ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ޚިޔާލު: ސަރުކާރުންވެސް، އިދިކޮޅުންވެސް ގައުމަކަށް ހެވެއް ނޭދޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގެ ސިޔާސީ މަޝްރަހު މިއަދު އޮތް ޙާލަތަށް ބަލާއިރު، ސަރުކާރު ކޯލިޝަނާއި އިދކޮޅު ކޯލިޝަންގެ ކޯޅުން ވަނީ ވަރަށްް ބޮޑުވެފައެވެ. ޚުދު ސަރުކާރު ކޯލިޝަންގެ ތެރޭގައިވެސް މާ ބޮޑު ބަދަހިކަމެއް އޮތްތަނެއް ނުފެނެއެވެ.

ގައުމު މިހާރު މިއޮތް ހާލަތަކީ ހަގީގަތުގައި ސިޔާސީ ފިކުރުތަކާއި ދެބަސްވުންތައް އެއްފަރާތް ކުރުމަށްފަހު ހުރިހާ އެންމެންވެސް އެއްބައިވާންވީ ވަގުތެވެ. އެކަމަކު މިނާޒުކު ދަނޑިވަޅުގައިވެސް ފެންނަމުންމިދަނީ ގައުމު ހިންގައި، ޒިންމާދާރުކުރުވަންތިބި ވެރިން އެމީހުންގެ ގޮތުގައި “ނާޗަރަންގީ ކުޅޭ” ތަނެވެ.

ސަރުކާރު ހިންގަން ތިބި ވެރިން، ލޮކްޑައުންއެއްގައި މުޅި ގައުމު ބާއްވައިގެން މުޅި ދައުލަތް ދޮވެލައިފިއެވެ. ނިކަމެތި ރައްޔިތުން އަނގަ އާއި އަތާއި ދިމާނުވާއިރު، ދިރިއުޅެމުން ދިޔަ ގެތަކުން ނުކުންނަންޖެހޭ ހާލަތަށް ދިޔައިރު، މިވެރިންނަށް ކަމެއްވީހެންވެސް ހީނުވެއެވެ. ހަމަޔަކަށް އެޅިލައި، ރަނގަލަށް ބަލާލިއިރު، މިއޮތީ މިވަގުތުވެސް ކުރެވެން އެންމެ ހެޔޮކޮށް މިކަން ކޮށްލާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން އިންތިހާއަށް ވައްކަންކުރަމުންދާތީ ކެތް ނުވެ، “ޒީރޯ ޓެލެރެންސް”ގެނަމުގައި ވެރިކަމަށް އައިބަޔަކު ދޮވެލީ މުޅި ގައުމުގެ ނޭވާ ހޮޅިއެވެ. މިހާލަތަށް އެންމެ ބޭނުންވާނެފަދަ ތަކެތިންނެވެ. ވެންޓިލޭޓަރުތަކާއި، މާސްކު ތަކާއި ޕީޕީއީ ތަކުންނެވެ. މިފަދަ ތަކެތި ހޯދުމުގެ ނަމުގައި ވައްކަން ކޮށްގެން ތިބެ، މީގެން އެއްޗެއް ނެތުމުގެ ސަބަބުން ދެން ކުރިމަތިވާ ކަންކަމުގެ ޒިންމާވެސް ނަގަންޖެހޭނީ ރައްޔިތުންނަށެވެ. ރައްޔިތުން ފަރުދީ ޒިންމާ ނުނެގީމައެވެ.

ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއަށް ލިބުނު ހިލޭ އެހީގެ އަދަދުތަކުން، ނިސްބަތުން ބަލާއިރު މީގެން ޒަމާނެއްގައިވެސް ރާއްޖެއަށް ނުލބެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް، އެފައިސާތަކުން ކުރީ ކީއްތޯ، އެހާލަތުގައި ރައްޔިތުން ބަނޑަށް ޖެހެމުން ދިޔައިރު އެކަށީގެންވާ ވަރަށް އަޅާނުލެވުނީ ކިއްވެތޯ އާންމުން ސުވާލު އުފައްދައެވެ.

ލޮކްޑައުންއެއްގައި ރާއްޖޭގައި ދެމަހެއްހާ ދުވަސް ކެތްކޮށްނުލެވުނެވެ. މުޅި ގައުމުގެ އިގްތިސާދު ފުނޑު ފުނޑުވެ ވަކި ވަކި ފަރުދުުންގެ އަތްމަތި ދަތިވެ އާއިލާތަށް ބަނޑަށް ޖެހެން ފެށީއެވެ. ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާތައް ގެއްލި އާންމު ރައްޔިތުން ތިބީ ހަތަރު އުދަރެސް ފެނިޖެހިފައެވެ. ބޮޑުން ނުވަތަ މުއްސަނދިން އުޅުނީ ޖީބު ބޮޑުކުރެވޭތޯއެވެ. ނޫނީ ޕާޓީ ކުރެވޭތޯއެވެ.

މިކަންކަމުގެ ސަބަބުން އިދިކޮޅުން ކެކިގަތެވެ. އެހެންނަމަވެސް، އިދިކޮޅުން ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި އަމަލުކުރަން ފެށީ ޖެއްސުން ކުރާ އުސޫލުންނޭވެސް ބުނެވިދާނެއެވެ. މިހާލަތަކީ ގައި ދުރުކަން އިސްކޮށް، އަނގައާއި ނޭފަތް ނިވާކޮށްގެން އުޅެންވީ ދުވަސްވަރެއްކަން އެންމެ ކުޑަކުއްޖާއަށްވެސް މިހާރު އެނގެއެވެ. ގައުމަށް ގެއްލުންވާ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާތީ، އެކަންކަން ހައްލުކުރުމަށް ގޮވާލައި ނުކުތީ، ގައުމަށް ހުރި އެންމެ ގެއްލުން ބޮޑު ގޮތަށެވެ.

ފުަރަތަމަ ބާއްވަންފެށި އެއްވުންތަކާއި ހަވާލެއްވެސް ނުވެއެވެ. ބުނަމުންދިޔައީ އެއީ ރައްޔިތުން ކުރަމުންދިޔަ މުޒާހަރާތަކެއްގައި އިދިކޮޅު ކޯލިޝަނުން ބައިވެރިވަމުންދިޔައީ ކަމަށެވެ. އެކަމަކު އެއްވުމުގެ ކުރީ ސަފުގައި ތިބީ އާންމު ރައްޔިތުންނެއް ނޫނެވެ. ތިބީ އިދކޮޅު ކޯލިޝަންގެ އިސްވެރިންނެވެ. އަތާއި އަތް ގުޅުވައިގެންނެވެ. އެއްބަޔަކު މާސްކު ވެސް ނާޅައެވެ. މާސްކުތައް ބިންމައްޗަށް އުކި ބަޔަކުވެސް އުޅުނެވެ.

ބޮޑު ބަލިމަޑުކަމެއް އޮތްހެނެއް އެތަނުގައި ތިބި މީހުންނަށް ހީނުވާފަދައެވެ. އުފެދިދާނެ ކްލަސްޓަރއަކާއި މެދު ބިރެއް، ފިކުރެއް ނެތެވެ. މިއީ ގައުމަށް ހެޔޮ އެދިގެން، ސަރުކާރު ޒިންމާދާރު ކުރުވަން ނުކުތް ބޭފުޅުންގެ ހުރި ޒިންމާދާރުކަމެވެ. ގައުމަށް ގޮތެއްވެދާނެތީ ބިރުގަންނަ ވަރެވެ.

މިފަދަ ކަންކަމުން ހާމަވެގެންދަނީ މީގެން ބަޔަކު ގައުމަށްވެސް، ރައްޔިތުންނަށްވެސް ހެވެއް ނޭދޭ ކަމެވެ. ކުރީ ސަރުކާރުންވެސް ކުރީ ވައްކަމެވެ. މިސަރުކާރުންވެސް ކުރަމުންދާތަން މިފެންނަނީ އެމަންޒަރެވެ. ގައުމަށް ހެޔޮ އެދޭ ބަޔަކުނަމަ ރައްޔިތުންނާއި ދޭތެރޭ ވިސްނާނެއެވެ. ދައުލަތް ދޮވެލުމަކީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއްނޫނެވެ. ބަލިމަޑުކަމުގެ މިހާލަތުގައި އެއްވުންތަކަށް އައުމަށް އެކަންކަމަށް ހިތްވަރު ދިނުމަކީވެސް ގައުމަށް ހެޔޮ އެދޭނެ ބަޔަކު ކުރާނެ ކަމެއްނޫނެވެ. ސަރުކާރުންވެސް، އިދިކޮޅު ކޯލިޝަނުންވެސް ރައްޔިތުންނަށް ހެވެއް ނޭދެޔޭ ބުނެވެނީ އެހެންވެއެވެ!

 

ވަރަށް ގަދަ
70%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 7%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރަށް ރަނގަޅު ލިޔުމެއް. ހަމަ ރަނގަޅަށް ތި ބުނީ. ސިޔާސީ އެއްވެސް ބަޔަކު ނޫޅޭ ގައުމަށްޓަކައި އެއް. ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ވެރިކަމާ ބާރު. ދެދުނިޔެ އަށް ވިސްނާ ބަޔަކު ނޫޅޭ ސިޔާސީ ފިކުރު ގައި ނިމި ދާން މި ވެރިން ބޭނުން ވަނީ. މި ގައުމެއް ދެން ނުވާނެ ރަނގަޅެއް. ހެޔޮ ލަފާ ވެރި އަކު ދެން އަންނާނެ ހެން ހީ ނުވެ. ދީނަށް ނުވި ލޯބި އެހެން ކަމަކަށް ނޯންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: