ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބޭންކް ގެރަންޓީ އާއި ނުލާ އެޑްވާންސް ފައިސާ ދޫކުރުމުގެ ހުއްދައެއް ނުދެން!”

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމިރު/ ރައްޔިތުންގެ މަޖިލީހުގެ މާލިއްުޔަތު ކޮމިޓީ ބައްދަލުވުމުގައި-- ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަ ބޮޑުވެފައިވާ ދުބާއީގެ ކުންފުންޏަށް 75 ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް، ބޭންކް ގެރެންޓީއާ ނުލައި އެޑްވާންސް ފައިސާގެ ގޮތުގައި 30 މިލިއަން ރުފިޔާ ދެއްކުމުގެ ހުއްދަ ހެލްތް މިނިސްޓްރީއަށް ދީފައިނުވަނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކާއި، ކުރި މަސައްކަތްތަކުގެ ތަފްސީލުތައް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމެންޓު” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބަލަން ޖެހޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވެފައިވަނީ، ބޭންކް ގެރަންޓީ އާއި ނުލާ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެނައުމުގެ ހުއްދަ ހެލްތް މިނިސްޓްރީއަށް ދޫކޮށްފައި ނުވާނެ ކަމަށެވެ. ބޭންކް ގެރެންޓީއާއި ނުލާ މަސައްކަތް ކުރުމުގެ ހުއްދަ ދޫކޮށްފައި ނުވާނެ ކަމަށް އަމީރު ވިދާޅުވީ ނަމަވެސް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ވިދާޅުވީ މަސައްކަތް ކުރިޔަށް ގެންދިޔައީ ފިނޭންސްގެ ހުއްދައާއި އެކު ކަމަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ އެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީއިން މާލިއްޔަތު ގާނޫނާއި ހިލާފުވެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން، ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ފައިސާ ދައްކާފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާގެ 30 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގެރަންޓީއެއް މިނިސްޓްރީން ހޯދާފައި ނުވެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ބިޑް އެއްބަސްވުން ހަދާފައިވަނީ އެޑްވާންސް ގެރަންޓީއަކާއި ނުލައި ކަމަށެވެ. އަދި ވެންޓިލޭޓަރުގެ 90 އިންސައްތަ ޕޭމަންޓު ގާއިމް ކުރުމަށްފަހު، އެ ފައިސާ ޖަމާ ކުރުމަށް މަސައްކަތް ކުރީ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަކަށް ކަމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. މި ވެންޓިލޭޓަރުތަކަށް އެޑްވާންސް ގެރަންޓީއަކާއި ނުލާ ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކިއެވެ.

އޮޑިޓު ރިޕޯޓުގެ މައްސަލައިގައި މާލިއްޔަތު ކޮމިޓީއަށް ހެލްތް މިނިސްޓަރާއި، މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ބިޑު ކޮމިޓީ ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީގައި ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމް ވިދާޅުވީ އެޑްވާންސް ފައިސާ ދޫކުރީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ އަދި ފިނޭންސްއިން ވެސް ދޫކޮށްފައިވާ ހުއްދައަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަވަހަށް ތަކެތި ހޯދުމަށް ކުރާ މަސައްކަތްތަކުގައި ހުރިޙާ ކަމެއްގެ ތެރެއިން ކުރިޔަށް ދިއުން އެއީ ވަގުތު ނަގާނެ ކަމަކަށް ވާތީ ބައެއް ޕްރޮސެސްތަކަށް މާލިއްޔަތު ގަވައިދު ތަން ދިން ގޮތަކުން އަވަސް ކުރުމަށް ހުއްދަ ދީފައިވީ ނަމަވެސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ހެލްތު މިނިސްޓްރީ އަށް ހުއްދަދީފައި ނުވާނެ ކަމަށް އަމީރު ކޮމިޓީގައި ވިދާޅުވިއެވެ. އަދި ކޮވިޑުގެ ހާލަތުގެ ތެރޭގައި މިނިސްޓްރީއަށް ހުއްދަ ދީފައިވަނީ ބޭންކް ގެރެންޓީއެއް ނަގައިގެން ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑު ފެތުރެމުން ދިޔައިރު، އެ ގައުމުތަކުން ވެންޓިލޭޓަރުތަކަށް ކުރަމުންދިޔަ ޑިމާންޑު ދިޔައީ ބޮޑުވަމުން ކަމަށެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއި ގުޅިގެން މެޑިކަލް ސާމާނުތައް ގެނައުމަށް ވެސް ދަތިތަކެއް ދިމާވި ކަމަށެވެ. އެގޮތުން ރާއްޖެއިން ވެސް ބައްޔާއި ދެކޮޅަށް ކުރަމުން ދިޔަ މަސައްކަތްތަކާއި އެކު ވެންޓިލޭޓަރުތައް ގެނައުމަށް ހޮވި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެގްޒެކިއުޓާސް އަކީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ލަފައެއްކަމަށް ބުނެ، ވީހާވެސް އަވަހަށް ވެންޓިލޭޓަރުތައް ގެނައުމަށް ސިއްހީ މާހިރުން ލަފާ ދެމުން ދިޔަކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖެއިން ބަލި ފެނުމަށްފަހު، މުޅި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހާސްކަން އޮތް އިރު ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވާނީ އަދި ހުއްދަ ދީފައި ވާނީ މާލީ ނިޒާމްގެ އަސާސްތައް ހިފަހައްޓައި މެޑިކަލް ސާމާނުތައް ރާއްޖެ ގެނައުމަށްކަމަށް އަމީރު ތަކުރާރު ކުރެއްވިއެވެ. އޭގެ އިތުރުން ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި މަސައްކަތް ހަވާލު ކުރުމާއި އެކު 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލުކުރުމުގައި އެޑްވާންސް ފައިސާ ދޫކުރަން ޖެހޭނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްކަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

“މާލިއްޔަތު ގަވައިދުގެ 10.67 ރ. ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ގެރެންޓީ ނުނަގާ އޮތުމަކީ ދީފައިވާނެ ހުއްދައެއް ނޫން. މިއީ އެ ފަރާތާއެކު ވެފައިވާ އެގްރީމަންޓުގައި ވެސް ހިމެނޭނެ ކަމެއް. އެހެންކަމުން ޕޭމަންޓް ގެރެންޓީ ނެގުމާ މެދު ފިނޭންސްއިން އެގްޒަމްޕްޝަންއެއް ދީފައި ނުވާތީ، އެ ހޯދަން ޖެހޭނެ.” އަމީރު

ކޮމިޓީގައި އަމީރު ވިދާޅުވީ ގޮތުން މިނިސްޓްރީއިން ދެ ފަހަރެއްގެ މަތީން އެޑްވާންސް ޕޭމަންޓަކަށް އެދުނެވެ. އެއީ ފުރަތަމަ 75 އިންސައްތައަށްފަހު އޭގެ ފަހުން 15 އިންސައްތަ ދެއްކުމަށެވެ. އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުން ހޯދައި އޭގައިވާ ޕޭމަންޓް ޝެޑިއުލް ބަލާފައިވާނެ ކަން ފާހަގަކޮށް އަމީރު ވިދާޅުވެފައި ވަނީ އެ އެގްރީމަންްޓުގައިވާ ގޮތުން 15 ޕަސެންޓް ދައްކަން ޖެހެނީ ވެންޓިލޭޓަރުތައް ޝިޕްމެންޓަށް ތައްޔާރުވުމުން، އެ ތަކެތި ކަންޓްރީ އޮފް އޮރިޖިން އިން ފުރުވާލުމުގެ ކުރިންނެވެ. އެހެން ނަމަވެސް އެ ޝިޕްމަންޓުގައި ގެންނަން މަސައްކަތްކުރީ 10 ވެންޓިލޭޓަރުކަމަށް ވުމާއި އެކު އިތުރު 15 ޕަސެންޓް ދެއްކުމަށްފަހު އެންމެ ފަހު ޝިޕްމަންޓަށް ހެދޭތޯ ލަފާ ދެވުނު ކަމަށެވެ.

އަމީރު ވިދާޅުވީ ހެލްތާއި މަޝްވަރާ ކުރުމުން މިނިސްޓްރީން ވެންޓިލޭޓަރުތަކުގެ ޝިޕްމަންޓްގެ ފޮޓޯ އާއި ވީޑިއޯވެސް ލިބިފައިވާކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ހުއްދަ ދީފައިވަނީ އެޕްރީލް، 24 ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: