ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބޭނުންވަނީ 3000 ރުފިޔާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެކެވެ. ދިވެހިންގެ ލޭނާރަކީ މަސްވެރިކަން ކަމުގައިވިޔަސް އިގްތިސާދުގެ މައި ތަނބަކީ މިހާރު ފަތުރުވެރިކަމެވެ. ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް އައި އެންމެ ލޮޅުމަކުން ގައުމަށް ލިބޭ އާމްދަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާއިރު، އުފާވެރި ޚަބަރަކީ ފަތުރުވެރިކަން ފަށައިގަތުމަށް އަނެއްކާވެސް ތައްޔާރުވަމުން އަންނަކަމެވެ.

މިއަދު ސޯޝަލް މީޑީޔާގައިވެސް އެންމެ ހޫނު ވާހަކައަކީ އަލުން ފަތުރުވެރިކަން ފަށަން އުޅޭ ވާހަކައެވެ. ފަތުރުވެރިންނަށް ގައުމުގެ ދޮރުތައް ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު، ޓުއަރިޒްމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ވާހަކައެވެ. ޚާއްސަކޮށް އެމަސައްކަތަށް ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ކުޅެފައިވާ “ފިލްމު”ގެ ވާހަކަމިއަދު ވަނީ ސޯޝަލް މީޑިޔާގައި ވަކިހިއްޕާލާފައެވެ.

ގާތްގަނޑަަކަށް އެއް މިނެޓުގެ ވީޑިޔޯކޮޅުން މައިގަނޑުގޮތެއްގައި ފެނިގެންދަނީ ހުދު ކުލައިގެ ޑިންގީއެއްގައި މިނިސްޓަރ އަލީ ވަހީދު ގޮސް ދޮންވެލި ފިނޮޅަކަށް ފައިބާ މަންޒަރެވެ. އަދި ވަށައިގެން ހުސް ވެލި އޮތް ސަރަހައްދަކުން ކާއްޓެއް ހިފައިގެން ގޮސް މޭޒެއް ދޮށުގައި މެކްބުކް ހިފައިގެން އިންނަ މަންޒަރެވެ. އަދި އެއަށްފަހު ފިނޮޅުގައި ދުވެލާފައި ގޮސް ޑިންގީއަށް އެރުމަށްފަހު ނައްޓާލާ މަންޒަރެވެ. މުޅި ވީޑިޔޯގައި ފެނިގެން ދަނީ އެފިނޮޅޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެނޫން ބައެއް މަންޒަރުތައް ކޮންމެވެސް ވަރަކަށް ފެނެއެވެ. އެކަމަކު ފަތުރުވެރިކަން އަލުުން ފަށައިގަތުމަށް ތައްޔަރުވަމުންދާ ދުވަސްވަރެއްގައި ނުވަތަ އެކަމަށް ޚާއްސަކޮށް ތައްޔާރުކުރާ ވީޑިޔޯއެއްގައި ހަމައެކަނި މިމަންޒަރުތަކުން ނޫނީ ޝޮޓްތަކުން ނިންމާލައިގެން ނުވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރާއްޖެއަކީ ދުނިޔެ މަތީގައި ސުވަރުގެކަމަށް ސިފަކުރާއިރު މިވީޑިޔޯއިން އެކަން ސިފަވާންވާނެ ކަމަށް އާންމުން ދެކެއެވެ. ވީޑިޔޯ ބަލާލުމަށްފަހު ރާއްޖެ އަންނަން ޝައުގުވެރިވާފަދަ ނުވަތަ ހިތްކިޔާފަދަ މަންޒަރެއް އަދި ހިތްކިޔަންވީ ސަބަބެއްވެސް ނެތް ކަމަށް އާންމުން އަަންނަނީ ބުނަމުންނެވެ. އަދި މިއީ ފަތުރުވެރިކަން ޕްރޮމޯޓުް ކުރުމުގެ ބަދަލުގައި މިނިސްޓަރުގެ ޕްރޮމޯޝަނަލް ވީޑިޔޯއެއްކަމަށްވެސް އާންމުން އަންނަނީ ބުނަމުންނެވެ.

https://twitter.com/ali20waheed/status/1270015242047647745

ފަތުރުވެރިކަމަށް މެދުކެނޑުމެއް އައުމަށްފަހު އަލުން މަސައްކަތް ފަށައިގަންނައިރު އާންމުކުރާ މިފަދަ ޕްރޮމޯޝަނަލް ވީޑިޔޯ ވާންވާނީ “މާސްޓަރޕީސް” ފެންވަރުގެ އެއްޗަކަށެވެ. އެފެނުމަށްފަހު ދުވަހަކު ރާއްޖެ އައިސްފައިނުވާ ނުވަތަ ދެކެފައިނުވާ މީހާވެސް، ރާއްޖެ އައުމަށް ހިތްޖެހޭ ފަދަ އެއްޗަކަށެވެ. ރާއްޖޭގެ ރީތި މަންޒަރުތައް އޭގެން ފެންނަންވާނެއެވެ. ރާއްޖެއަކީ ހުދު ދޮންވެލިގަނޑަކާއި ސާފު ރީތި މޫދެއް ލިބިފައިވާ ގައުމެއްކަން ބައިނަލްއަގްވާމީ ފެންވަރެއްގައި އަބަދުވެސް ކިޔަމުންދެއެވެ. ވީއިރު، މިފަދަ ވީޑިޔޯއެއްގައި އެއަށްވުރެ އިތުރު ކަންކަން ފެންނަންވާނެއެވެ. ދޮންވެލިގަނޑާއި، ރީތި މޫދުގެ އިތުރަށް ދެން ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތި ސިފަތަކާއި، ފަތުރުވެރިން އައިސް މަޑުކޮށްލައިގެން ތިބޭނެ ރިޒޯޓުތަކާއި ގެސްޓްހައުސްތައް ފެންނަންވާނެއެވެ.

ބައިނަލްއަގްވާމީގޮތުން މަޝްހޫރުކަން ހޯދާފައިވާ ވޯޓަރ ވިލާތައް ނުވަތަ ކަނޑުއަޑީގެ ރެސްޓޯރަންޓްތައް ފަދަ ތަންތަން ފެންނަންވާނެއެވެ. ރާއްޖޭގެ މެހެމާންދާރީއާއި، ފަތުރުވެރިންނަށް ރާއްޖޭގެ ރައްޔިތުން ދޭ ލޯތްބާއި ކުރާ އިޚްތިރާމް ކޮންމެވެސް ވަރަކަަށްނަމަވެސް ފެންނަންވާނެއެވެ. މިވީޑިޔޯ މިނިސްޓަރ ކުޅުމުގެ ބޭނުމެއް ނުވިސްނޭ ކަމަށާއި ހަމައެކަނި މިނިސްޓަރ އަލީ ވަހީދު ފެނުމުގެ ބަދަލުގައި މީގެކުރިން ރާއްޖެއައިސްފައިވާ މަޝްހޫރު ބައެއް ފަންނާނުން ފަދަ ބައިނަލްއަގްވާމީ ދުނިޔޭގައި ނަން ހިނގާ މީހަކު ނުވަތަ ބަޔަކު ފެނުން މުހިންމުކަމަށް ދެކޭ ކަމަށްވެސް އާންމުން ވަނީ ބުނެފައެވެ. ހާލަތުގެ ގޮތުން އެކަން ނުވާނެނަމަ، ރާއްޖޭގެ އެކި މަންޒަރުތަކުންވެސް ރީތި ވީޑިޔޯއެއް ހެދުނީސްކަމަށްވެސް އާންމުން ބުނެއެވެ.

ދެން އޮތީ ވީޑިޔޯ ކުރުމަށް ހޭދަވި ޚަރަދުތަކުގެ ވާހަކައެވެ. ރާއްޖޭގައި ހިންގާ އޮންލައިން ނޫހަކުން މިވީޑިޔޯ ހެދުމަށް ހޭދަވިި ޚަރަދު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން މިނިސްޓަރ ވަނީ ވީޑިޔޯ ހެދުމަށް ޚަރަދުވީ އެންމެ 3000 ރުފިޔާކަމަށް ވިދާޅުވެފައެވެ. އެއީ ވީޑިޔޯގެ މިޔުޒިކް ކޮމްޕޯސް ކުރުމަށް ހޭދަވި 3000 ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވީޑިޔޯއިން ފެންނަ ފެންވަރު ރަނގަޅު ކެމެރާ ކުރުމުގެ މަސައްކަތާއި މުޅި ޕްރޮޑަކްޝަނަކީ މިހާރުވެސް ޓުއަރިޒްމް މިނިސްޓްރީގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ކުޅަދާނަކަންކަމަށް ވިދާޅުވިއެވެ. މިއާއެކު ސޯޝަލް މީޑިޔާގައި 3000 ރުފިޔާއަށް އެވަރުކަމެއް މީހަކު ކޮށްނުދޭނެކަމަށް ބުނެ ޝުއޫރު ފާޅުކުރަން ފެށިއެވެ. މިތުހުމަތުތަކަށް ރައްދު ދެމުން މިވީޑިޔޯ ނެގުމުގައި ހަރަކާތްތެރިވި ޒުވާނާ ވަނީ ހަމަ ހަގީގަތުގައިވެސް އެވީޑިޔޯ ނަގައިދިނީ މިނިސްޓްރީގެ މުވައްޒަފެއްގެ ހައިސިއްޔަތުން ކަމަށް ވަނީ ބުނެފައެވެ.

މަންޒަރުތައް ވީޑިޔޯ ކުރި ކުއްޖާގެ ފޭސްބުކް ޕޯސްޓް

އެކަމަށް ރައްޔިތުންގެ މެދުގައި އުފެދުނު ޝައްކުތަކުގެ ޖަވާބު އެލިބުނީއެވެ. އެކަމަކު އެވަރުގެ ކަމެއް ހަމަ ހަގީގަތުގައިވެސް 3000 ރުފިޔާއިން ނިންމާލެވޭނަމަ، ގިނަ ދިވެހި ރައްޔިތުން ތިބޭނީ މިހާރު އެފަދަ ކިތަންމެ ފިނޮޅަކަށާއި ރީތި މަންޒިލްތަކަށް ގޮސްފައިކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

ވީޑިޔޯއިން އެންމެ ފުރަތަމަ މިނިސްޓަރ ޑިންގީގައި ނައްޓާލާއިރު، ކައިރީގައި ބޮޑު ޔޮޓެއްވެސް އެހެލާފައި އޮވެއެވެ. އަނެއްކޮޅުން ދަތުރުގައި ބައިވެރިވި މީހުންގެ އަދަދާއި އެހިސާބަށް ދިޔުމަށް ހޭދަވާ ދަތުރުގެ ޚަރަދަކީވެސް ރައްޔިތުން އެނގެން ބޭނުންވާ އެއްޗެކެވެ. މިނޫނަސްވެސް އެހެން ޚަރަދުތައްކޮށްފައި ހުންނާނެ ކަމުގެ ތުހުމަތު މިނިސްޓަރ އަލީ ވަހީދަށް ކުރެވެމުންދާއިރު، 3000 ރުފިޔާއިން އެކަނި މިކަން ކޮށްނިންމާލެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލެއްނުކުރެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިނިސްޓަރ އަލީ ވަހީދާއި ޓުއަރިޒްމް މިނިސްޓްރީން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިދަތި ހާލުން އަރައިގަތުމަށް މިނިސްޓަރގެ ލީޑަރޝިޕްގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށްވެސް ޝުކުރު ހައްގެވެ. އެހެންނަމަވެސް، ހުއްޓުމަށް އައިސްފައިވާ ފަތުރުވެރިކަމުގެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް މުޅި ދުނިޔެއަށް ދޫކޮށްލާ ޓްރެއިލަރ ކޮޅެއްގައި މިއަށްވުރެ ރާއްޖޭގެ މިއަށްވުރެ ހިތްގައިމު މަންޒަރުތައް ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ވީޑިޔޯކޮޅުގައި މިނިސްޓަރ ދައްކަވާފައި ހުރި ވާހަކަތައް ކިތަންމެ ރަނގަޅު ކަމުގައިވިޔަސް، އެއީ ފަތުރުވެރިން މާ ބޮޑަށް ސަމާލުކަމެއް ދޭނެ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި މުޅި ރާއްޖެ އިޝްތިހާރުކުރުމަށް ތައްޔާރުކުރާ 56 ސިކުންތުގެ ވީޑިޔޯކޮޅެއްގައި ރާއްޖޭގެ އެއަށްވުރެ ގިނަ މަންޒަރުތައް ދެއްކެންވާނެ ކަމަށް އާންމުން ދެކެއެވެ. ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ހަމައެކަނި ތަނަކީ ފިނޮޅުތަކެއް ނޫނެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފެންވަރުގެ ވޯޓަރ ވިލާތަކާއި، ރެސްޓޯރަންޓްތަކާއި، ބީޗުތައް ހުރިއިރު މިއިން ތަނެއް ވީޑިޔޯ ކޮޅުގައި ފެނިގެން ނުދިޔުމަކީ ރައްޔިތުން ވަރަށް މާޔޫސްކުރުވި ކަމެކެވެ.

ކޮންމެއަކަސް، ވަރަށް އުންމީދާއެކު މިނިސްޓަރ އަލީ ވަހީދު ދޫކޮށްލި ޓްރެއިލަރއަށް ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ. މުޅި ވީޑިޔޯކޮޅުގައި މިނިސްޓަރ ދެއްކުމުގެ ބޭނުމަކީ ކޮބައިތޯ އާންމުން ސުވާލު އުފައްދައެވެ. އެއީ ކާކުކަން ދިވެހިންނަށް ކިތަންމެ ރަނގަޅަށް އެގުނަސް، ބޭރު ގައުމުތަކުގެ ރައްޔިތުންނަށް މިނިސްޓަރ ފެނުމުން އެއީ ކާކުކަން އެނގިދާނެތޯ އާންމުން ސުވާލު އުފައްދައެވެ. އަދި މުޅި ވީޑިޔޯއަށް ހޭދަވީ 3000 ރުފިޔާއޭ ބުނުމުން އެވާހަކަ ގަބޫލުކޮށްލައިގެން ތިބެންވީތޯވެސް ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: