ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޭންސްއިން ވެސް ގޯސް ކުރީ ހެލްތުގެ ބިޑު ކޮމިޓީ!

ކުރީގެ ލެތް މިނިސްޓަރު އަބްދުﷲ އަމީން އާއި، މިނިސްޓްރީގެ ބިޑު ކޮމިޓީީގެ ޗެއާ ނިޝާމާ މުހައްމަދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ފިނޭންސް މިނިސްޓްރީން ދިން ހާއްސަ ހުއްދަ އާ ހިލާފަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އަމަލުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ދިމާވި ކޮވިޑުގެ ހާލަތުގެ ތެރޭގައި މެޑިކަލް ސާމާނުތައް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދިޔައިރު، އޭގެ ތެރޭގައި އާއްމުން އެންމެ ބޮޑަށް ސުވާލު އުފައްދާފައިވަނީ ވެސް ވެންޓިލޭޓަރުގެ އެއްބަސްވުމަށެވެ. އެގޮތުން ނޫސްވެރިންގެ ސުވާލުތައް ތަކުރާރުވާން ފެށުމުން ޕްރެސްކޮންފަރެންސްތަކުގައި އާއި، ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުކޮށްފައި ވެއެވެ.

ފާއިތުވީ ހަ މަސް ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީން ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކާއި، އަދި ކުރި ހަރަދުތަކުގެ ތަފްސީލުތައް އެނގިގެން ދިޔައީ އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި އޮޑިޓަށްފަހު އެވެ. އަދި އޮޑިޓު ރިޕޯޓު ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި އާއި އަދި އެ ނޫންވެސް މެޑިކަލް ސާމާނުތައް ގެނައުމަށް ކުރި މަސައްކަތްތަކުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާކަން ހާމަވެފައެވެ.

މާލިއްޔަތު ކޮމިޓިގެ ބައްދަލުވުމުގައި މިނިސްޓްރީގެ ބިޑު ކޮމިޓީން ވެސް ވަނީ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑު ކޮމިޓިގެ ޗެއާ މަރިޔަމް ނިޝާމާ ވިދާޅުވެފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ތިން ކުންފުންޏާއި ވެސް އެއްބަސްވުން ގާއިމްކޮށްފައިވަނީ ގަވައިދާއި އެއްގޮތަށް ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ހުއްދައަށް ކަމަށެވެ. ބިޑް ކޮމިޓީ އަށް ހުށަހެޅީ ދުބާއީ ކުންފުނި ހޮވައި ސިންގަލް ސޯސްކޮށް ކުރިއަށް ގެންދަން ނަމަވެސް، އެގްޒެކިއުޓާސް އާއި މުއާމަލާތް ކުރުމުގައި އެ ހާލަތުގެ ގޮތުން ބިޑް ކޮމިޓީގެ ދައުރެއް ނޯންނާނެކަމަށް ނިޝާމާ ވިދާޅުވިއެވެ.

އޮޑިޓު ރިޕޯޓުގެ މައްސަލައިގައި އެންމެ ފުރަތަމަ ކޮމިޓިއަށް ހާޒިރުކޮށްފައިވަނީ އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތުއެވެ. ޒިޔަތު ވެސް ވަނީ ބިޑު ކޮމިޓިން އަމަލުކޮށްފައިވާ ގޯސްކަން ފާހަގަކޮށް ކޮމިޓީގައި ވާހަކަ ދައްކަވާފައެވެ. ރާއްޖެއަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި މައްސަލައިގައި ޒިޔަތު ވިދާޅުވެފައިވަނީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، ބީލަމަކާއި ނުލައި މާލިއްޔަތު ގާނޫނުގެ ތެރެއިން ކުރިޔަށް ގެންދިއުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން މާލިއްޔަތު ގާނޫނުގެ ދަށުން ކުންފުނިތަކުގެ މާލީ ހާލަތު ކަށަވަރު ކުރަން ޖެހޭއިރު، މާލީ ހާލަތު ބަލާފައިނުވާކަން ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ.

ޒިޔަތުއަށް ފަހު ކޮމިޓިއަށް އަމީން އާއި، ބިޑު ކޮމިޓިގެ މެމްބަރުންނާއި އަދި މިނިސްޓްރީގެ އިސްވެރިން ހާޒިރު ކުރިއެވެ. މެމްބަރުންގެ ސުވާލުތަކަށް އަމީން ވެސް ދެއްވި ޖަވާބުގައި ވިދާޅުވީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަށް އެއްވެސް އަމަލެއް ނުހިންގާ ކަމަށެެވެ. އަދި އޭނާ މަސައްކަތް ކުރީ އިހުލާސްތެރިކަމާއި އެކު ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ބިޑު ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ވެސް ވިދާޅުވީ އޭނާ އަމަލު ކުރީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް، ފިނޭންސް މިނިސްޓްރީގެ ލަފާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ދުބާއީ ކުންފުނީގެ ސައްހަ ކަމާއި މެދު ވެސް އޮޑިޓުން ސުވާލު އުފެދޭއިރު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ފިނޭންސް މިނިސްޓްރީން ދިން ހާއްސަ ހުއްދަ އާ ހިލާފަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އަމަލުކޮށްފައިވާ ކަމަށެވެ.

ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ބިޑް އެއްބަސްވުން ހަދާފައިވަނީ އެޑްވާންސް ގެރަންޓީއަކާއި ނުލާއެވެ. އަދި ވެންޓިލޭޓަރުގެ 90 އިންސައްތަ ޕޭމަންޓު ގާއިމް ކުރުމަށް ފަހު، އެ ފައިސާ ޖަމާ ކުރުމަށް މަސައްކަތް ކުރީ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަކަށެވެ. އެއީ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. ނުވަތަ 2 މިލިއަން ޑޮލަރެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. މި ވެންޓިލޭޓަރުތަކަށް އެޑްވާންސް ގެރަންޓީއަކާއި ނުލާ ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކިއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ކޮންމެ ބޭނުންވެފައިވާ ވެންޓިލޭޓަރުތައް ހޯދުމަށް ހާއްސަ ހުއްދައެއް ދިނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން އެކަންކަން ކުރުމަށް ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި އަމީރު ވިދާޅުވެފައިވަނީ އެޑްވާންސް ފައިސާ ދެއްކެއިރު، ކުންފުނީގެ ފަރާތުން ޕަފޯމަންސް ގެރެންޓީއެއް ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގަވައިދުގައި އޮތް މާއްދާއަށް އެއްވެސް ބަދަލެއް ގެނެސް، ލުޔެއް ދީފައި ނުވާނެ ކަމަށެވެ.

“ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް ބަލައިގެން” އަމީރު

ބިޑު ކޮމިޓީގެ ޒިންމާތައް ފާހަގަ ކުރައްވައި، އަމީރު ވިދާޅުވީ މެޑިކަލް ސާމާނުތައް ގެނަންން ހަވާލުކުރާ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލްކަން ބެލުމަކީ އެއީ ބިޑް ކޮމިޓީގެ ޒިންމާއެއް ކަމަށެވެ. އަމީރު ވިދާޅުވީ ކުންފުންޏަކަށް އެޑްވާންސް ޕޭމަންޓެއް ދައްކާއިރު ފުރިހަމަ ކުރަންޖެހޭ ހުރިހާ ޕްރޮސެސްއެއް ނިމިފައިވޭތޯ ބަލަން ޖެހޭނެ ކަމަށެވެ. އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން، އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ މާލީ މައްސަލަތައް ބަލާ ކޮމިޓީން ރިޕޯޓު ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އެ ކޮމިޓީގެ ލަފާގެ މަތީން އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އެގްޒެކިއުޓާސް ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރިއިރު، އެ ކުންފުންޏަކީ މިފަދަ ބޮޑު މަސައްކަތެއް ކުރިޔަށް ގެންދެވޭނެވަރުގެ މަލީ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްތޯ ހެލްތް މިނިސްޓްރީން ބަލާފައިނުވަކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ދުބާއީގެ އެ ކުންފުންޏާއި އެކު މީގެ ކުރިން ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައިނުވާއިރު، އެގްޒެކިއުޓާސްއިން މީގެ ކުރިން މެޑިކަލް އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވޭތޯ އާއި، ކުންފުނީގެ މަސައްކަތްތަކުގެ ތަޖުރިބާއަކީ ކޮބައިކަން ބަލާފައިނުވާއިރު އެ ކުންފުނީގެ ފަންނީ ގާބިލުކަން ބެލުމުގެ ގޮތުން އެއްވެސް ލިޔެކިއުމެއްގެ އެހީތެރިކަން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވާނީ ފާހަގަކޮށްފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: