީ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ރިޔާސަތައް ފޮނުވާނެ ކަމަށެވެ.

މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާއްމުވެެފައިވާ ސްޓެލްކޯގެ ސިޓީގައި ބުނެފައިވާގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. ލިބެ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން ރައީސް ނަޝީދު ވިދާޅުވީ ސިޓީބިޓީ ލިޔުމާ ގުޅޭގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނު ބުނާގޮތުން “އިންޖީނުގެއިން” އެގޮތަށް މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: