އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި އެވެ.
އެސްޑީއެފްސީން މިގޮތަށް ނިންމީ ކޮވިޑް-19އާ ގުޅިގެން ލޯނުތައް އަނބުރާ ދައްކަން ދިން މޮރިޓޯރިއަމްގެ މުއްދަތު އަންނަ މަހަށް ހަމަވާތީ އެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް ނޭދެވޭ އަސަރު ކޮށްފައިވާތީ، ބޭންކުތަކުން ވަނީ އެ ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. އެކަމަކު، އަދިވެސް ހާލަތު ރަނގަޅު ނުވާތީ މި އަހަރުގެ ނިޔަލަށް އެ ލޯނުތައް ފަސްކޮށްދޭން ނިންމީ ކަމަށް އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކާ މުއްދަތު އިތުރު ކުރަން ނިންމިޔަސް އެ މުއްދަތު ދޭނީ އެ ބޭންކުން ކުރިން ލޯނު ނެގި ކަސްޓަމަރުންނަށް އެކަންޏެވެ. ރިލީފް ސްކީމް ދަށުން ނަގާ ލޯނުތައް ލުއި ކުރުމާ ގުޅޭގޮތުން އަދި މަޝްވަރާ ނުކުރާ ކަމަށް ޒީނާދު ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކުގެ މި ނިންމުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ޝުކުރު އަދާކުރެއްވި އެވެ.