ރަސްފަންނު ކުރިމަތިން ތަރައްގީކޮށްފައިވާ ވެލިމަގު ނެގުމަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދެވޭ ބޮޑު ގެއްލުމެއްކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރަސްފަންނު ކުރިމަތިން، މ. ރާވެރިގެއިން ފެށިގެން ވެސްޓް ޕާކް ސަރަހައްދާއި ހަމައަށް އޮތީ ވެލި އަޅާފައެވެ. އަދި އެސަރަހައްދު ބޭނުން ކުރަމުންދިޔައީ ކުޑަކުދިންނަށް ޚާއްސަ ސަރަހައްދެއްގެ ގޮތުގައެވެ. އަދި މިސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހުވެސް އިޖްތިމާއީ ހަރަކާތްތައް އެސަރަހައްދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެހެންނަމަވެސް، މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން އެމަގުގައި ގައު އަތުރައި މާލެ ވަށައިގެން ދުއްވާ ތަކެއްޗަށް ދުއްވޭނެ ގޮތަށް ވަނީ ހުޅުވާލާފައެވެ. މާލެ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިކަމުގެ ސަބަބުން އެމަގާއި ޖެހިގެން އޮންނަ ކަނބާއައިސަ ރަނި ހިނގުމާއި އެމަގާއިގުޅިފައިވާ ގޯޅިތައް ހެދުމަށް ފަސޭހަވެގެންދާނެއެވެ. އަދި މާލޭގެ ޓްރެފިކްގެ ކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ފޮޓޯ: ސަންގު
މިމަގު އަލުން ހުޅުވާލުމާއި ގުޅިގެން ޑރ މުއިއްޒު ވިދާޅުވީ އެސަރަހައްދަކީ ތޮއްޖެހިފައިވާ މާލޭގައި އެކި އުމުރުފުރައިގެ މީހުން ހިތްހަމަޖައްސާލައި ހެދުމަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށެވެ. އެގޮތުން އާއިލާތަކުގެ ކުޑަކުދިންނާއި، އިސްރަށްވެހިންނާއި، ރަހްމަތްތެރިން ރައްކާތެރިކަމާއެކު ހިތްހަަމަޖައްސާލުމަށް އެސަރަހައްދު ބޭނުންކުރަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް، އެފަދަ އެންމެހާ ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން އެކަމުގެ ގެއްލުން އެދެވެނީ ރައްޔިތުންނަށް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ވެލިމަގު ތަރައްގީކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ރަސްފަންނު ތަރައްގީކުރުމުގެ މަޝްރޫގެ ތެރެއިންނެވެ. އެމަޝްރޫއަށް ޖުމްލަ ހޭދަވި ހަރަދު މިހާތަނަށްވެސް ހާމަކޮށްފައިނުވާއިރު އެމަޝްރޫއުގެދަށުން އެސަރަހައްދުގައި ތަރައްގީކުރި ގިނަ ތަންތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އަންނަނީ ވީރާނާ ވަމުންނެވެ.

