ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުން ނުވަނީ ރ. ޔާމީން: ހޯމް މިނިސްޓަރ އިމްރާން

ތަހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި މެދު އެއްވެސް ކަމެއް ނާއިންސާފުން ނުހިނގާ ކަމަށާއި، މިހާރު ވެސް ޑޮކްޓަރަށް ދައްކާ ގަވައިދުން ފިޒިއޮތެރަޕީ ހެއްދުން ކުރިޔަށްދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއި ބައްދަލު ކުރެއްވުމަށް މާފުށީ ޖަލަށް ވަޑައިގެންފައިވާނެ ކަމަށެވެ.  އެހެން ނަމަވެސް އެއީ ރައީސް ޔާމީންގެ ބޭސްފަރުވާގެ ކަންތަކާއި ގުޅޭގޮތުން ކަމަށާއި ވާހަކަ ދައްކާ މަޝްވަރާ ކުރުމަށް ބޭނުންފުޅުވީ ބޭސްފަރުވާއާއި ގުޅިގެން އެމަނިކުފާނުގެ ޑޮކްޓަރު ދެއްވާފައިވާ ލިޔެކިޔުމާއި ގުޅޭގޮތުން ކަމަށެވެ. އަދި ޖަލަށް ވަޑައިގެންފައިވާނީ ވެސް ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސިއްހީ ސީރިއަސް މައްސަލަތަކެއް ހުރިކަމަށް އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތްތަކުގައި ވެސް ތަކުރާރުކޮށް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމުގައި ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނަފްސާނީ ގޮތުން ވެސް މައްސަލަތަކެއް ދިމާވެފައިވާއިރު މައިބަދައިގައި ވެސް މައްސަލަތެއް ޖެހިފައިވާ ކަމަށެވެ. އަދި ހިތުގެ މައްސަލަތަކެއް ވެސް ދިމާވެފައިވާއިރު ޑޮކްޓަރުން ލަފާ ދެއްވަނީ މިއީ ރާއްޖެއިން ފަރުވާ ދެވެން ނެތް ކަމަކަށް ވުމާއި އެކު ރާއްޖެއިން ބެރަށް ދިއުމަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ބޭސްފަރުވާއާއި ބެހޭ ގޮތުން ޕްރޮގްރާމުގައި ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ބޭސްފަރުވާއަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުންފުޅު ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޔަމީން ބޭސްފަރުވާއަށް ރާއްޖެއިން ދާން ބޭނުންފުޅުވާނަމަ އެމަނިކުފާނަށާއި އާއިލާއަށް އެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދީ ފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށް ފަހިކުރަންޖެހޭ ހުރިހާ ފުރުސަތެއް ވެސް ދެއްވާނެ ކަމަށެވެ.

“މިވަގުތު އަދި ރައީސް ޔާމީން ބޭނުންފުޅުވެވަޑައެއް ނުގަންނަވާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް. އަޅުގަނޑުމެން ދޭތެރެއަކުން އެ ވާހަކަ އެބަ ދައްކަވަން. އެހެންވީމަ ރައީސް ޔާމީންގެ އާއިލާއިން ބޭސްފަރުވާއަށް ވަޑައިގަންނަވަންވީމަ އެކަމަށްޓަކައި ފަހިކޮށްދޭންޖެހޭ ހުރިހާ ފުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދޭނަން.” އިމްރާން 

ގިނަ ފަހަރަށް ކަރެކްޝަންސްގެ ފަރާތުން ދެއްވާ މައުލޫމާތުތަކާއި، އަދި ރައީސް ޔާމީންގެ އާއިލާގެ ފަރާތުން ދައްކަވާ ވާހަކަތައް ދިމާ ނުވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ރައީސް ޔާމީނާއި މެދު ޖަލުގައި އަމަލުކުރަމުން އަންނަ ގޮތާއި ގުޅޭގޮތުން ސުވާލު އުފައްދާކަމަށް ބުނުމުން އިމްރާން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުންނެވީ ނިކަމެތި ހާލެއްގައި ވެސް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޔާމީންނަށް ފުރިހަމަކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދާ ކަމަށެވެ. އަދި ކޮވިޑުގެ ތެރޭގައި ވެސް ރައީސް ޔާމީނު ޑޮކްޓަރަށް ދެއްކުމާއި ފިޒިއޯ ހެދުން ކުރިޔަށް ދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން އެބޭފުޅުން ޖަލުގައި ތިއްބެވިއިރު ލިބުނު ހިދުމަތްތަކާއި ބަލާ ރައީސް ޔާމީނާއި މެދު އަމަލު ކުރެވެނީ އެތައް ގުނައެއް ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

“މިހާރުވެސް ކޮވިޑް 19 ގެ އެންމެ ދަތި ދުވަސްވަރުގައިވެސް އެމަނިކުފާނަށް ހަމަ އެކްސަސައިޒް ކުރުމަށް، ބައެއް ފަހަރަށް ޑޮކްޓަރަށް ދެއްކުމާއި އެކަމުގައި ވެސް ވެވެން އޮތް އެންމެ ފަސޭހައެއްކޮށް ކޮށްދެމުން މިދަނީ. އަނެއްކޮޅުން އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ އަޅުގަނޑު ކޮންމެ ދުވަހަކުހެން އަޕްޑޭޓް ނަގަމުން ގެންދަން. އަދި ކަމެއް އޮތްނަމަ ވަގުތުން ހައްލުކޮށްދެން” އިމްރާން

https://www.facebook.com/watch/?v=619022465631275

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ، އިދިކޮޅުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅުން ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ސިޔާސީ ހަރަކާތްތައް ބާއްވާ، ރަށްތަކަށް ކެމްޕެއިން ދަތުރުތަކެއް ކުރުމަށްފަހު އެ ހަރަކާތްތައް މެދުކަނޑާލާފައިވަނީ ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ހުށަހަޅާފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަށް ވަނީ ހުށަހަޅާ ނިމިފައެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން އެމަނިކުފާނުގެ ޝަރީއަށް މަދުޖެހިފައިވަނީ ދެ ފަރާތުން ވެސް ނުކުތާއާއި ބެހޭ ގޮތުން ވާހަކަ ދައްކާ ހުކުމަކާއި ހަމައަށް އާދެވިފައި ވަނިކޮށެވެ.

ރައީސް ޔާމީނާއި އާއިލާގެ ފަރާތުން ވަނީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް އެދިފައެވެ. އިދިކޮޅުން ބުނެފައިވަނީ ރައީސް ޔާމީނާއި މެދު އަމަލު ކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެމަނިކުފާނުގެ ސިއްހީ ހާލަތު ވެސް ގޯސްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: