ރަސްފަންނު މޫދަށް އެރޭ ސަރަހައްދު އަނެއްކާވެސް ބަންދުކޮށްފިއެވެ.
މަރާމާތަށްފަހު ހުކުރު ދުވަހުގެ ހެނދުނު އާންމުންނަށް ހުޅުވާލި މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ބަންދު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ އެ ސަރަހައްދުގެ ފަޅުތެރެއަށް ކަޅުތެޔޮ އެޅި މޫދު ތަގައްޔަރުވުމާ ގުޅިގެންނެވެ.
އެ ސަރަހައްދު ސާފުކޮށް ނިމެންދެން ރަސްފަންނުގެ މޫދަށް ނޭރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމަށްފަހު ހުޅުވާލީ މިދިޔަ ހުކުރު ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ.
މި މަރާމާތުގެ މަޝްރޫއުގެ ދަށުން މުހިންމު މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ އުތުރު ފަރާތުގެ ޑްރެއިނޭޖް ނިޒާމު ރަނގަޅުކުރުމަށް ޓަކައި އާ ފެން ހިންދާ ނިޒާމެއް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މޫދު ފެން ދައުރުވުން ރަނގަޅުކުރުމަށް ޓަކައި، ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.
ރަސްފަންނަކީ ގިނަ އަދަދެއްގެ އާންމުން މޫދަށް އެރުމަށާއި ހިތްއުފާކޮށްލުމަށް ބޭނުންކުރާ މަގުބޫލު ސަރަހައްދަކަށް ވުމާއެކު، މި ގެނެވުނު ބަދަލުތަކާއެކު އެތަން ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްފަސޭހަކަމާއި މުހިންމު ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ރަސްފަންނު އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2016 ވަނަ އަހަރުއެވެ. އެ ދުވަސްވަރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

