ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ގިނަ ބަޔަކު ބަލީން ރަނގަޅުވެ، ޖުމްލަ އަދަދު 1،100 އިން މައްޗަށް!

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައި - ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ ގިނަ ބަޔަކު ބަލިން ރަނގަޅުވެ އެކްޓިވް ކޭސްތަކުގެ އަދަދު 825 އަށް އަރައިފިއެވެ.

ވެރިރަށް މާލެ ސިޓީން ކޮވިޑް-19 ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ އެޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. މާލެއިން ބަލި ފެނުނުތާ ދެ މަހާއި ގާތް ވެފައިވާއިރު މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 1،962 އަށް އަރައެވެ. އަދި ރާއްޖޭގައި ކޮވިޑު ޖެހިގެން 08 މީހަކު ވަނީ ނިޔާވެފައެވެ.

ހެލްތް މިނިސްޓްރީގެ ކޮވިޑާއި ބެހޭ މައުލޫމާތު ހިއްސާ ކުރާ ޑޭޝްބޯޑުގައި ވާގޮތުން މިހާތަނަށް ބަލީން ރަނގަޅުވީ މީހުންގެ އަދަދު 1،121 އަށް އަރައެވެ. އެއާއި އެކު މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 825 އެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުންދާ މީހުންގެ އަދަދަށް ވުރެ، ބަލީން ރަނގަޅުވި މީހުންގެ އަދަދު އިތުރެވެ. ދާދިފަހުން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ގައިޑަލައިންތަކާއި އެއްގޮތަސް ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅާ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ބަލި ޖެހިފައި ހުންނަ މީހަކު ކޮވިޑުން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އޭނާގެ ހުރިހާ އަލާމާތެއް ނެތި ފިލުމުން ޓެސްޓު ހެދުމަށްފަހު އޭނާ އެ ޓެސްޓަށް ޑަބަލް ނެގެޓިވްވުމުންނެވެ.

މިހާރު އަމަލު ކުރާ އުސޫލުގައި ވާގޮތުން އެ މީހަކަށް ބަލި ޖެހުނުތާ 14 ދުވަސް ވެ، ހުރިހާ އަލާމާތެއް ނެތުމުން ބަލިން ރަނގަޅުވީ ކަމަށް ކަނޑައަޅައެވެ. އަލާމާތްތައް ނެތްކަމަށް ކަނޑައަޅަނީ ހުން ރޯގާގެ ކިރިޔާ ވެސް އަލާމާތެއް ނެތް ނަމައެވެ. އެގޮތުން ހުންނަ އަންނަ ނުވަތަ ކެއްސާ މީހެއްނަމަ އެ މީހެއް ބަލީން ރަނގަޅުވި ކަމަށް ކަނޑަނާޅާނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވެ އަލާމާތްތައް ހުރި މީހެއްނަމަ އަދި އެ މީހަކީ ކޮމިއުނިޓީ ބޭސްޑް އައިސޮލޭޝަންއެއްގައި ހުރި މީހެއްނަމަ އެ މީހަކު ދޫކޮށްލެވޭނީ އަލާމާތްތައް ފެނުމަށްފަހު އެންމެ މަދުވެގެން 14 ދުވަސް ހަމަވުމަށްފަހު ކަމަށެވެ. އަދި އެ މީހެއްގެ އަލާމާތްތައް ރަނގަޅުވެފައި އެންމެ މަދުވެގެން ތިން ދުވަސް ވާންޖެހޭނެ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އަލާމާތްތައް ފެނުނުތާ 10 ދުވަސްވެ އެއްކޮށް ރަނގަޅުވެ، އަލާމާތްތައް ނެތި ތިން ދުވަސް ވެ އަދި ޖުމްލަ 14 ދުވަސް ހަމަވާނަމަ އެ މީހަކު ދޫކޮށްލާނީ އިތުރު ޓެސްޓެއް ހެދުމެއް ނެތި ކަމަށެވެ. ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބައްޔާއި ބެހޭގޮތުން ނެރެފައިވާ ގައިޑްލައިން ތެރޭގައި އަލާމާތްތައް ރަނގަޅުވުމަށްފަހު ތިން ދުވަސް ވެ، އަލާމާތްތައް ފެނުނުތާ ދިހަ ދުވަސް ވެފައިވާނަމަ އެ މީހަކު ޓެސްޓު ނަހަދާ ދޫކޮށްލެވޭނެކަމަށް ބުނެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލި ހުރި މީހަކު 14 ދުވަސް ވާ ދަހުން ވެސް ބަލިން ރަނގަޅުނުވާނަމަ، ދުވަސް އިތުރު ވިޔަސް ބަލީގެ އަލާމާތްތައް ފިލަންދެން 03 ދުވަސް އިތުރަށް ހުންނަން ޖެހޭނެ ކަމަށެވެ. އެއާއި އެކު ދެން ފުރިހަމަވާން ޖެހޭ ޝަރުތަކީ އަލާމާތްތައް ފުރިހަމަވުމަށްފަހު އެންމެ މަދު ވެގެން 03 ދުވަސް ފުރިހަމަ ވާންޖެހުން ކަމަށެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މުޖްތަމައުގެ ހާލަތު އިތުރަށް ދެނެގަންނަން ބޭނުންވާ ކަމަށެވެ. ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށް ގެނދާނެ ގޮތުގެ ތަފްސީލު ދެއްވާ ޑރ. އަފްޒަލް ވިދާޅުވީ ފަސް ގްރޫޕަކަށް ބަހާލައިގެން ފްރަންޓްލައިން ލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ ފަރާތްތައް އަދި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންގެ ސާމްޕަލް ނެގޭނެ ކަމަށެވެ.

މިއީ ލޮކްޑައުންއަށް ލުއިތައް ދިންތާ ދެ ހަފްތާއާއި ގާތް ވެފައިވާތީ، ބަލި ފެތުރިފައިވާ މިންވަރު ނުވަތަ މިހާރު ބަލި އޮތް މިންވަރު ދެނެގަތުމަށް ނަގާ ސާމްޕްތަކެކެވެ. ޑރ. އަފްޒަލް ވަނީ މި ސާމްޕަލްތައް ނަގާއިރު އެއްބާރުލުން ދިނުމަށް އެދިފައެވެ.

މިހާރު ލޮކްޑައުންގެ ފޭސް 01 ގައި ތިބިއިރު، މިރޭ މީގެ ކުރިން ހަމަޖެހިފައި އޮތީ ފޭސް 2 ގެ ދަށުން ދޭ ލުއިތައް އިއުލާނު ކުރާ ގޮތަށެވެ. އެހެން ނަމަވެސް ދިމާވި ބައެއް ސަބަބުތަކާއި ހުރެ ނޫސްވެރިންގެ އޮންލައިން ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: