ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރުމުގައި އިހުމާލުވާކަމަށް ބުނާތީ، ފުލުހުންގެ ނުރުހުން މީީޑިއާތަކަށް!؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރައާއި ދެކޮލަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަންޖެހެނީ ފުލުހުން ޒިންމާ އަދާ ނުކުރާތީކަމަށް ބުނެ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ހަބަރުތައް ނުފެތުރުމަށް ފުލުހުން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު، މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މީގެ ކުރިންވެސް ފުލުހަށް ހުށަހެޅިފައިވާ މައްސަލަތެކެވެ. އެހެން ނަމަވެސް އެކަށީގެންވާ ތަހުގީގެއް ނުކުރެވި، ނުވަތަ އަޅާނުލާ ހުރި މައްސަލަތައް ވަރަށް ގިނައެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ފުލުހަށް ހުށަހެޅުމުން، އެކަން ތަހުގީގުކޮށް މައުލޫމާތު ހާމަ ކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރާ ކަމުގެ ތުހުމަތު ނޫސްވެރިން ވެސް ވަނީ ފުލުހުންނަށް ކޮށްފައެވެ. އެގޮތުން ބައެއް ކޭސްތަކުގައި ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ހާމަކުރާއިރު، އަނެއްބައި ކޭސްތަކުގެ މައުލޫމާތު “އެއީ މީހުންގެ ޒާތީ މައުލޫމާތު” ކަމަށް ބުނެ ފުލުހުން އެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރަން ދެކޮޅު ހެދުން ފާހަގަ ކުރެވެއެވެ.

މިއަހަރުގެ ކުރީކޮޅު ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި ކޭސްއާއި އެކު ވެސް ފުލުހުންގެ އިހުމާލުތަކުގެ ވާހަކަތައް ދެކެވުނެވެ. އަދި އޭރުވެސް މާލޭގައި ރޭޕްއާއި ދެކޮޅަށް ޒުވާނުން ވަނީ އިހުތިޖާޖުކޮށްފައެވެ. އޭގެ އިތުރުން ދެން އެ ވާހަކަތައް ދެކެވުނީ، ސަފާރީ ކޭސްއާއި އެކުއެވެ.

ޒުވާނުން އިންތިޒާމުކޮށްގެން، މަލޭގައި އިހުތިޖާޖުތައް ކުރިޔަށް ގެންދާއިރު ފުލުހުންނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަނީ ވެސް އެ ހަރަކާތްތައް ހުއްޓުވާ، ބައިވެރިންނަށް ހުރަސް އަޅާތީއެވެ.

https://twitter.com/neenamarrichie/status/1281573409281863682

މިކަމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ފުލުހުން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނާއި، އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ޖިންސީ ފުރައްސަރަ އަދި އެ ނޫން ވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ފުލުހުންގެ ހާއްސަ ސަމާލުކަމެއް ލިބިގެން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށެވެ. މިފަދަ މައްސަލަތަކަކީ މުޖްތަމައުގެ ތެރޭގައި ހިނގާ ސީރިއަސް ކަންތަކެއްކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ މިފަދަ ކުށްތަކާއި މެދު އާއްމުން ހޭލުންތެރި ކުރުވައި އެފަދަ ކުށްތަކުން ކުޑަކުދިންނާއި އަންހެނުން ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދާ ކަމަށެވެ.

ޖިންސީ ގޯނާގެ ކޭސްތަކުގައި އަމަލު ކުރާ ގޮތާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ވަކި ހާއްސަ ޓީމެއް ކަނޑައެޅިފައިވާނެ ކަމަށެވެ. އަދި އެ މީހުންނަށް މައްސަލަތައް ތަހުގީގު ކުރުމުގެ ހުނަރާއި، ތަހުގީގު ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ، ތަހުގީގަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމާއި އެކު، ކުށް ކުރުމަށް އަންނަ ބަދަލުތައް ދެނެގަނެ އެ ކޭސްއަކަށް އެޓެންޑުވާނެ ގޮތް ވެސް ފުލުހުން މިހާރު އަމަލު ކުރަމުންދާ ސްޓްރެޓިޖިކް ޕްލޭންގެ ދަށުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އަދި އަނިޔާގެ އެކި ބާވަތްތައް އިތުރުވަމުން އަންނައިރު އެފަދަ މައްސަލައެއް އާއްމުންނަށް ފާހަގަކުރެވިއްޖެ ހާލަތެއްގައި ރިޕޯޓު ކުރެވޭނެ ގޮތުގެ މެކޭނިޒަމްތައް ގާއިމްކޮށްފައިވާނެ ކަމަށެވެ. ހާއްސަކޮށް ކުށްތަކުގެ ޝިކާރައަކަށް ވާ ކުދިންނާއި މީހުންނަށް ބޭނުންވާނެ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގު މަރުހަލާއިން ފެށިގެން ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

https://twitter.com/PoliceMv/status/1281869386672861185

ފުލުހުން ބުނެފައިވަނީ ކުޑަކުދިންނާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަންޖެހިފައިވާ ކަންކަމަށް ނަތީޖާ ހާސިލް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ބަދަލުކޮށް ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

މީގެ އިތުރުން މުޖްތަމައުގެ ތެރޭގައި ހުރި މިފަދަ މައްސަލަތަކާއި ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދައިދިނުމާއި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

https://twitter.com/VocMaldives/status/1281587177151852544

ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރައާއި ދެކޮލަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަންޖެހެނީ ފުލުހުން ޒިންމާ އަދާ ނުކުރާތީކަމަށް މީޑިއާތަކުންނާއި، ސޯޝަލް މީޑިއާގައި ހިއްސާކޮށް އެ ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ފުލުހުން ބުނީ ޒިންމާދާރު ގޮތުގައި ކޮންމެ ކަމެއް ވެސް އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމަކާއި ގުޅޭ ފަރާތްތަކުން ސާފު ކުރުމަށްފަހު ނޫނީ އެކަމާއި ގުޅޭގޮތުން ވާހަކަ ނުދެއްކުމަށް ވެސް އެދޭ ކަމަށެވެ.

ކުޑަކުދިންނާއި، އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުންފަދަ މުޖްތަމައުގެ ކަންބޮޑުވުން އޮތް ކަންކަމުގައި ހަގީގަތް ނޯޅޭ ގޮތަށް ވެސް މައުލޫމާތު ފެތުރުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.

މި އަހަރުގެ ކުރީކޮޅު ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި އެކު މިފަދަ އެތައް މައްސަލައެއް ފުލުފުލުގައި ފެންމަތިވެގެން އައެވެ. އަދި ގިނަ މައްސަލަތަކީ ތަހުގީގީ އިދާރާތްތަކަށް ހުށަހެޅުމުން ވެސް ކުރިޔަށް ނުގެންގޮސްވަނިކޮށް، މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންމަތިކޮށްލި ކޭސްތަކެވެ. އަދި އެތައް މައްސަލައެއް ވަނީ ތަހުގީގު ނުކުރެވި ފުނިޖެހިފައެވެ.

ޖިންސީ ގޯނާގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެކި ފަހަރު މަތީން 13 އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކުރި ކުއްޖާގެ ބައްޕަ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: