ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންއާއިމެދު ގޮތެއް ކަނޑައެޅުން: ހެޔޮ އެއްގޮތްވެސް ނެތް!

މާލެ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމަސް ދުވަހަށްފަހު ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މިކަމަށްވެސް ފާޑުކިޔުން އަމާޒުވާ މިންވަރު މަދެއް ނޫނެވެ. މިއީ އާކަމެއްވެސް ނޫނެވެ. ސަރުކާރުން ނިންމާ ނިންމުންތަކަށް ފާޑުނުކިޔާނެ ގޮތަކަށް އެއްވެސް އިރެއްގައި އެއްވެސް ކަމަކަށް ގޮތެއް ނިންމިފައެއް ނެތެވެ.

ލޮކްޑައުންއާއިމެދު ގޮތެއް ނިންމާއިރު ގޮތެއް ކަނޑައަޅަން ޖެހެނީ ވަރަށް އުނދަގޫ ދެކަމެއްގެ މެދުގައެވެ. އެއްކޮޅުން އޮތީ ސިއްހަތެވެ. އަނެއްކޮޅުން އޮތީ އިގްތިސާދެވެ. ވަކި ވަކި ފަރުދުންނާއި މުޅި ގައުމުގެ އިގްތިސާދެވެ. ސިއްހީ މާހިރުން އެކަނި ބުނާގޮތް މިވަގުތު ހަދައިގެންވެސް ތިބެވާކަށް ވެސް ނެތެވެ. އިގްތިސާދީ މާހިރުން އެކަނި ބުނާގޮތް ހޭދޭކަށް ވެސް ނެތެވެ.

ކަމުގެ ތަޖުރިބާކާރުންގެ އިތުރަށް އާންމުންގެ މެދުގައިވެސް މިފަދަ ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއި ދޭން ނިންމާފައިވާއިރު، މިއީ ލޮކްޑައުންއަށް ލުއިދޭ ދެވަނަ ފަހަރެވެ. ނުވަތަ ދެވަނަ ފޭސްއެވެ. ލޮކްޑައުންއަށް ފުރަތަމަ ލުއި ދީފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. ދޮޅު މަސް ދުވަހަށް ވުރެ ގިނަ ދުވަހު ލޮކްޑައުންގައި މާލެ ސަރަހައްދު ބޭއްވުމަށްފަހު، ދިން ލުއިތަކުގެ ތެރޭގައި
*އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިޔަކާއެކު ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާދެމެދު ތިން ގަޑިއިރަށް ބޭރަށް ނުކުތުމުގެ އުޅުން
*މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
*ކޮންސްޓްރަކްޝަން މަސައްކަތްތައްް މާލެ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކަށް ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން
މީގެ އިތުރަށް، ބައެއް އޮފީސްތައް ހުޅުވުމަށާއި އޮފީސްތަކުގައި ލޮކްޑައުންވެގެން ތިބުމުގެ ބަދަލުގައި ދުވަހުގެ މަސައްކަތް ނިމުމަށްފަހު ގެއަށް ދެވޭގޮތަށް ލުއި ދިނުން ފާހަގަކޮށްލެވެއެވެ.

މިލުއި ތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އުމުރުން ދުވަސްވީ މީހުންނަށް ފަތިހު މަގުމައްޗަށް ނުކުމެ ކަސްރަތުކުރުމަށް ދިން ހުއްދައެވެ. މިއީ ވަރަށް ގިނަބަޔަކަށް އީދު ގެނުވި ކަމެކެވެ. އުމުރުން ދުވަސްވީ މީހުންގެ އިތުރަށް އެމީހުންގެ ކަންކަން ބެލެހެއްޓުމުގައި އުޅޭ މީހުންނަށްވެސް މިކަންވީ ވަރަށް ހިތްހަމަ ޖެހުން ގެނުވި ބަދަލަކަށެވެ.

މިދެންނެވި ބަދަލާއި ގުޅިގެން މައްސަލަ ޖެހުނު ހިސާބަކީ ނުވަތަ އާންމުންގެ ފާޑުކިޔުން އަމާޒުވި ހިސާބަކީ އުމުރުން ދުވަސްވީ މީހުންނަށް އެކަނި މިލުުއި ދިނުމުންނެވެ. ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ނުވަތަ ކުޑަކުދިންނަށް ނަމަވެސް އެއްވެސް ކަހަލަ އިސްތިސްނާއެއް ނެތީމައެވެ. އަދި އާންމުކޮށް މިހާރުވެސް މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންގެ “ސްޓްރެސް” ބޮޑުވެ އެމީހުންގެ ސިކުނޑި ހަމަޖައްސާލުމަށް އެއްވެސް ކަހަލަ އިންތިޒާމެއް ހަމަޖެހޭނެ ފަދަ ލުއިތަކެއް ނެތީމައެވެ. ލޮކްޑައުންއަށް ލުއިތައް ދޭނެކަމަށް ބުނެ ހުވަފެންތަކެއް ދެއްކުމަށްފަހު، ލުއިތައް ދިންއިރު އޭގެން އެއްވެސް ހުވަފެނެއްގައި ކުލަ ނުޖެހި، ބިލާހަކަށްވުމުންނެވެ.

އަދިވެސް އިތުރު ކަމަކަށްވެސް ބޮޑެތި ފާޑުކިޔުންތަކެއްް އަމާޒުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހުއްދަ ދިނުމެވެ. އެއަށްވުރެވެސް ބޮޑަށް މަޖިލިސް ތަޅުމުގައި ބާއްވަން ހުއްދަ ދިންއިރުވެސް މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވަން ނުނިންމީމައެވެ. ލާދީނީ ސަރުކާރެއްކަމަށް ބުނެ ވާހަކަތައް ދައްކާ އެންމެންނަވެސް މިކަންވީ އެމީހުންގެ ވާހަކަތަކަށް ލިބުނު އިތުރު ބާރަކެށެވެ.

ދެވަނަ ބުރަކަށް ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާފައިވާއިރު، މިބުރުވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ހަމަ މިކަމަށެވެ. މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވުން ފަސްކުރާ ކުރުމަށެވެ. ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުތުމަށް ލުއި ދެވޭއިރު، މާރުކޭޓުތަކާއި ޕާކުތައް ހުޅުވާލެވޭއިރު މިސްކިތްތައް ހުޅުވާނުލެވެންވީ ނުވަތަ ޖަމާއަތުގައި ނަމާދު ނުކުރެވެންވީ ކީއްވެތޯ އާންމުން ސުވާލު އުފައްދައެވެ. މެލޭޝިޔާ، ތުރުކީފަދަ އިސްލާމީ ބޮޑެތި ގައުމުތަކުގައި އިޖްތިމާއީ ގައިދުރުކަމާއިއެކުގައި ޖަމާއަތުގައި ނަމާދުކުރާއިރު، ރާއްޖޭގައި މިއުސޫލު ގާއިމްނުކުރެވެންވީ ކީއްވެތޯ ސުވާލު އުފައްދައެވެ.

މިހާރު ދީފައިވާ ލުއިތަކަށް ބަލާލާއިރު، ފަތިހުގެ 05:00 އިން ހެނދުނު 08:00 ޖެހުމާއި ހަމައަށް އުމުރުން ދުވަސްވީ މީހުންނަށް ބޭރުގައި އުޅެވޭއިރު، ހަވީރުގެ 04:00 އިން ފެށިގެން 06:00 އެއް ޖެހުމާއި ހަމައަށް ދެމެދު ކުޑަ ކުދިންނަށް ބޮޑެތި މީހުންނާއި އެކު ނިކުމެވޭއިރު އިރުއޮއްސި 06:00 އިން ފެށިގެން 09:00 ޖެހުމާއި ހަމައަށް ކަސްރަތު ކުރުމަށް ބޭރުގައި އުޅެވޭނެގޮތަށް ވަނީ ނިންމާފައެވެ. ބައެއް މީހުންނަށް ކަސްރަތު ކުރުމަށް ކަނޑައަޅާފައިވަ ވަގުތުވެސް ކަމަކު ނުދިޔައެވެ. އެކަމަށްވެސް ފާޑުކީ މީހުން މަދެއް ނޫނެވެ.

ދެމަސް ދުވަސް ވަންދެން ހަމައަށް އިރުގެ އަލި ނުފެނި ތިބުމަށްފަހު، ނުވަތަ ގައިގައި އަވިކޮޅެއް ވިޔަސް ވާރޭވިޔަސް ނުޖެހި ތިބުމަށްފަހު މިފަދަ ގޮތަކަށް ހުއްދަ ލިބުމަކީވެސް ވަރަށް ބޮޑުވަރަކެވެ. ފިތުރު އީދު ފާހަގަކުރަން ނުލިބުނު މީހުން ޖޫން މަހުގެ 15 ވަނަ ދުވަހު އީދު ފާހަގަކުރަން ތައްޔާރުވާހެންވެސް އެބަހީވެއެވެ. ނަމަވެސް ވިސްނާލަންވީ ކަމަކީ ލުއިތަކެއް ދިން ކަމުގައިވިޔަސް، ބަލީގެ ނުރައްކާ ކުޑަނުވާ ކަމެވެ.

ސަރުކާރުން މަސައްކަތްކުރާނީ ގައިމުވެސް ރައްޔިތުންގެ ފައިދާއަށެވެ. ގޯސްތަކެއް ނުހަދާ ވާހަކައެއްނޫނެވެ. އެހެންނަމަވެސް، ސަރުކާރުން ކިތަންމެ ރަނގަޅު ނިންމުމެއް ނިންމިޔަސް އެއަށް ފާޑު ކިޔާނެ ކޮންމެވެސް އެއްބަޔަކު ތިބޭނެއެވެ. ހަމައެއުސޫލުން ކިތަންމެ ދެރަވަރުގެ ނިންމުމެއް ނިންމިޔަސް އެކަމަށް ތާއިދުކުރާނެ މީހުން ތިބޭނެއެވެ. ސީދާ ލޮކްޑައުންއާއި ދެކޮޅު ބަޔަކުވެސް އެބައުޅެއެވެ. ލޮކްޑައުންއަށް ލުއިދޭތީ ކަންބޮޑުވާ ބަޔަކުވެސް އެބައުޅެއެވެ. ހެޔޮ އެއްގޮތެއްވެސް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: