ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަވާނަވައިގެ “މަޖިލީސް ހޭލައްވާ” އެއްވުން ބާރުގެ ބޭނުންކޮށް ހުއްޓުވައިފި

މިއަދު ކުރިޔަށް ގެންދިޔަ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުން ކުރާ މަންޒަރު/ ފޮޓޯ: ނަވާނަވައި
ޝެއާރކޮށްލާ ކަހަލަދޯ؟

“މަޖިލީސް ހޭލައްވާ” ގެ ނަމުގައި މަޖިލީސް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އެއްވުމުގައި ބާރުގެ ބޭނުންކޮށް ބައިވެރިން އެ ސަރަހައްދުން ދުރަށް ޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެމްބަރުން ހާޒިރުވާ ގަޑިއާއި ދިމާކޮށް، ރައްޔިތުންގެ ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތައް ހިފައިގެން ނިކުމެފައިވަނީ “ނަވާނަވައި” ޖަމިއްޔާ އިންނެވެ. މާލީ ޙާލަތު ދަށްވެ ރައްޔިތުންނަށް ގެންދިއުމަށް އެ ޖަމިއްޔާއިން ރާވާ އިއުލާނު ކުރުމާއި އެކު ފުލުހުން ވަނީ ބަޔާނެއް ނެރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި އެއްވެސް ބަޔަކަށް އެއްވުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް ބުނެފައެވެ. 

މަޖިލީހުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްޔާއެއްކަމަށްވާ “ނަވާނަވައި” މުޒާހަރާ ކުރީ ކޮވިޑުގެ ތެރޭގައި، އާއްމުން ގެތަކުން ނެރެލާ މައްސަލަތަކާއި އަދި ކުލި ކޮންޓްރޯލް ކުރުމަށް އެއްވެސް މަސައްކަތްތަކެއް މަޖިލީހުން ނުކުރާކަމަށް ބުނެއެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވެސް މެމްބަރުން އެއްވެސް މަސައްކަތްތަކެއް ނުކުރާކަމަށް ނަވާނައިން ގެންދަނީ ބުނަމުންނެވެ.

މަޖިލީހުގެ އިދާރާ ކުރިމަތީން ފެށި އެ އިހުތިޖާޖުގައި ބައިވެރިވެފައިވަނީ ނަވާނަވައިގައި އިސްކޮށް އުޅޭ މީހުންނެވެ. އެހެން ނަމަވެސް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ އެއްވި މީހުން ގަދަކަމުން ބާރު ބޭނުންކޮށް ދުރައް ޖައްސާފައެވެ.

https://twitter.com/navaanavai/status/1274923428559024128

ބައެއް މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި ބާރުގެ ބޭނުން ފުލުހުން ހިފިއެވެ. ބައެއް މީހުން ގަދަކަމުން ހަތަރެސްފައިގައި ހިފާ، ނަގައި ގެންދިޔައިރު އެއްވުމުގެ ބައިވެރިން ދިޔައީ އަނިޔާ ނުކުރުމަށް ގޮވާލަމުންނެވެ. މުޒާހަރާގެ ބައިވެރިން މަޖިލީސް ކުރާ ގޯޅީގެ ތެރެއިން ގޮސް ހޮޓެލް ޖެންއާއި ހަމައަށް ފަހަތަށް ޖެއްސިއެވެ. އަދި އެތަނުގައި އެ މީހުން އަޑުއުފުލަމުން ދިޔައީ ވިޔަފާރިވެރިންގެ ސަބަބުން ރައްޔިތުން ނިކަމެތިވަމުންދާއިރު، މަޖިލީހުން ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމުގައި ނުކުޅެދިފައިވާ ކަމަށެވެ. މުޒާހަރާގެ ބައިވެރިން ދިޔައީ މަޖިލީހަކީ މަހުޖަނުން ބޭނުންހާ ގޮތަކަށް ފަންކްޝަން ކުރާތަނެއްކަމަށް ބުނެފައެވެ.

ގިނަ އަދަދެއްގެ ފުލުހުންތަކެއް އެއްވުން ހުއްޓުވުމަށް ނިކުމެ މުޅި ސަރަހައްދު އެކީ ބަންދު ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކަމަށް ދަނީ ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ މަދު ބައެއްގެ އެއްވުމެއް ހުއްޓުވުމަށް ބޭނުންކުރީ ބޭކާރު ބާރެއް ކަމަށާއި، އެއްވުން ހުއްޓުމަށް އެހާ ގިނަ ފުލުހުން ނެރުމުން ވެސް އެނގިގެން ދަނީ މީގެ ކުރިން ވެސް އޮތް ސަގާފަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ކަމަށެވެ.

މިއަދު ކުރިޔަށް ގެންދިޔަ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުން ކުރާ މަންޒަރު/ ފޮޓޯ: ނަވާނަވައި

އެއްވުމުގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީސް ކުރާ ގޭގެ ތެރެއަށް ވަދެވަޑައިގެންނެވިއިރު ވެސް އެ މެމްބަރުންނަށް ވެސް އަޑުއިވޭވަރަށް މަހުޖަނުންގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ގޮވާލާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުއަށް އަމާޒުކޮށް ވަނީ ބޮޑުމޮހޮރާ އަތުލުމަށް ގޮވާލާފައެވެ. އޭގެ އިތުރުން ރިސޯޓުތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް ދީފައިވާ ރަށްތައް އަތުލުމަށް ވެސް އެއްވުމުގެ ބައިވެރިން ގޮވާލިއެވެ.

ނަވާނަވައިގެ ސްޕޯކްސްޕާސަން ފާތިމަތު ސާއިރާ ވިދާޅުވެފައިވަނީ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކުރިޔަސް އެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ. ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ސާއިރާ ވަނީ މީގެ ކުރިން ވެސް އަޑު އުފުލާފައެވެ. އޭގެ ތެރޭގައި ކުއްޔަށް ހައްލެއް ގެނައުން ހިމެނެއެވެ.

ސާއިރާކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި، އާމްދަނީއެއް ނުލިބުމުގެ ސަބަބުން އެއްވެސް ހަރަދެއް ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުން އެކަމަށް ހައްލެއް ގެނައުމުގެ ބަދަލުގައި ފެންނަނީ ސިޔާސީ ވާދަވެރިންގެ ކަންކަމުގައި އުޅޭ މަންޒަރުކަމުގައި އޭނާ ވިދާޅުވިއެވެ.

މަޖިލީސް ފެށިގެން ގަޑިއެއްހާއިރު ވަންދެން އަޑުއުފުލުމަށްފަހް އެއްވުން މެދުކަނޑާލާފައިވަނީ މިއަދު ހެނދުނު އަނެއްކާވެސް އެއްވާނެކަމަށް ބުނުމަށްފަހުއެވެ.

މިއަދު ކުރިޔަށް ގެންދިޔަ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުން ކުރާ މަންޒަރު/ ފޮޓޯ: ނަވާނަވައި

ނަވާނަވައި އަކީ އާއްމު އިޖްތިމާއީ މައްސަލަތަކާއި ދެކޮޅަށް އަޑުއުފުލާ ޖަމިއްޔާއެކެވެ. އަދި އެކަންތަކާއި ގުޅިގެން ސަރުކާރުންނާއި ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކަށް ނަވާނައިން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރެއެވެ.

ނަވާނަވައި މީގެ ކުރިން ވެސް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ކުރިން ކޯލިޝަންގެ ލީޑަރުން ހޮޓެލް ޖެންގައި ނޫސްވެރިންނާއި ބައްދަލު ކުރައްވަނިކޮށް އެތަނުގައި މުޒާހަރާ ކުރިޔަށް ގެންދިޔަ ޖަމިއްޔާއެވެ. އޭރު ނަވާނައިން މުޒާހަރާ ކުރީ “ގައުމު މަހުޖަނުންގެ ކިބައިން ސަލާމާތް ކުރޭ” އާއި “ބޮޑު މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލާ” ގެ ނަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: