ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތާއި މަރުގެ ތަހުގީގުތައް ލަސްވާ މައްސަލައިގައި ކުޑަ ކޮމިޓީއެއް

ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ބެލުމަށް ޓަކައި އެކުލަވާލި ޖޮއިންޓް ކޮމިޓީގެ ތެރެއިން ކުޑަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުން ލަސްވެފައިވާތީ އެކަމާއި ގުޅޭ ކަންބޮޑުވުންތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އިތުރުވެފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ބެލުމަށް ޓަކައި އެކުލަވާލި ޖޮއިންޓް ކޮމިޓީގެ ތެރެއިން ކުޑަ ކޮމިޓީއެއް ނަގައި އެ ކޮމިޓީއަށް އެ މަސައްކަތް ހަވާލު ކުރުމަށް ޖޮއިންޓް ކޮމިޓީން ފާސް ކުރީ މިއަދުއެވެ.

ދައުވާ އުފުލުމާއި، ޝަރީއަތައް ފެށުން ލަސްވާ ސަބަބު ހޯދުމަށް މަޖިލީހުން ހޯދައި ދެނެގަތުމަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ. އެ މައްސަލަ ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ފޮނުއްވީ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީއަށެވެ.

ކޮމިޓީގެ ފަރާތުން މައްސަލަ ދިރާސާ ކުރުމަށްފަހު، މުގައްރަރުންގެ މެދުގައި މަޝްވަރާކޮށް ނިންމީ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީއެއްކޮށްގެން ޖޮއިންޓް ކޮމިޓީއެއް އެކުލަވާލުމަށެވެ. އެގޮތުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު އެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނަގައި އެ ކޮމިޓީއަށް މަސައްކަތް ހަވާލުކުރުމަށް މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވިއެވެ.

އީވާގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ އައްޑޫ ހުޅުދޫ ދައިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އަދި އޭނާ ހުށަހެޅުއްވީ އެ ޖޮންޓް ކޮމިޓީގައި ފަސް މެމްބަރުން ހިމަނުމަށެވެ. އެގޮތުން އެކަމަށް މެމްބަރުން ތާއީދުކޮށް ކޮމިޓީގައި ހިމެނުމަށް ނިންމާފައިވާ މެމްބަރުންނަކީ ފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ އިތުރުން މައްސަލަ ހުށަހެޅުއްވި މެންބަރު އިބްރާހިމް މުއިއްޒެވެ. ކޮމިޓީން މަސައްކަތްތައް ޖޫން 08 އަށް ނިންމާލަން ޖެހެއެވެ.

ކޮމިޓީގައި ގިނައީ މެމްބަރުންނެއްވެ. އެކަމާއި ގުޅޭގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކޮމިޓީގައި ބައިވެރިވުމުގެ ފުރުސަތު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ދިންނަމަވެސް، އޭނާ އެ ހުށަހެޅުމުން ތަނާޒުލްވިކަމަށެވެ.

ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާތައް ދައުރުވާން ފެށީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިން ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، މިއުޒިކް ބޭންޑެއްވެސް ހިންގަމުން އައި ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ގެ އެކައުންޓަކަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުމާއި އެކު ތަފާތު އެތައް ކަމެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ.

އެގޮތުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިފައިވާއިރު  ހިޔާނާތުގެ ފައިސާ ލިބުނު އެންމެން އަދިވެސް ސާފެއް ނުވެއެވެ. ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ވަނީ މަދު ބައެކެވެ. އެއީ 177 މީހުންނެވެ. އެހެން ނަމަވެސް، އެ ފައިސާ އެކި ގޮތް ގޮތުން ވަނީ ދައުރުކޮށްފައެވެ. އެސްއޯއެފްއިން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށްފަހު، އަދި އެ އެކައުންޓުން އިތުރު އެކައުންޓަކަށް ހަމަ އެ ފައިސާ ޖަމާކުރުމަށްފަހު، ނަގުދު ފައިސާގެ ގޮތުގައި މީހުންނާއި ވަނީ ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: