ސިޔާސީ ޕާޓީއެއްގެ ތަސައްރަފު ފުދުން ބިނާވެގެންވަނީ ޕާޓީގެ އެތެރޭގައި ތަފާތު ފެކްޝަންތައް އޮތުމުގެ މައްޗަށް ކަމަށާއި، އެހެން ނޫންނަމަ ޕާޓީ ދާނީ ޑިކްޓޭޓަރޝިޕަކާ ދިމާލަށްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އޭނާގެ ވެސް ފެކްޝަން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި ފެކްޝަންތައް އޮތުމުން މައްސަލަތައް ޖެހި، ފިތުނަ އުފެދޭ ހާލަތްތައް މެދުވެރިވި ނަމަވެސް، އޭގެ ރަނގަޅު ނަތީޖާއަކީ ވަކި އެކަކަށް ނުވަތަ ވަކި ބަޔެއްގެ އަތްމައްޗަށް ޕާޓީގެ ބާރުތައް ނުގޮސް، ބަސް ބުނުމުގެ މިނިވަންކަން ކަށަވަރުވެގެން ދިއުންކަމަށް ފާހަގަކުރެއްވިއެވެ.
އެއީ މުޅި ގައުމަށް ވެސް ދެކޭ ހުވަފެނަށް މުހިންމު މިސާލެއްކަމަށް ފައްޔާޒް ވެސް ވިދާޅުވިއެވެ.
ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް އަބަދުވެސް ފެކްޝަންތައް އޮންނަކަން ފާހަގަކުރައްވަމުން، ފައްޔާޒް ވިދާޅުވީ އޭނާގެ ތަސައްވުރަކީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ އިންތިޚާބުތަކުގައި ވާދަކުރާއިރު ފެކްޝަންތައް ރަސްމީކޮށް ރަޖިސްޓްރީކޮށްގެން، ފެކްޝަން ލިސްޓުތައް މާކެޓްކޮށް ވޯޓު ހޯދާ ނިޒާމަކަށް އެ ނިޒާމު ބަދަލުވެގެން ދިއުން ކަމަށެވެ.
ވާދަވެރިކަމެއްގެ ތެރޭގައި ހިތްހަމަނުޖެހުންތަކާއި ނުތަނަވަސްކަން ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ޕާޓީގެ އެންމެންނަކީ ވެސް އެމްޑީޕީގެ މައިގަނޑު ފަލްސަފާ ގަބޫލުކުރާ ބަޔަކަށް ވާތީ އެކުގައި އެއްބަސްވެގެން މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ކޮންގްރެސްގެ ތެރެއިންނާއި ޕާޓީގެ ’ބޮޑު ބަދަލު’ގެ މަފްހޫމުތަކާ ގުޅިގެން ހިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް، އޭގައި ހުރި ގިނަ ކަންކަމަކީ ރާއްޖެއަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަޅުގަނޑުގެ ބޭނުމަކީ ކުރިއަށް އޮތް ތާނގައި މިސާލަކަށް މި އިލެކްޝަން ބާއްވާއިރުގައިވެސް ޕާޓީ ތެރޭގައި ހަމަ ފެކްޝަންގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ފެކްޝަންގެ ލިސްޓުތައް، ލިސްޓުތައް މާކެޓްކޮށްގެން އެއަށް ވޯޓު ހޯދާ އެކަހަލަ ނިޒާމަކަށް މި ބަދަލުވެގެން ދިއުން.
އެހެންކަމުން ގައުމީ މަޖިލީހުގައި ކޮންމެ ބަޔަކު މޮޅުވި ކަމުގައި ވިޔަސް، ކުރިއަށް އޮތް ތަނުގައި އެ ބަދަލުތަކާ ދިމާލަށް ޕާޓީގެ މަސައްކަތްތައް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ”ބޮޑު ބަދަލު“ ކޮންސެޕްޓުގެ ދަށުން އެ ޕާޓީގެ ގައުމީ މަޖިލީހަށް ގެނައި ބަދަލުތަކަކީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާން ފެންނަ ގޮތުގެ މައްޗަށް ބިނާކޮށް ގެނައި ބަދަލުތަކެއްކަމަށެވެ.
ފައްޔާޒް ވިދާޅުވީ ”ބޮޑު ބަދަލު“ ގެ އެންމެ މުހިންމު އެއް ބޭނުމަކީ ސަރުކާރުގެ ބާރުތައް ކުޑަކުރުމާއެކު، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ. އަދި މިހާރު ދިމާވާ މައްސަލަތަކުގެ އަސްލަކީ ރައްޔިތުންގެ މަޖިލިސް ”ތަޅުއެޅިފައި“ އޮންނަ އޮތުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

